އެންމެ ފުރަތަމަ ބައިނަލްއަގްވާމީ 'މެންޓަލް ހެލްތް ސަމިޓް' ހޯސްޓް ކުރުމަށްފަހު އިނގިރޭސިވިލާތުން ނަފްސާނީ ބަލިމަޑުކަމުން ރައްކާތެރިވުމަށް ނުވަތަ މެންޓަލް ހެލްތް ޕްރިވެންޝަން އަށް އާ މިނިސްޓަރެއް ކަނޑައަޅައިފި އެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭ އިއްޔެ ވިދާޅުވީ 'މިނިސްޓަރ ފޯ ސުއިސައިޑް ޕްރިވެންޝަން'ގެ މަގާމަށް އައްޔަން ކުރެއްވީ ހެލްތް މިނިސްޓަރ ޖެކީ ޑޮއިޔެލް ޕްރައިސް ކަމަށެވެ.

ހެލްތް މިނިސްޓަރާއި މި މަގާމު ހަވާލުކުރީ އިއްޔެ ދުނިޔޭގައި ފާހަގަ ކުރި 'ވޯލްޑް މެންޓަލް ހެލްތް ޑޭ' އާއި ގުޅިގެން ލަންޑަނުގައި އޮތް ސަމިޓަށް 50 އަށްވުރެ ގިނަ ގައުމުން މަންދޫބުން ވަޑައިގެން ތިއްބެވި ދަނޑިވަޅެއްގައެވެ.

ބޮޑުވަޒީރު މޭ ވިދާޅުވީ ނަފްސާނީ ބަލިމަޑުކަން އަމިއްލައަށް ތަހަންމަލުކޮށް އެވާާހަކަ އެހެންމީހަކާ ހިއްސާާ ނުކޮށް ގިނަބައެއްގެ އަމިއްލަ ފުރާނަ ނަގާލާ ހިސާބަށް ކަންކަން ގެންދިއުމުގެ ވިސްނުން ހުއްޓުވޭނެ ކަމަށެވެ.

ނަފްސާނީ ބަލިމަޑުކަމުން ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު މިނިސްޓަރ ޖެކީ ޑޮއިޔެލް ޕްރައިޒް އާ ހަވާލުކުރެއްވުމުން ނަފްސާނީ ބަލިމަޑުކަމާއި ގުޅިގެން އަމިއްލައަށް މަރުވާންވީ ކަމުގެ ވިސްނުން އެ މުޖުތަމައުގައި އަށަގެންފައިވާ މިންވަރު ނިމުމަކަށް ގެންނެވުމަށް އެކަމަނާ މަސައްކަތް ކުރައްވާނެ އެވެ.

އިނގިރޭސިވިލާތުގައި ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން ސުކޫލުތަކުގައި ކުދިން ހޭލުންތެރިކުރުމަށް މިހާރަށްވުރެ ބޮޑަށް އިސްކަން ދެއްވާާނެ ކަމަށްވެސް އިނގިރޭސި ސަރުކާރުން ވަނީ ވައުދުވެފައެވެ.

އެގޮތުން ސުކޫލުތަކަށް މެންޓަލް ހެލްތް ސަޕޯޓް ޓީމްތައް ފޮނުވާނެ ކަމަށާއި ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ވަޒަންކޮށް އެހީ ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ސަރުކާރުން ބުންޏެވެ.

އިއްޔެގެ ބައްދަލުވުން ހޯސްޓް ކުރެއްވީ ހެލްތް ސެކެއްޓްރީ މެޓް ހެންކޮކް އެވެ. މި ބައްދަލުވުމަށް ޝާހީ އާއިލާގެ ދެކަނބަލުން, ކޭޓް މިޑްލްޓަން އާއި ޕްރިންސް ވިލިއަމްވެސް ހާޒިރުވެވަޑައިގެންނެވިއެވެ.

އިނގިރޭސިވިލާތުން ވަނީ މިއަހަރުގެ އޭފްރީލް މަހު 'މިނިސްޓަރ އޮފް ލޯންލިނަސް' ނުވަތަ އެކަނިވެރިކަމާ ގުޅޭ ކަންކަން ބެލެހެއްޓުމަށްވެސް ހާއްސަ ވަޒީރެއް ކަނޑައަޅާފައެވެ.

އަމިއްލައަށް މަރުވާ މީހުންގެ ކަންކަން ހައްލު ކުރެއްވުމަށް ހެލްތް މިނިސްޓަރާ އާ ޒިންމާއެއް ހަވާލުކުރައްވާފައިވާއިރު ފާއިތުވި ހަތް އަހަރު އިނގިރޭސިވިލާތުގައި ސުއިސައިޑް ރޭޓް އަންނަނީ ދަށްވަމުންނެވެ.

ކޮންމެ އަހަރަކު އިނގިރޭސިވިލާތުގައި 4،500 މީހުން އަމިއްލައަށް މަރުވާ ކަމަށް ރިކޯޑްތަކުން ދައްކައެވެ.