މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ މެޑިސިން ސުކޫލުގެ ފުރަތަމަ ޑީނަކަށް ޑރ. ޝީޒާ އަލީ އައްޔަންކޮށްފި އެވެ.

މެޑިސިން ސުކޫލުގެ ޑީންގެ މަގާމަށް ޑރ. ޝީޒާ އައްޔަންކުރައްވާ އޭނާ މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒު އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ޝީޒާ ވިދާޅުވީ މެޑިކަލް ސްކޫލްގައި ފުރަތަމަ ފަހަރަށް ކިޔަވައިދޭން ފަށާ އެމްބީބީއެސް ކޯސް ކުރިއަށް ގެންދިއުމަށް ގޮންޖެހުންތަކެއް ހުރި ނަމަވެސް މި ކޯހަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ކޯހަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އަމާޒަކީ ސްޕެޝަލިސްޓް ޑޮކްޓަރުން ވެސް މެޑިކަލް ސުކޫލުން ތަމްރީނުކުރުން ކަމަށްވެސް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ޑރ. ފަވާޒު ވިދާޅުވީ މެޑިކަލް ސްކޫލުގެ ފުރަތަމަ އެމްބީބީއެސް ކޯހުގެ ކިޔެވުން އަންނަ ހަފްތާ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި 37 ދަރިވަރުން ކޯހަށް ހޮވާފައިވާ ކަމަށެވެ.

ފަވާޒު ވިދާޅުވީ ބޭނުންވާ މަގާމުތަކަށް ޝަރުތު ހަމަވާ ދިވެހިން ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ މެޑިކަލް ސްކޫލުގެ ކިޔެވުން ފަށަނީ ގިނަ އަދަދެއްގެ ބިދޭސީ މުވައްޒަފުންނާ އެކު ކަމަށެވެ. އަދި މިސްކޫލަކީ ސިއްހީ މައްސަލަތަކަށް ދިރާސާކޮށް މައްސަަލަތަކަށް ޖަވާބު ހޯދައިދޭން މަސައްކަތް ކުރާނެ ތަނަކަށް ވެގެންދާނެ ކަމަށްވެސް ޑރ. ފަވާޒު ވަނީ ވިދާޅުވެފަ އެވެ.

ޑރ. ޝީޒާ ވަނީ މީގެ 23 އަހަރު ކުރިން އެމްބީބީއެސް ފުރިހަމަކުރެއްވުމަށްފަހު އައިޖީއެމްއެޗާއި އައިކެއާގައި ލޮލުގެ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ. މީގެއިތުރުން ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާޒް ހެއްދެވުމަށްފަހު ޑރ. ޝީޒާ ވަނީ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްކަމުގެ މަގާމު ވެސް ފުރުއްވާފަ އެވެ.

ރާއްޖޭގައި މެޑިކަލް ސްކޫލެއް ގާއިމުކުރުމަށް ޕާކިސްތާނު ސަރުކާރުން ވަނީ ފަސް މިލިއަން ޑޮލަރުގެ އެހީއެއް ދީފަ އެވެ. މިއެހީގެ ދަށުން ކިޔަވައިދިނުމަށް ބޭނުންވާ ޓެކްނިކަލް ސާމާނާއި ލެބޯޓަރީ އަށް ބޭނުންވާ ސާމާނު ވަނީ ހޯދާފަ އެވެ. މިސްކޫލްގެ ކިޔެވުން ކުރިއަށް ގެންދިއުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ފްލޯގެ ތެރެއިން ދެ ފްލޯ މެޑިކަލް ކޮލެޖް ހިންގުމަށް ވަނީ ހާއްސަކޮށްފަ އެވެ. އެމްއެންޔޫ އިން ބުނީ މީގެތެރެއިން އެއް ފްލޯގައި ކްލާސް ރޫމްތައް ގާއިމް ކުރެވޭނެ ކަމަށާއި އަނެއް ފްލޯ ހާއްސަ ކުރާނީ ދަރިވަރުންނަށް ބޭނުންވާ ލެބޯޓްރީތައް ގާއިމުކުރުމަށް ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގައި ގާއިމުކުރާ މެޑިކަލް ސްކޫލްގެ މަސައްކަތް ނިމެންދެން އެމްބީބއެސް ކޯހުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެމްއެންޔޫގަ އެވެ.

އެމްއެންޔޫއިން މީގެކުރިން ބުނީ ފުލް ޓައިމްކޮށް ފަސް އަހަރު ދުވަހަށް ހިންގުމަށް ހަމަޖެހިފައިވާ މި ކޯހުގައި 10 ސެމިސްޓާއެއް ހިމެނޭނެ ކަމަށާއި، އެއް އަހަރުގެ އިންޓާންޝިޕް ވެސް ހަދަންޖެހޭ ކަމަށެވެ.

މީގެ އިތުރަށް ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކެޝަނުން ވަނީ ރާއްޖޭގައި އެމްބީބީއެސް ފެންވަރަށް ޑޮކްޓަރުން ތަމްރީނުކުރުމަށް ފަށާ ފުރަތަމަ ކޯހުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ކިޔެވުމަށް ހާއްސަކޮށްގެން ލޯން ދިނުމަށް ވަނީ ނިންމާފަ އެވެ.