މިދުވަސްވަރު މާލެއާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިނގަމުންދާ މާރާމާރީތަކާ ސިޔާސީ އެއްވެސް ކަމަކާ ގުޅުމެއް ނެތް ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު، ސުޕްރިންޓެންޑެންޓް އަހުމަދު ޝިފާން ވިދާޅުވީ މިހާރު ހިންގަމުންދާ މާރާމާރީތަކާ ސިޔާސީ ކަންކަމާ ގުޅުވައިގެން ބައެއް މީހުން ވާހަކަ ދައްކަމުންދާ ކަމަށާ، އެހެންނަމަވެސް އެކަމުގައި ސިޔާސީ އެއްވެސް މީހެއްގެ ބައިވެރިވުމެއް ނެތް ކަމަށެވެ. އަދި މި މާރާމާރީތަކަކީ ސިޔާސީ މީހުން އަންގައިގެން ހިންގާ ކަންތައްތަކެއް ނޫންކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.

ޝިފާން ވަނީ މިފަދަ ވަގުތެއްގައި ގައުމު ހަލަބޮލިވާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ. ޝިފާން ވިދާޅުވީ އައްޑޫއާއި މާލޭގައި ހިނގާދިޔަ ހަ ހާދިސާގައި ޖުމްލަ 32 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ކަމަށާއި މީގެ ތެރެއިން 17 މީހަކު މީހާރު ވެސް ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށެވެ. މީގެ ތެރޭގައި ތިން ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށް ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ ވޭތިވެދިޔަ އަހަަރުތަކުގައި ސިޔާސީ އެކިއެކި ކަންކަމުގައި މަގުމަތި ހަލަބޮލިވާން ފުރުސަތު ލިބިފައި އެބަހުރި ކަމަށާއި، 2012 އަދި 2013 ގައި ހިނގާދިޔަ ކަންކަމުގައި މަގުމަތީގެ ކަންކަމުގައި އުޅުމުގެ ފުރުސަތު ހޯދަން ބޭނުން މީހުންނަށް ފުރުސަތުތަކެއް ލިބިފައިވާކަން ޝިފާން ފާހަގަކުރެއްވިއެވެ.

މިއަހަރު ތެރޭގައި މާރާމާރީތަކުގައި ނިޔާވި މީހުންގެ އަދަދު ތިނަކަށް އަރާފައިވާ ކަމަށާއި ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު މިއީ ވަރަށް ކުޑަ އަދަދެއްކަން ޝިފާން ފާހަގަކުރެއްވިއެވެ.