ހުޅުމާލެ ފޭސް 2ން ވިއްކާ 400 ގޯއްޗަށް އެދޭ ފޯމް ހުށައެޅުމުގެ މުއްދަތު އިތުރުކޮށްދޭން ނިންމާފައިވާ ކަމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

ހައުސިންގ މިނިސްޓްރީން ވިއްކަން އިއުލާނު ކުރި މިގޯތިތަކުގެ މައްސަލަ ބޮޑުވެ އެންމެ ފަހުން އެމަސައްކަތް ހައުސިންގ މިނިސްޓްރީން އެޗްޑީސީ އާއި ހަވާލު ކުރުމުން އެޗްޑީސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އެމަސައްކަތް ހައުސިންގ މިނިސްޓްރީން ކުރިޔަށް ގެންގޮސްފައިވާ ހިސާބުން އެޗްޑީސީން ފަށާނެ ކަމަށާއި އެކަމާއި ގުޅޭ މަޝްވަރާތައް އެމިނިސްޓްރީ އާއި އެކު ކުރަމުންގެންދާ ކަމަށެވެ.

އެޗްޑީސީގެ ބަޔާނުގައި ބުނެފައި ވަނީ، ގޯތިގަތުމަށް އެދި ފޯމު ބަލައިގަތުން އެޗްޑީސީން ކުރިޔަށް ގެންދާއިރު ކުރިން ހައުސިންގ މިނިސްޓްރީއަށް ފީމު ހުށައެޅުއްވި ފަރާތްތަކުން އިތުރުފޯމެއް ހުށައަޅަން ނުޖެހޭނެކަމަށާއި، ހައުސިންގ މިނިސްޓްރީން ނަމްބަރު ނެގިފަރާތްތަކަށްވެސް ފޯމު ހުށައެޅުމަށް ފުރުޞަތު ދެވޭނެ ކަމަށެވެ. އެހެންނަމަވެސް އެތަނުން ފޯމް ބަލައިގަންނަން ފަށާނޭ ވަކި ތާރީޚެއް އެކުންފުނިން އަދި ހާމައެއް ނުކުރެއެވެ.

އަދި އިތުރު ފޯމު ހުށައެޅުމަށް ރައްޔިތުންނަށް ފުރުޞަތު ދޭނެ ކަމަށާއި، އެގޮތަށް ހަމަޖެއްސުމުގެ ބޭނުމަކީ ރައްޔިތުންނަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައި ދިނުންކަމުގައިވެސް އެކުންފުނިން ވަނީ ބުނެފައެވެ. އަދި އެކަމާއި ގުޅޭ އިތުރު މައުލޫމާތު ވަރަށް އަވަަހަށް އެކުންފުނިން އާއްމު ކުރާނެ ކަމުގައިވެސް އެޗްޑީސީން މިރޭ ވަނީ ބުނެފައެވެ.

ހުޅުމާލެއިން 400 ގޯތި ވިއްކުމަށް ހައުސިންގ މިނިސްޓްރީން ނިންމައި އިއުލާނު ކުރުމާއި ގުޅިގެން ފޯމު ނެގުމަށާއި ފޯމުހުށައެޅުމަށާއި ނަމްބަރު ނެގުމަށް އެތައް ސަތޭކަ ބަޔަކު ރެޔާއި ދުވާލު އެމިނިސްޓްރީ ދޮށުގައި ކިޔޫހަދައިގެން ތިއްބެވެ. އަދި އެކަމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނެ ބަޔަކު ހުށައެޅި މައްސަލައަކާއި ގުޅިގެން އޭސީސީން އެކަން ހުއްޓުވިއެވެ.

ހުޅުމާލެ ފޭސް 2 އިން 1000 އަކަފޫޓުގެ 400 ގޯތި ވިއްކުމަށް ނިންމާފައި ވަނީ އަކަފޫޓެއް 400ރ ގެ މަގުން ޖުމުލަ 400000ރ އަށެވެ. އަދި ގޯތިގަތުމަށް ޑައުންޕޭމަންޓްގެ ގޮތުގައި 25000ރ ދައްކަން ޖެހޭއިރު ބާކީ 375000ރ 10 އަހަރަށް ބަހާލައިގެން ދެއްކޭނޭ ކަމަށްވެސް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.