ހުޅުލެއާއި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑުގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގެ މައުލޫމާތު ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 1:35 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ ލިންކް ރޯޑުގެ ހުޅުމާލެއާވީ ކޮޅުގައި މި އެކްސިޑެންޓް ހިނގީ ހުޅުމާލެއިން މާލެއަށް ދުއްވާފައި އައި ޕިކަޕަކާއި މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ސައިކަލަކާއި ޖެހިގެން ކަމަށެވެ.

މަންޒަރު ދުށް ބައެއް މީހުން ވީނިއުސް އަށް މައުލޫމާތު ދެމުން ބުނީ މި އެކްސިޑެންޓް ހިނގީ ބާރަށް ދުއްވާފައި އައި ސައިކަލަށް ޕިކަޕް ދުއްވާފައި ދިޔަ ލޭނަށް އެރި ސައިކަލް ކޮންޓްރޯލް ނުކުރެވިގެން ކަމަށެވެ.

މި އެކްސިޑެންޓްގައި ޒަހަމްވެ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނީ ސައިކަލް ދުއްވަން އިން އުމުރުން 51 އަހަރުގެ ފިރިހެނަކަށެވެ. މިއެކްސިޑެންޓާއި ގުޅިގެން އޭނާގެ ހަށިގަނޑުގެ ބައެއް ކަށިތައް ބިންދައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ފުލުހުން އިތުރަށް ބުނީ މި އެކްސިޑެންޓް ހިނގަން މެދުވެރި ގޮތް ބަލަމުންދާ ކަމަށެވެ.