ސަރުކާރުން އިއުލާނު ކުރި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ހިޔާގެ ފްލެޓަށް ފޯމު ހުށައަޅައި ފްލެޓް ނުލިބުނު މީހުންނަށް ޝަކުވާ ހުށައެޅުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފިއެވެ.

ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ، ހިޔާ މަޝްރޫއުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު، ބަންދު ދުވަސްތައް ނުހިމަނައި، މިއޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްދީފައި ވާކަމަށެވެ.

ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަދުވަހު ސަރުކާރުން އިއުލާނު ކުރު ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް އެދޭ ފޯމްތައް ބަލައިގަތުން ހައުސިންގ މިނިސްޓްރީން ނިންމާލީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގައެވެ. އަދި އެކި ކެޓަގަރީތަކުން ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅައި ފްލެޓްލިޭ މީހުންގެ ވަގުތީ ލިސްޓް އާދީއްތަ ދުވަހުން ފެށިގެން ހައުސިންގ މިނިސްޓްރީން ވަނީ އާއްމުކުރަން ފަށާފައެވެ.

ހިޔާ މަޝްރޫއުގެ 7000 ފްލެޓަށް 22000އަށް ވުރެ ގިނަ މީހުން ފޯމު ހުށައެޅި އިރު ފްލެޓު ލިބޭ ފަރާތްތަކަށް ކަނޑައެޅުމުގައި ހައުސިންގ މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތާއި މެދު ގިނަބަޔަކު ވަނީ ޝަކުވާކޮށްފައެވެ. ހާއްސަކޮށް ދިރިއުޅުމުގެ ހާލަތު ބަލާފައި ނުވުމާއި، ފްލެޓް ލިބިފައިވަނީ އެންމެ އެކަމަށް ބޭނުންވާ މީހާއަށްތޯ ބަލާފައި ނުވާކަން އާއްމުން ފާހަގަކޮށްފައިވެެއެވެ.