ރައީސް ޔާމިނުގެ ސަރުކާރުން ރައްޔިތުންގެ ހަށިފުރާނައިގެ ރައްކާތެރިކަން ގެއްލުވާލައި، މި މުޖުތަމަޢު ނާމާން ތަނަކަށް ހަދާފައިވާކަމުގައި ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރައީސް ޔާމިނުގެ ސަރުކާރުން ރައްޔިތުންގެ ހަށިފުރާނައިގެ ރައްކާތެރިކަން ގެއްލުވާލާފައިވާކަމަށް ބުނެ ކަންބޮޑުވުންފާޅުކޮށް އެމްޑީޕީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، މާލޭގައި ރޭގެ ވަގުތެއްގައި އަނެއްކާ ވެސް ވަޅި ހަރައި އުމުރުން އެންމެ 14 އަހަރުގެ ކުޑަކުއްޖަކު މަރާލާފައިވާތީ އާއި، ކުޑައެއް ބޮޑެއް ތަފާތުނުވާނޭ ގޮތަށް ޔާމިނުގެ ސަރުކާރުން ރައްޔިތުންގެ ހަށިފުރާނައިގެ ރައްކާތެރިކަން ގެއްލުވާލައި، މި މުޖުތަމަޢު ނާމާން ތަނަކަށް ހަދާފައިވާތީ، އިންތިހާއަށް ކަންބޮޑުވާކަަމަށެވެ.

އަދި ރައީސް ޔާމިނުގެ ސަރުކާރު ވެގެން ގޮސްފައި މިވަނީ ރައްޔިތުންގެ ހަށިފުރާނައިގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އެންމެ ބޮޑަށް އިހްމާލުވި ސަރުކާރުގެގޮތުގައި ކަމަށާއި އަދި ވަޅި ހަރައިގެން ރެކޯޑް އަދަދަކަށް މީހުން މަރާފައިވަނީ ޔާމިނުގެ ދައުރުގައިކަން ފާހަގަކުރާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައި ވެއެވެ.

ެއެކަމުގެ ސަބަބަކީ، ޔާމިނުގެ ސަރުކާރަކީ އޭގެ ޒާތުގައި ވެސް އަނިޔާވެރި ސަރުކާރަކަށް ވުމާއި، އަދި ސިޔާސީ މަޤުސަދުތައް ޙާޞިލުކުރުމަށްޓަކައި މުވައްސަސާތަކާއި ތަޙްޤީޤީ އިދާރާތަކުގެ ބޭނުން ނަހަމަގޮތުގައި ހިފައި، އެ މުވައްސަސާތައް ޚަރާބުކޮށް، ޤައުމަށް ދިމާވެފައިވާ މިފަދަ ކަންބޮޑުވާ ޒާތުގެ އަސްލު މައްސަލަތަކާމެދު އަޅާނުލުންކަމުގައިވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

އަދި ނިމިދިއަ ރިޔާސީ އިންތިޚާބުގައި ވޯޓުލުމާ ހަމައަށް ވެސް ޔާމިނާއި އޭނާގެ ސަރުކާރުން ބުނަމުން ދިޔައީ ނުރައްކާތެރި ކުށްކުރާ ގޭންގުތައް ރާއްޖޭގައި ނެތްކަމާއި، މަގުތައް އަމާންކަމާއި، ޓެގު އެޅުވުމުގެ ބޭނުން ކެނޑިއްޖެކަމާއި ނުވަތަ ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ފިޔަވަޅު އަޅާނޭ ތަނެއް ނެތްކަމަށް ކަންވެސް އެމްޑީޕީން ފާހަގަކޮށްފައި ވެއެވެ.

ރިޔާސީ އިންތިޚާބުގައި ޔާމީނަށް ދިވެހި ރައްޔިތުން ނޫނެކޭ ބުނެ، ވޯޓުގެ ބޮޑު އަޣުލަބިއްޔަތަކުން ރައީސް ޔާމީން ބަލިކުރުމުގެ އެއް އަސްލަކީ ވެސް ރައްޔިތުންގެ ރައްކާތެރިކަމާއި މުޖުތަމައުގެ އަމާންކަން ނަގާލާފައިވުންކަމަށްވެސް އެމްޑީޕީން ބުނެއެވެ. އަދި ޔާމިން ވެރިކަމުގައި ހުންނަވާ ކޮންމެ ދުވަހަކީ އިތުރު ނުރައްކަލެއްގެ ތެރެއަށް ރައްޔިތުން ހުށަހެޅޭނޭ ދުވަހެއް ކަމުގައިވެސް އެޕާޓީން ވަނީ ބުނެފައެވެ.

ރޭގައި ވަޅި ހަރައި މަރާލި 14 އަހަރުގެ ކުޑަކުއްޖާގެ މައްސަލައާއި އަދި މިނޫން ވެސް މިފަދަ ގޮތްތަކަށް މަރާލާފައިވާ އެންމެހައި ފަރާތްތަކުގެ މައްސަލަތަކުގެ ފުރިހަމަ ޖިނާޢީ ތަޙްޤީޤް ހިންގުމަށް މޯލްޑިވްސް ޕޮލިސް ސަރވިސަށް ގޮވާލާކަމަށާއި އަދި ރައްޔިތުންގެ ވޯޓުން ނޫނެކޭ ބުނެފައިވާ ސަރުކާރަކުން ފުލުހުންނަށް ނުފޫޒުފޯރުވަމުންދާ ދިއުމަށް އިޖާބަނުދިނުމަށް ވެސް ފުލުހުންނަށް ގޮވާލާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ.