މަތިންދާ ބޯޓަކުން ހުއްޓުމެއް ނެތި ކުރާ ދުނިޔޭގެ އެންމެ ދިގު ސީދާ ދަތުރަށް ސިންގަޕޯ އެއާލައިންސްގެ ފްލައިޓެއް ސިންގަޕޫރުން ނިއުޔޯކަށް ދިއުމަށް ފުރައިފިއެވެ.

މިދަތުރަށް ފުރާފައިވާ ބޯޓަކީ ދިގު ރާސްތާ އެއާބަސް A350-900ULR މަރުކާގެ ބޯޓެކެވެ.

މި ފްލައިޓްގެ ދަތުރުގެ ދިގުމިނުގައި ގާތްގަނޑަކަށް 19 ގަޑި އިރު ހޭދަވާނެ ކަމަށް ލަފާކުރެވޭއިރު ދަތުރުކުރުމަށް ހަމަޖެހިފައިވާ ރާސްތާގެ ދިގުމިނަކީ 15،000 ކިލޯ މީޓަރެވެ.

ސިންގަޕޯ އެއާލައިންސްގެ މި ފްލައިޓް SQ22 މިއަދު ދަތުރުފެށީ ޖީއެމްޓީން 15:35 ގައި 150 ޕެސެންޖަރުންނާއި 17 ކުރޫ އިންނާއި އެކުގައިކަމަށް އެ އެއާލައިންގެ ތަރުޖަމާނު ވިދާޅުވިއެވެ.

ޗަންގީ އެއާޕޯޓުން ފުރައިގެން ނިވާކް އެއާރޕޯޓަށް ދިއުމަށް ދަތުރުފެށީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތަކަށްފަހު ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

މި ފްލައިޓަކީ މީގެ ކުރިން ކުރި އެންމެ ދިގު ދަތުރަށްވުރެ 90 މިނިޓް އިތުރަށް އުދުހޭނެ ފްލައިޓެކެވެ.

އާދަޔާ ހިލާފު ދިގު ދަތުރެއްގައި މީގެ ކުރިން އުދުހިފައިވަނީ އޮސްޓްރޭލިއާގެ ގައުމީ އެއާލައިން ކުއަންޓަސްގެ ފްލައިޓެކެވެ. އެއީ ކުއަންޓަސްގެ 787-9 ޑްރީމް ލައިނާއެވެ. މިއަހަރުގެ ކުރީކޮޅު ތައާރަފް ކުރި އެ ފްލައިޓަކީ އޮސްޓްރޭލިއާގެ ޕާތުން ނައްޓާލައިގެން ގޮސް އެއްވެސް ހުއްޓުމެއް ނެތި 17 ގަޑިއިރު އުދުހިފައި ގޮސް ލަންޑަނަށް ޖެއްސި ފްލައިޓެކެވެ.

މީގެ އިތުރުން ގަތަރު އެއާވޭސް އިންވެސް ވަނީ މިއަހަރު 17 ގަޑި އިރާއި 30 މިނިޓްގެ ދިގު ދަތުރެއްގައި ނިއުޒިލޭންޑްގެ އައުކްލޭންޑުން ފުރައިގެން ދޯހާ އާއި ހަމައަށް އުދުހިފައެވެ.

ސިންގަޕޯ އެއާލައިންސް އިން ބުނީ އެކި ތަންތަނަށް ނުޖައްސާ އުދުހޭ ފްލައިޓްތަކަށް ޑިމާންޑް އޮތް ކަމަށާއި އޭގެ ސަބަބުން އެކި މަންޒިލްތަކަށް ޖައްސަމުން ދަތުރު ފުރިހަމަ ކުރާ ފްލައިޓްތަކަށްވުރެ އެއްވެސް ހުއްޓުމެއް ނެތި އުދުހޭ ފްލައިޓްތަކުން ދަތުރު ކުރަންޖެހޭ ވަގުތު ކުޑަކުރުމަށް އެހީވެދޭ ކަމަށެވެ.

ސިންގަޕޯ އެއާލައިންސްގެ މި ތާރީހީ ދަތުރަށް މިއަދު ފުރުމުގެ ކުރިން މީޑިއާއަށް މައުލޫމާތު ދީފައިވާގޮތުގައި އެ ބޯޓުގެ ބިޒްނަސް ކުލާހުގެ ހުރިހާ ޖާގައެއް ވަނީ ފުލްވެފައެވެ. އަދި ޕްރިމިއަމް އިކޮނޮމީ ސީޓުގެ ވަރަށް މަދު ސީޓެއް ފިޔަވާ އެހެން ހުރިހާ ސީޓްތަކެއްވެސް ވަނީ ފުރިފައެވެ. އަދި މި ބޯޓުގެ ދަތުރުތަކުގައި އެއްވެސް އިކޮނޮމީ ބުކިންއެއް ނުދޭނެ ކަމަށް އެއާލައިނުން ބުނެއެވެ.

ބިޒްނަސް ކްލާސް ޓިކެޓުގައި ދަތުރުކުރާ މީހުންނަށް އެމީހަކު ބޭނުންވަގުތެއްގައި ކެއުމަށް ދެއިރުގެ ކެއުން ލިބޭނެ ކަމަށާއި، ދޭތެރެދޭތެރެއިން ބުއިންތައް ލިބޭނެ ކަމަށް އެއާލައިން އިން ބުނެއެވެ. މީގެ އިތުރުން ނިދަން އެނދެއްވެސް ލިބޭނެއެވެ.

ޕްރިމިއަމް އިކޮނޮމީ ޓިކެޓްގައި ދަތުރުކުރާ މީހުންނަށް ކެއުމަށް ކަނޑައަޅާފައިވާ ތިން ގަޑިއެއްގައި ތިން ކެއުމާއި ދޭތެރެދޭތެރެއިން ބުއިންތައް ލިބޭނެއެވެ. އަދި ނިދަން އެނދެންވެސް ލިބޭނެއެވެ.

މުޅިން އަލަށް އުފައްދާފައިވާ އެއާބަސް އެސްއައިއޭ އަކީ ޖުމްލަ 161 ފަތުރުވެރިންނަށް އުދުހެވޭ ގޮތަށް ޑިޒައިންކޮށްފައިވާ ޖާގަ ބޮޑު ފްލައިޓެކެވެ. އެގޮތުން މި ފްލައިޓްގައި ބިޒްނަސް ކުލާހަށް ހާއްސަ 67 ސީޓާއި ޕްރިމިއަމް އިކޮނޮމީ އަށް ހާއްސަ 67 ސީޓް ހިމެނެއެވެ.