ރައްޔިތުންނަށް ޚިދުމަތެއް ކުރެވޭގޮތަށް ސިޔާސީ މައިދާނުން ފުރުސަތު ލިބިވަޑައިގެންފިނަމަ އެކަމަށް ނޫނެކޭ ވިދާޅުނުވާނެ ކަމަށް، ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

އިބްރާހިމް މުހަންމަދު ސޯލިހްގެ ސަރުކާރުން ފުރުސަތެއް ލިބިވަޑައިގެންފިނަމަ އެ ފުރުސަތު ގަބޫލުފުޅު ކުރައްވާނެތޯ، ވީޓީވީ ފަސްމަންޒަރު ޕްރޮގްރާމްގައި ކުރި ސުވާލަށް ޖަވާބު ދެއްވަމުން އައިޝަތު ނަހުލާ ވިދާޅުވީ، މުހިންމީ މަގާމެއް ނުވަތަ ވަޒީފާއެއް ނޫން ކަމަށެވެ.

ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް ސިޔާސީގޮތުން ގައުމަށް ކޮންމެވެސް އެއްކަމެއް ކުރަންޖެހޭނޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، އެގޮތުން އެކަމަނާވެސް ރައްޔިތުންނަށް ޚިދުމަތެއް ކޮށްދެއްވަން ބޭނުންފުޅުވާ ކަމަށާއި، އެހާލަތު މެދުވެރި ކޮށްފިނަމަ ނޫނެކޭ ވިދާޅުނުވާނެ ކަމަށް އައިޝަތު ނަހުލާ ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭގޮތުގަ މީގަ މިއޮންނަނީ މަގާމެއްނޫން. މީގަ ބަލަން ބޭނުންވަނީ އަޅުގަނޑުގެ ނަޒަރިއްޔާތުގަ ޚިދުމަތްކުރުން. މަގާމެއް ނޫނީ ޕާޓީއަކުން ލިބޭ ވަޒީފާއެއް ނޫން މުހިންމު ކަމަކީ. ރައްޔިތަކަށް ޚިދުމަތް ކުރެވޭ ކޮންމެ ހާލަތެއް އަތުވެއްޖެނަމަ، އެކަމަކާ ގުޅުންހުރި ކޮންމެ ކަމެއްގަ ޚިދުމަތްކުރެވޭ ތަނަކަށް، އަޅުގަނޑުގެ ގާބިލްކަން ހުރި މިންވަރަކުން ޚިދުމަތްކުރަން ފުރުސަތު ލިބިއްޖެނަމަ، ފުރުސަތު ދެއްވައިފިނަމަ އެކަމަށް މަރްހަބާ ކިޔާނަން" ޖޭޕީގެ ކައުންސިލް މެމްބަރ ނަހުލާ ވިދާޅުވިއެވެ.

އައިޝަތު ނަހުލާ ވިދާޅުވީ، ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހަށް ތާއީދު ހޯއްދަވައި ދެއްވަން ކެމްޕެއިނަށް ނުކުމެވަޑައިގެންނެވިއިރު، އަދި ކެމްޕެއިން ކޮށްދެއްވަމުން ގެންދެވިއިރު ހުރީ މުޅިން ތަފާތު ޚިލާފުޅެއް ކަމަށެވެ.

ކެމްޕެއިނަށް ނުކުމެވަޑައިގެންނެވީ، ފިރިކަލުން ގާސިމް އިބްރާހިމް ރާއްޖެއިން ބޭރަށް އަރުވާލެވިފައި ހުންނެވުމާއި، އޭގެފަހުން ދޮށީ ފިރިހެން ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ހައްޔަރުކުރުމާ ގުޅިގެން ކަމަށާއި، ބަސްބުނަންޖެހޭ ނުވަތަ ވާހަކަ ދައްކަންޖެހޭ ހާލަތްތަކެއް އައީމަ، ކުރަންބޭނުންނުވާ އެތައްކަމެއް އިންސާނާއަށް ކުރުވާ ހާލަތްތަކެއް އަންނަ ކަމަށް އައިޝަތު ނަހުލާ ވިދާޅުވިއެވެ. އެހެންކަމުން، އެކަމަނާ ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވީ އާއިލާއަށް ދިމާވި ހިތްދަތި ހާލަތުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އިބްރާހިމް މުހަންމަދު ސޯލިހަށް ތާއީދު ހޯއްދަވައި ދެއްވަން ނުކުމެވަޑައިގެން ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުން ފެނިވަޑައިގެންނެވީ ވަރަށް ނިކަމެތި ހާލަތެއްގައި އުޅެމުންދިޔަ ރައްޔިތެއް ކަމަށާއި، އެތައް ރަށަކަށް ވަޑައިގެން އެތައް ގެއަކަށް ވެދެވަޑައިގެން އެތައް އާއިލާއަކާ ބައްދަލުވެ ރައްޔިތުން އުޅެމުންދާ ދަތިހާލާއި އުނދަގޫތައް ފެނިވަޑައިގަތުމުން ފަރުދެއްގެ ހައިސއްޔަތުން ރައްޔިތުންނަށްޓަކައި ކުރެވޭނެ ކޮންމެވެސް ކަމެއް އޮންނާނެ ކަމަށް ތަސައްވުރު ކުރެވުނު ކަމަށް އައިޝަތު ނަހުލާ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ އާއިލާގެ ބޭފުޅަކު މިހާތަނަށް ސިޔާސީ މައިދާނުން ފެނިފައި ނުވުމާއި، އެކަމަކީ ގާސިމް ތަރްހީބު ދެއްވާ ކަމެއްނޫން ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ދިއުމާ ގުޅޭގޮތުން ސުވާލު ދެންނެވުމުން އައިޝަތު ނަހުލާ ވިދާޅުވީ، ގާސިމް އިބްރާހިމްއަކީ ދަރިކަލަކުވެސް އަދި އަނބިކަނބަލަކުވެސް ކުރަން ބޭނުންވާ ކަމަކަށް ހުރަސްއަޅުއްވާ ބޭފުޅެއް ނޫން ކަމަށެވެ. ގާސިމްގެ ދަރިކަލަކު ސިޔާސީ ކަންތައްތަކުގެ ތެރެއަށް ނުކުންނަން ބޭނުންވެއްޖެއްޔާ މަގުފަހި ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ދެން އަޅުގަނޑު މިކަމުގެ ތެރެއަށް ނުކުންނަންޖެހުނީ ކީއްވެގެންތޯ މިސުވާލު ކުރެވެނީ. އަޅުގަނޑު ވޭތުވެދިޔަ 12 އަހަރު ގާސިމްއާއެކު ހޭދަކުރި ދުވަސްތަކުގެ ތެރޭގަ ގާސިމް އަޅުގަނޑަށް ސިޔާސީ މައިދާނަށް ނުކުމެ މަސައްކަތް ކުރުމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެތަކެއްފަހަރު. ކިހިނެއްތޯއޭ ވާނީ، ރަނގަޅުވާނެ ނޫންތޯއޭ. އެކަމަކުވެސް އަޅުގަނޑު އެކަން އޭރު މަނާކުރަމުންދިޔައީ. އެކަމަކު އޭރު މަނާކުރަންޖެހުނީ ސަބަބުތަކެއް އޮވެގެން. ހަގީގަތުގަ ކޮންމެ މީހަކީވެސް ކުޑައިރުއްސުރެ ހުވަފެންތަކަކާއި ވިސްނުންތަކެއް ގެންގުޅޭނެ މީހަކަށްވާނީ. އެގޮތަށް ބަލާއިރު އަޅުގަނޑުގެވެސް ވިސްނުންތަކެއް ހުރޭ އަމިއްލައަށް ކަންތައްތަކެއް ކުރުމުގެ، ކަންތައްތަކެއް ކޮށްދިނުމުގެ ވިސްނުން. ސިޔާސީ ކަންތަކާ ގުޅުންނެތް ދާއިރާއަކުން އަޅުގަނޑު ކިޔަވާފަހުރީ، އެއީ މާކެޓިންގ. އެހެންވީމާ، އޭރު އެ ސަބަބުތަކާހުރެ އަދި ކުޑަކުޑަ ކުދިންތަކެއް ގޮވައިގެން އުޅެންޖެހުމުން ސިޔާސީ ދާއިރާއަށް ނުކުންނަން ބޭނުން ނުވެފައިހުރީ" ގާސިމްގެ އަނބިކަނބަކުން އަދި ޖޭޕީގެ ކައުންސިލް މެމްބަރ ނަހުލާ ވިދާޅުވިއެވެ.