(25 ސެޕްޓެމްބަރާ 2018 އާ ގުޅޭ)

އެމީހުން އައިސް އަހަރެންގެ އަތުގައި ބިޑިއެޅުވިއެވެ. އަހަރެން ހައްޔަރުކުރިއެވެ. އަހަރެން އުޅޭ ކޮޓަރި ބަލައި ފާސްކުރިއެވެ. އަހަރެންގެ ކޮމްޕިއުޓަރުގެ ހާޑު ނަގައިގެން ގެންދިޔައެވެ.

"މިހިނގާ ހުރިހާ ކަމެއް ޖަލީލަށް އެނގޭނެ. ރީތިކޮށް ހުރިހާ ކަމެއް ކިޔައިދީ. މިކަމުގައި އެއްބާރުން ނުދީފިނަމަ މިއީ ސީދާ ޖަލީލުކުރިކަމެއްކަމަށް ބެލުމުގެ ފުރުޞަތު އެބައޮތް." ފުލުހުންގެ ދެ މީހަކު ތިބެގެން ސުވާލުކުރަމުން ދިޔައީ އަހަރެންނަށެވެ.

"ހަމަ ހުވާކޮށްފައި ބުނަން. މިހިނގާ އެއްވެސް ކަމެއް އަހަރެންނަކަށް ނޭނގޭ. އެއީ އަހަރެން ލިޔުނު ވާހަކައެއް. އަހަރެންނަކަށް ނޭނގެ" ވަރަށް ބިރުން އިނދެ އަހަރެން ވާހަކަދައްކަން ފެށީމެވެ.

"ނޭނގޭ. ބަލަ ހުރިހާ ކަމެއް ނަންތަކާއެކު ލިޔާއިރު ނޭނގެޔޭތަ ތިބުނަނީ؟ ނޭނގޭނަމަ ތިހާ ފުރިހަމައަށް ލިޔެވޭނެތަ؟ ބުނޭ. ހަމަ މިހާރު ބުނޭ؟" ފުލުހުންގެ މީހާ އަޑު ގަދަވާން ފެށިއެވެ. އަހަރެން ތުރުތުރު އަޅަންފެށިއެވެ. އަހަރެން ބުނާނީ ކީކޭހެއްޔެވެ؟ ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ؟ ކިޔާނީ ކީކޭ ހެއްޔެވެ؟ ހަލީމުގެ މަރުގެ އެއްވެސް ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެނގޭހާވެސް ކަމަކީ އެ ހާދިސާ ހިނގަނީ އަހަރެން ލިޔެފައިވާ ވާހަކައާ އެއްގޮތަށް ކަމެވެ.

"އަހަރްނަކަށް ނޭނގެ. ހަމަ ހުވާކޮށްފައި މިބުނަނީ އަހަރެންނަށް ތިކަން ހިނގި ގޮތެއް ނޭނގެ. އަހަރެން އެ ވާހަކަ ނޫހަށް ފޮނުވީ މީގެ ތިން ހަފުތާ ކުރިން. އޭރު މިކަމެއް ނުހިނގާ. މިކަމެއް ހިނގީ އޭގެ ފަހުން. ވާހަކައިގައި ވާގޮތް ވާނެކަމެއް އަހަރެންނަށް ކިހިނެއް އެނގެނީ. ހަމަ ހުވާ މިބުނީ އަހަރެންނަކަށް ނޭނގޭ" އަހަރެން ރޮމުން ރޮމުން ބުނީމެވެ.

ފުލުހުންގެ ސުވާލުތައް މެދުކަނޑާލީ އަހަރެން ދެއްކި ވާހަކަތަކުގެ ސަބަބުން ކަމެއް ނުވަތަ އެހެން ކަމެއް ވެގެންކަމެއް އަހަރެންނަކަށް ނޭނގެއެވެ. އަހަރެން އިނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އަހަރެންނަށް ކުރެވެނީ މީހަކު މަރާލިކަމުގެ ތުހުމަތެވެ. އެކަމާ އަހަރެން އެއްބަހެއް ނުވަމެވެ.

އެ ބަންދުގައި އިންނަން ޖެހުނީތީ އަހަރެން ދެރަވިއެވެ. ލޮލުން ކަރުނަ ހިލުނެވެ. ލިޔެވުނު ވާހަކައާމެދު ނަފުރަތު ކުރެވުނެވެ. އެންމެ ކަންބޮޑުވީ ވާހަކައިގައި ވާގޮތް ވެދާނެތީއެވެ. އެ ވާހަކަ ނިމޭނީ އަހަރެންނާމެދު ކުރެވުނު ތުހުމަތުގައި އަހަރެން ހައްޔަރުވެގެންނެވެ. އަހަރެންނަށް އަންނަ ޖަލު ހުކުމާއެކުގައެވެ. ކަންކަން ތަރުތީބުވެ ހިނގަމުން ދިޔައީ އެގޮތަށެވެ. ގޮތްނޭނގޭ ކަމެއްގެ ތެރެއަށް އަހަރެން ބެދިގެން ދިޔައީ ކިހިނެއް ކަމެއް ޚުދު އަހަރެންނަކަށް ވެސް ނުވިސްނުނެވެ. އަހަރެންނަށް އެނގެނީ އަހަރެން ލިޔުނީ ޚިޔާލީ ވާހަކައެއްކަމެވެ. އެ ވާހަކަ ހަގީގަތަކަށްވީ ކީއްވެ ހެއްޔެވެ؟ އެ ހުރިހާ ކަމެއް އެގޮތަށް ދިމާވަމުން އެދަނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟

އެންމެ ފަހުން ވާހަކައިގެ ކުންނުގައި އުޅޭ ސިޔާސީ ދެ މީހުން ވެސް މިކަމުގައި ބެދިއްޖެއެވެ. ދެ މީހުން ހައްޔަރުވެސް ކުރެވިއްޖެއެވެ.

"ކޮބާ ސިޔާސީ ދެ މީހުންވެސް މިހާރު ހައްޔަރު ވެއްޖެ. އަދިވެސް އެއްބަހެއް ނުވާނަންތަ މިކަންކުރީ ޖަލީލުކަމަކަށް. އެ މީހުން އެބުނަނީ ހަލީމު މަރާލީ ޖަލީލޭ. އެކަން ހިނގިގޮތް އެނގޭނީ ޖަލީލަށޭ. ޖަލީލަށް އެކަން ކިޔާދިން މީހަކު ހުންނާނެޔޭ. އޭނާއަށް މިކަން އެނގޭނޭ. ބުނޭ ޖަލީލު. ޖަލީލަށް އެނގޭނީ" އަހަރެން ހުރީ ދޭނެ ޖަވާބެއް ނޭނގިފައެވެ. ހަތަރު އުދަރެސް ފެނުޖެހުނީއެވެ. އަހަރެން މިކަމުގައި ބެދުނީކަން ކަށަވަރުވީއެވެ.

"ނޫން.... ނޫން... އަހަރެންނެއް ނޫން. އަހަރެން ތި ކަމުގައެއް ބައިވެރިއެއް ނުވަން. އަހަރެންނަކަށް ނޭނގެ. ހުވާ ކޮށްފައި މިބުނަނީ. އަހަރެންނަކަށް ތިއިން އެއްވެސް ކަމެއް ނޭނގެ. އަހަރެން ލިޔުނީ ޚިޔާލީ ވާހަކައެއް." އަހަރެން ރޮއިގަތީމެވެ. އަޑު ނަގައި ރޮމުން ދިޔައީމެވެ.

"ބަލަ މިވަރު ކަމެއް ކުރިއިރު ދެރަވާކަށް ނޭނގުނެއްނު؟" ފުލުހުންގެ މީހާ ބުނި ޖުމުލައިން ވެސް އަހަރެންނަށް ރޮއިގަނެވުނީއެވެ.

ތިން ދުވަސްފަހުން އަހަރެން ހާލު ދެރަވާން ފެށިއެވެ. އެއްޗެއް ނުކެވޭތާ އެއްޗެއް ބޯން ވެސް ބޭނުން ނުވަނީއެވެ. ހަމަ ވިސްނެނީއެވެ. އަހަރެން ބަންދުކުރި ސަބަބާމެދު ފިކުރު ކުރެވެނީއެވެ. ދެން އޮތީ ޖަލުކަން އަހަރެންނަށް ޔަގީންކުރެވުނެވެ. މިކަމުން ސަލާމަތް ވާން ނެތްކަން ކަށަވަރު ކުރެވުނެވެ. ސިޔާސީ ބައެއްގެ އަތްދަށުން ސަލާމަތްވުމަކީ ނާދިރު ކަމެކެވެ. ވާހަކަގައި ވެސް އެކަން ހިނގީ އެގޮތަށެވެ. ވާހަކަ އެގޮތަށް ނުލިޔެވުނު ނަމައެވެ. ވާހަކައިގައި ސިޔާސީ މީހުންތައް ހައްޔަރުކޮށް ޖަލަށް ލެވުނު ނަމައެވެ. އެކަމަކު މިހާރު މާ ލަސްވެޖެއެވެ. އެކަން އެ އޮތީ ނިމިފައެވެ.

"ޖަލީލް... ވަރަށް ބޮޑަށް މައާފުކުރާތި. އަހަރެމެން ޖަލީލާމެދު ކަންތައް ކުރެވުނީ އެންމެ ރަނގަޅަކަށް ނޫން. ހަލީމުގެ މަރާ ގުޅުން ހުރި އެއްވެސް ކަމެއްގައި ޖަލީލުގެ އަތެއް ނުވާކަން ޔަގީން ވެއްޖެ. މިކަމުގައި މިހާރު ހައްޔަރުކޮށްފައިވާ އެންމެން އެ ވަނީ އެއްބަސްވެފައި." ފުލުހުންގެ އޮފިސަރު ދެއްކި ވާހަކަތަކުން އަހަރެންނަށް ފުން ނޭވާއެއް ލެވުނުވެ.

"ތިބުނީ އަހަރެން ލިޔުނު ވާހަކައިގައި އަހަރެން ސަލާމަތް ނުވިނަމަވެސް އަހަރެން ސަލާމަތް ވިއްޔޭތަ؟" އަހަރެންނަށް އަހައިލެވުނެވެ.

"އާނ.. ސަލާމަތްވެއްޖެ. ޖަލީލުގެ ކުށެއް ނެތް. ތި ވާހަކައަކީ އަހަރެމެންގެ ތަހުގީގަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް. ފަހުން އަހަރެމެން ހިންގި ގިނަ އޮޕްރޭޝަންތައް ހިންގީ ވާހަކައަށް ވެސް ބަލާފައި" ފުލުހުންގެ އޮފިސަރު ބުންޏެވެ.

"ޖަލީލު އަދި މިތަނުގައި ދެ ހަފުތާވަރު މަޑުކޮށްލަން ޖެހޭނެ. ހުރިހާ ކަމެއް މުޅިން ހަމަޖެހުމުން ދެވޭނީ. އެކަމަކު އާއިލާ މީހުންނާ ގުޅޭނެ. ހުރިހާ ޚިދުމަތެއް މިތަނުން ލިބޭނެ. މިކަން މިކުރަނީ ޖަލީލުގެ ރައްކަލަކަށް" އޮފިސަރުގެ ވާހަކައަށް އަހަރެން ބޯޖަހާލީމެވެ.

ހިތަށް އެރިއެވެ. ދެން ދުވަހަކު ވެސް ވާހަކައެއް ނުލިޔާނަމެވެ. މިފަދަ ތުހުމަތެއް ޚިޔާލަކަށް ވެސް ނުގެންނާނަމެވެ. އަހަރެން ސަލާމަތްވިކަން ޔަގީން ކުރެވުމުން ހެއްދެވި ފަރާތަށް ޝުކުރު އަދާކުރެވުނެވެ. ޝުކުރުގެ ސަޖިދައެއް ޖެހުނެވެ. ނަމަވެސް ޚިޔާލީ ވާހަކައެއް ހަގީގަތަކަށް އެވީ ގޮތާމެދު އޮތް ބިރުވެރިކަން އަދިވެސް ހިތުގައި އެބަ އޮތެވެ. އެ ތުހުމަތު އަމިއްލަ ބޮލުގައި އެޅުނު ގޮތް ހަމަ ދެންމެ ވީކަމެއްހެން ހަނދާނުގައި އެބަ ހުއްޓެވެ.

(ނިމުނީ)