ހަގީގީ ލޯބީގެ މައްޗަށް ވެރިވާ ފޫހިކަމުގެ ސަބަބުން އެ ލޯތްބަށް ނިމުމެއް އަތުވެދާނެ ހެއްޔެވެ؟ އެ ލޯތްބާމެދު ދެކޭ ގޮތް ބަދަލުވެދާނެ ހެއްޔެވެ؟ މުޅި ދިރިއުޅުން ބަދަލުކޮށްލަފާނެ ހެއްޔެވެ؟ އާއެކެވެ. އެއީ ވެދާނެ ގޮތެކެވެ. އެއީ ކޮންމެ ފަދަ ލޯތްބެއް ނަމަވެސް މެއެވެ. ވިޔާމަކީ އެފަދަ މިސާލެވެ. އެނާގެ މުޅި ހަޔާތް ބަދަލުކޮށްލީ ސިޔާސީ ދާއިރާއިން ކުރަންޖެހުނު ތަޖުރިބާއާއި ދިމާވި ގޮތްތަކާއި ލިބުނު މޮޅިވެރިކަމުގެ ސަބަބުންނެވެ. މިއަދު އޭނާއަކީ އިނގިރޭސި ރައްޔިތެކެވެ. އެތަނުގެ ވަޒަންވެރިއެކެވެ. ދިރިއުޅުމުގެ ދަތުރު އެ ގައުމަށް ހުސްކޮށްލި ދޮށީ ޢުމުރުގެ މީހެކެވެ.

ވިޔާމް ކަންބޮޑުވަނީ އޭނާގެ އަންހެނުން ސަލްމާއާ މެދުއެވެ. އަންހެނުންގެ ބަލި ހާލަތު ހުރި ގޮތުގެ ސަބަބުންނެވެ. އަންހެނުން މިއަދު އުޅެން ޖެހިފައިވާ ހާލުގެ ސަބަބުންނެވެ. ހިތުގެ ޚާއްޞަ އޮޕަރޭޝަނާއެކު އޭނާއަށް ބޭނުންވާ އަޅައިލުމާއި ލޯބި އެންމެ ފުރިހަމައަށް ނުދެވިދާނެތީއެވެ. ގެއަށް ގޮސް ވަކި ކުރާނީ ކީއް ހެއްޔެވެ؟ އަންހެނުން އުފާކޮށްދެން ކުރެވެނީ ކޮން ކަމެއް ހެއްޔެވެ؟ ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ؟

އިރެއްގައި ދެ މީހުން ވަޒީފާގައި އުޅުނަސް މިއަދު އެއީ މާޒީއެވެ. އިރެއްގައި ދެ މީހުން ހިތްހަމަ ޖެހިގެން ފުރިހަމަ ސިއްހަތެއްގައި ދުވަސްތައް ހޭދަކުރި ނަމަވެސް އެ ދުވަސްތައް ފާއިތުވެ ހިނގައްޖެއެވެ. މިއަދު ދެ މީހުންވެސް އެ ގުނަނީ މުސްކުޅި ޢުމުރެވެ. އެކަކު އަނެކަކަށް އެ ވަނީ އެހީތެރިކަން އިތުރަށް ބޭނުންވެފައެވެ. އެއިން ކޮންމެ ފަހަރަކު ވިޔާމުގެ ހިތަށް އުނދަގޫކުރަނީ ދަރިޔަކު ނެތްކަމުގެ އިހުސާސްތަކެވެ. އަޅައިލާނެ ލޭގެ ގުޅުން ހުރި އެހީތެރިޔަކު ނެތްކަމުގެ މާޔޫސްކަމެވެ. ނަމަވެސް އެ ނިންމުން ނިންމީ ވިޔާމެވެ. އެ ދިރިއުޅުން އިޚުތިޔާރު ކުރީ އޭނާއެވެ. ދިރިއުޅުން ހޭދަކުރާނެ ގޮތާއި އުޅޭނެތަނާއި އުޅޭގޮތް ކަނޑައެޅީވެސް އޭނާއެވެ.

ތެދެކެވެ. ސާޅީހަކަށް އަހަރު ދެމަފިރީން އެ އުޅުނީ ވަރަށް މިނިވަން ކޮށެވެ. ވަރަށް އުފަލުގައެވެ. ބޭނުންވާ ހުރިހާ ކަމެއް ކުރަމުން، ބޭނުންވާ ހުރިހާ ހިތްހަމަ ޖެހުމާއެކުއެވެ. ހަގީގަތަށް ބުނާނަމަ އުނިވީ އެންމެ ކަމެކެވެ. އެއީ ދިރިއުޅުމުގެ މޭވާއެވެ. އެއީ ގުދުރަތުން މިންވަރު ކުރެއްވި ގޮތްކަމަށް ގަބޫލުކޮށް އެކަމުންވެސް ހިތްހަމަ ޖެހުން ހޯދިއެވެ. ސަލްމާ ވެސް އެކަމަކާ މާ ބޮޑު ޝަކުވާއެއް ނުކުރެއެވެ. ނުކުރަނީ އެކަން ކުރުމަށް ވެސް އެތައް ކަމެއް ކުރެވުނީތީއެވެ. އެއަށްވުރެ ދެމީހުންގެ ލޯބި މާ މުހިންމުވީތީއެވެ. ނަމަވެސް ވިޔާމުގެ ހިތުގައި މިއަދު އެ ކުޅެމުންދާ ރާގު ތަފާތެވެ. އެހިތަށް ޖަމާވަމުންދާ ޚިޔާލުގެ އޮއިވަރު މާ ވަރުގަދައެވެ. ބަލި އެނދުގައި އޮތް އަންހެނުންނާމެދު ކުރެވޭ ފިކުރު މާބޮޑެވެ.

ވިޔާމަށް މަޖުބޫރުވީ އޭނާގެ ހުރިހާ ވަގުތެއް އަންހެނުންނަށް ގުރުބާން ކުރާށެވެ. އޭނާއަށް ދެވެން އޮތް ހުރިހާ ލޯތްބެއް ހިބަކޮށް ދޭށެވެ. އަންހެނުން މިއަދު ވެސް ކުރާނެ ޝަކުވާއެއް އެބަ އޮތެވެ. އޭނާގެ މުޅި ހަޔާތް ޔޫކޭއަށް ބަދަލުކުރަން ޖެހުނު ކަމުގެ ޝަކުވާއެވެ. އެއީ އަންހެނުން ދުވަހަކު ވެސް ވިޔާމަށް ދޭނެ މަޢާފެއް ނޫނެވެ. އެކަން ވިޔާމަށް ގަބޫލުކުރެވެއެވެ. ނަމަވެސް ވިޔާމުގެ ހިތް ބަދަލެއް ނުވެއެވެ. އެ ނިންމުން އޭނާ ދިފާޢުކުރެއެވެ. އެ ބަދަލުވުމުން އޭނާ ހިތްހަމަ ޖެހުން ހޯދައެވެ.

ހޮސްޕިޓަލުން ދޫކޮށްލުމާއެކު ސަލްމާ ގޮވައިގެން ވިޔާމް ގެއަށް ބަދަލުވިއެވެ. އޭނާއަށް ދެވުނު އެންމެ ފުރިހަމަ ޚިދުމަތެއް ދިނުމުގެ ޢަޒުމާއެކުއެވެ. ސަލްމާގެ ހިތަށް އުފާވެރިކަމާއި ހިތްހަމަ ޖެހުން ގެނެސްދިނުމުގެ އުންމީދާ ވެސް އެކުގައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ސަލްމާގެ ހުރިހާ އުފަލަކާއި ހިތްހަމަ ޖެހުމެއް ގުރުބާން ކުރީ ވިޔާމަށްޓަކައެވެ. މުޅި ޙަޔާތް ހޭދަކުރީ ވިޔާމުގެ ހައްގުގައެވެ. އަމިއްލަ ވަޒަން ދޫކޮށްލައި އިނގިރޭސި ރަށްވެއްސަކަށް ބަދަލުވީ އެނާ ކޮންމެހެން ބޭނުންވެގެންނެއް ނޫނެވެ. އެކަން ކުރީ ހަމައެކަނި ވިޔާމަށްޓަކައެވެ. އެ ދެމީހުންގެ މެދުގައި އޮތް ލޯބީގެ ރަމްޒެއްގެ ގޮތުގައެވެ. ފާއިތުވީ ސާޅީސް އަހަރު އޭނާ އަމިއްލަ ވަޒަނަށް ނުގޮސް ހުރީ ވިޔާމު ބޭނުން ނުވާތީއެވެ. އެ ރާއްޖެ ދެކެ ވިޔާމު ފޫހިވާތީއެވެ. މިއަދު ކޮންމެހެން އެވާހަކަތައް ދައްކާކަށް ސަލްމާ ވެސް ބޭނުމެއް ނުވެއެވެ. ދެ މީހުންގެ އަމިއްލަ ދިރިއުޅުމަށް ދެ މީހުންވެސް އެވަނީ ހޭނިފައެވެ.

"ސަލްމާ އަރާމުކޮށްލާ. އިރާދަކުރެއްވިއްޔާ ސަލްމާ ބޭނުންވާ ހުރިހާ ކަމެއް އަހަރެން ކޮށްދޭނަން. އަހަރެންނަށްޓަކައި ސަލްމާވީ ގުރުބާނީ އަހަރެންގެ ހިތަކުން ނުފިލާނެ. ދުވަހަކު ވެސް ނުފިލާނެ. ދުވަހަކު ވެސް ނުފިލާނެ" ސަލާމާ އޮތް އެނދުގައި އިށީނދެލައިގެން އިން ވިޔާމު، ސަލްމާގެ މޫނުގައި ފިރުމަމުން ވާހަކަދައްކަމުން ދިޔައެވެ. ސަލްމާގެ ހިތަށް ބަޔާން ނުކުރެވޭ ފަދަ ފުން އިހުސާސްތަކަކުން ސަލްމާ ފެންކަޅި ކުރުވަމުން ދިޔައެވެ. ބަލި އެނދުގައި އޮންނަން ޖެހުނު ކަމުގެ އިހުސާސް ކުރެވުނީއެވެ. އިއްޔެ ދެ މީހުން އުޅުނު ގޮތް ހަނދާންވީއެވެ. ލޯބީގައި ހެލިފެލިވެ އުޅުނު އުޅުން ހިއްސުތަކާ ކުޅެލީއެވެ. ސަލްމާ ދެލޯމަރާލިއެވެ. އެސްފިޔަތައް ފިއްތާލިއެވެ. އެހިނދު ދެ ލޮލުން ނުކުމެގެން އައީ ހޫނު ކަރުނައެވެ. އެ ހޫނުކަންމަތީ ވިޔާމުގެ ބޮޑުވައި އިނގިލިތަކުން އެ ކަރުނަތައް ފުހެލިއެވެ. ވިޔާމް ބުނާފަދައެވެ. ނުރޯށެވެ. އަދިވެސް އުޅޭނީ އުފަލުގައެވެ. މާޔޫސް ނުވާށެވެެ. އަދިވެސް ކުރިއަށް ދާނީ ދެ މީހުން އެކުގައެވެ. އުންމިީދު ކަނޑާ ނުލާށެވެ. އަދިވެސް އުޅޭނީ އެކުގައެވެ.

ސަލްމާގެ ހާލަތު ކުރިއަށް ވުރެ ރަނގަޅުކަމަށް ޑޮކްޓަރު ބުންޏެވެ. ނަމަވެސް ފިކުރު ބޮޑުވިޔަ ނުދިނުމަށާއި ހިތްހަމަ ޖައްސައިދިނުމަށް ޑޮކްޓަރު އެދުނެވެ. ސަލްމާއަށް ނޭނގި އެތައް ވާހަކައެއް ވެސް ޑޮކްޓަރު ވަނީ ވިޔާމާ ހިއްސާކޮށްފައެވެ. ވިޔާމް ކަންބޮޑުވަނީ އެކަންކަމާއެވެ. ސަލްމާ ހިތުގައި ޖެހިދާނެތީއެވެ.

ވިޔާމް ވިސްނިއެވެ. ސަލްމާ ހިތްހަމަ ޖައްސައިދެވޭނެ ގޮތަކާމެދުއެވެ. އޭނާ ބޭނުންވާ ކަންކަން ކޮށްދެވޭނެ ގޮތަކާމެދުއެވެ.

"އަހަރެން މި ވިސްނަނީ ކުޑަ ޗުއްޓީއެއް ހޭދަކޮށްލަން ދެ މީހުން ނިއުޒިލޭންޑަށް ދާން. އެތަނުގެ ހިތުގެ ޚާއްޞަ ހޮސްޕިޓަލަށް ސަލްމާ ދައްކާލާނަމޭ ހިތުގައި އޮތީ. އެންމެ ރަނގަޅުތަ؟" ވިޔާމް ވިސްނާފައިވާ ގޮތް ސަލްމާއާ ހިއްސާކުރިއެވެ. ސަލްމާ އަނގަޔަކުން ނުބުނެއެވެ. ވިސްނާލަން އޮތީއެވެ.

"މީގައި އޮތީ ސަލްމާ ބޭނުންވާ ގޮތެއް. ކުރިން މި ކަހަލަ ގިނަ ކަންކަން ކުރީ އަހަރެން ބޭނުންވާ ގޮތަށް. އެކަމަކު ދެން ކޮންމެ ކަމެއް ވެސް ކުރާނީ ސަލްމާ ބޭނުންވާ ގޮތަށް. ގޮތް ނިންމާނީ ސަލްމާ. އެކަން އަހަރެން ކުރާނީ ސަލްމާ ބޭނުންވާ ގޮތަކަށް" ވިޔާމްގެ ވިސްނުން ބަދަލުވެފައިވާކަން އޭނަ ހާމަކުރިއެވެ. ވިޔާމްގެ މޫނަށް ސަލްމާ ބަލައިލިއެވެ. އަދި ހިނިތުންވެލިއެވެ. އެ ހިނިތުންވުމުގައި ވަނީ އުފާވެރިކަމެވެ. ވިޔާމްވެސް ހިތްހަމަ ޖެހުނެވެ.

"އަހަރެން ބޭނުންވާ ކޮންމެ ކަމެއްވެސް ކުރެވިދާނެތަ؟" ބަލި އަޑަކުން ސަލްމާ ސުވާލުކުރިއެވެ.

"ކީއްވެ ނުކުރެވެންވީ. އިރާދަކުރެއްވިޔާ ފައިސާ އެބަ ހުރި. ތަނަވަސްކަން ލިބިފައި އެބަވޭ. ވިސްނަން ޖެހޭ އިތުރު ކަމެއް އޮތީކީ ނޫން" ވަރަށް ގަޔާވެގެން އިނދެ ވިޔާމް ޖަވާބު ދިނެވެ.

"ތިކަން އޮތީ ތިގޮތަށް ކަން އަހަރެންނަށް އެނގޭ. އަހަރެން ވަރަށް އުފާކުރަން ވިޔާމްފަދަ ފިރިއަކު އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ވީތީ. އަހަރެންނަށް އެންމެ ބޮޑަށް އަޅާލަން ޖެހުނު ވަގުތު އަހަރެންނަށް ދެކެ ތިޔަވާ ލޯބީގެ ސަބަބުން" ފުން ނޭވާއެއް ލަމުން ސަލްމާ ބުނެލިއެވެ.

"އަހަރެންގެ އުފަލަށްޓަކައި ސަލްމާވީ ގުރުބާނީގެ އަގު އަހަރެންނަކަށް ނުދެވޭނެ. ދުވަހަކުވެސް އޭގެ އަގު އަދައެއް ނުކުރެވޭނެ" ވިޔާމް ތައުރީފު ކުރީ ސަލްމާއަށެވެ.

"ވިޔާމް. އަހަރެން ބޭނުންވާ ވަރަށް ބޮޑު ކަމެއް އެބަ އޮތް. އަހަރެން މި ދުނިޔެގައި ދެން ކުރަން ބޭނުންވާ ހަމައެކަނި ކަމަކީ އެއީ. އަހަރެންގެ ހިތް އެކަމަށް އެބަ ގޮވާ. އެކަމަކު އެއީ ނުވާނެ ކަމެއްކަން އަހަރެންނަށް އެނގޭ. ބައެއް ކަންކަމަކީ ހިތުގައި ފޮރުވަން ޖެހޭކަންކަން. އެކަންކަން ހާމަކުރުމުން އެހެން މީހުންނަށް އުނދަގޫވާނެ ކަންކަން" ސަލްމާއަށް ރޮވޭ ގޮތްވިއެވެ. ވިޔާމަކަށް ކެތެއް ނުކުރެވުނެވެ.

"ތިހެން ނުބުނޭ ސަލްމާ. ވަގުތާއި ހާލަތަކީ ބަދަލުވާ އެއްޗެއް. ބޭނުންވާ ކަންކަން ހިތުގައި ފޮރުވުމަށްވުރެ މޮޅީ ހާމަކުރުން. އަހަރެންނާ ހިއްސާކުރޭ. އަހަރެން އަޑުއަހާނަން" އިށީންތަނުން ތެދުވެލުމަށްފަހު ވިޔާމް ދެކޮޅަށް ހިނގަން ފެށިއެވެ. ސަލްމާ ދައްކަން އެ އުޅެނީ ކޮން ވާހަކައެއްކަން ވިޔާމަށް އެނގެއެވެ. އެ ވާހަކަދެއްކުން މަނާކޮށްފައި އޮތީ ވިޔާމެވެ. އެ ނޫން ކޮންމެ ކަމެއް ކޮށްދޭނެކަން ވިޔާމް އޮތީ ވަޢުދުވެފައެވެ. ނަމަވެސް މިއަދު ސަލްމާ އެ އެދެނީ އެ ކަމަށެވެ. އެކަން ކޮށް ނުދެވިއްޖެނަމަ އޭނާ ހިތުގައި ޖެހޭނެ ވަރު ޚުދު ވިޔާމަށް ވެސް ވިސްނެއެވެ.

"އަހަރެން ބޭނުންވާ ކަންތައް ބުނަންވީ؟ ކޮންމެ ކަމަކު ބުންޏަސް ކޮށްދޭނަން؟" ސަލްމާ ސުވާލުކުރިއެވެ.

(ނުނިމޭ)