(30 ސެޕްޓެމްބަރު 2018 އާ ގުޅޭ)

"އަހަރެން ބޭނުންވާ ކަންތައް ބުނަންވީ؟ ކޮންމެ ކަމަކު ބުންޏަސް ކޮށްދޭނަން؟" ސަލްމާ ސުވާލުކުރިއެވެ.

"އާނ. އިރާދަކުރެއްވިއްޔާ ކޮށްދޭނަން. ސަލްމާގެ އުފަލަށްޓަކައި ކޮންމެ ފަދަ ގުރުބާނެއް ވެސް އަހަރެން ވެދާނަން" ވިޔާމް ޖަވާބު ދިނީ މަޑުމަޑުންނެވެ. ވިޔާމްގެ މޫނަށް އައި ބަދަލު ސަލްމާ ދެނަގަތެވެ. ދައްކަން އުޅެނީ ކޮން ވާހަކައެއްކަން ވިޔާމަށް އެނގުނުކަން ސަލްމާ ދެނެގަތެވެ.

"ދެރަ ނުވޭ. ވިޔާމް ދެރަވާ ކަހަލަ ކަމަކަށް އަހަރެންނެއް ނޭދޭނަން. އިރާދަކުރެއްވިޔާ އަހަރެންނަކީ ވިޔާމަށް ތެދުވެރި އަނތްބެއް. އަހަރެން ނިމިގެން ދާނީވެސް މި ތެދުވެރިކަންމަތީ" ސަލްމާއަށް ރޮވޭގޮތްވިއެވެ. އުންމީދު އާވި އޭނާގެ ހިތުގެ އެނދުން އަމިއްލައަށް ވަޅުލިއެވެ. ހިތުގައި އޮތް ވާހަކަ ބުނާކަށް ބޭނުމެއް ނުވިއެވެ. ސަލްމާ ފެށީ ރޯށެވެ. އޭނާއާ ގާތްވެލުމަށްފަހު ވިޔާމް ސަލްމާގެ ބުރަކަށީ ފިރުމަންފެށިއެވެ.

ސަލްމާ ރޯ ސަބަބު ވިޔާމް ދެނެގަތެވެ. އޭނާ ބޭނުންވަނީ ކޮންކަމެއް ކަންވެސް ވިޔާމަށް އެނގެއެވެ. އެ އެނގުމުން ވިޔާމު ހިތުގައި ޖެހުނެވެ. އެންމެ ލޯބިވާ އަންހެނުން ބޭނުންވާ ކަންތައް އޭނާގެ ދުލުން ނުބުނީތީއެވެ. ނުބުނީއެއް ނޫނެވެ. ބުނަން ނުކެރުނީއެވެ. ވިޔާމްގެ އުފަލަށްޓަކައި އެ ވާހަކަ ހިންދާލީއެވެ. ނަމަވެސް މިއަދު ވިޔާމުގެ ޚިޔާލު ބަދަލުވެއްޖެއެވެ. އޭނާގެ ވިސްނުން ބަދަލުވެއްޖެއެވެ.

"އަހަރެން ބޭނުން ސަލްމާގެ ހިތުގައި ތިވާ ކަންތައް ކޮށްދެން. ސަލްމާއަށްޓަކައި އަހަރެން އެކަން ކޮށްދޭނަން. އިރާދަކުރެއްވިއްޔާ އަހަރެން އެކަން ކުރާނަން" ވިޔާމްގެ ކޮނޑުގައި ބޯއަޅައިލައިގެން އޮތް ސަލްމާގެ ބުރަކަށީގައި ފިރުމަމުން ސަލްމާއާ މުޚާތަބުކޮށް ވިޔާމް ބުންޏެވެ.

"އަދި އަހަރެން ނުބުނަމެއްނު ކަމެއް ވެސް" މަޑުމަޑުން ސަލްމާ ބުނެލިއެވެ.

"ނުބުންޏަސް އެއީ ކޮންކަމެއްކަން އަހަރެންނަށް އެނގޭ. ރަނގަޅީވެސް ނުބުނިއްޔާ. ހަފުތާއެއްފަހުން އެއީ ކޮންކަމެއްކަން އަހަރެން ބުނާނަން. އިރާދަކުރެއްވިއްޔާ އަހަރެން ތިކަން ކުރާނަން" ވިޔާމްގެ ވާހަކައިގައި ވަނީ ހިނިތުންވުމެވެ. ސަލްމާގެ މޫނުގައި ވަނީ އުފާވެރިކަމެވެ.

ވިޔާމް މަސައްކަތް ފެށިއެވެ. މީން ދުވަހަކު ވެސް ނުކުރާ މަސައްކަތެކެވެ. ކުރަން ބޭނުންނުވާ ކަމެކެވެ. އޭނާ ބެލީ ރާއްޖޭގެ ވާހަކަތައް ނުއިވޭ ގޮތަކަށް އުޅެވޭތޯއެވެ. ރާއްޖޭގެ މީހުންނާ ގުޅުން ނޯންނަ ގޮތަކަށް ދިރިއުޅެވޭތޯއެވެ. ރާއްޖޭގެ ޚަބަރުތަކާއި ރާއްޖޭގެ ކަންތައްތައް ނުބަލައި ވޭތޯއެވެ. އެކަން އޭނާ ކުރިއެވެ. ފާއިތުވީ 40 އަހަރު އެ ހޭދަކުރީ އެ ގޮތުގައެވެ. އެ ރާއްޖޭގެ އެއްވެސް ވާހަކައެއް ނާހައެވެ. ރާއްޖެއާ ގުޅޭ އެއްވެސް ޚަބަރެއް ނުބަލައެވެ. ދިވެއްސަކާ ދިމާވިޔަސް އެނގޭކަމަކަށް ވެސް ނުހަދައެވެ. ފޮންޏޭ ބުންޏަސް ހިތްމޮޅޭ ބުންޏަސް ފަރުވާލެއް ނެތެވެ. ވީ ފޫއްސެއްގެ ބޮޑޫކަމުން އޭނާ ރާއްޖެމަތިން ހަނދާން ނައްތާލީއެވެ. ލިބުނު މާޔޫސްކަމުގައި ރާއްޖެއާ އޮތް ވަޒަނުގެ ގުޅުން ކަނޑާލީއެވެ. ނަމަވެސް މިއަދު އެއިނީ ރާއްޖޭގެ ޚަބަރުތައް ކިޔާށެވެ. ރާއްޖޭގެ ރިސޯޓްތަކުގެ ވެބްސައިޓްތަކުން މަޢުލޫމާތު ހޯދާށެވެ. ބޭނުމަކީ އަންހެނުން އުފާކޮށްދިނުމެވެ. އަންހެނުން ހިތްހަމަ ޖައްސައިދިނުމެވެ.

ވިޔާމްގެ ހިތުގައި ރާއްޖެއާ މެދު އޮތް ނަފުރަތުގެ އިހުސާސް ދިޔައީ މައިތިރިވަމުންނެވެ. އިހު އޮތް ރުޅިވެރިކަން ދިޔައީ ހިނދެމުންނެވެ. އެ ނަފުރަތާއި ރުޅިވެރިކަމުގެ މައްޗަށް ގަދަވަމުން އައީ އޭނާގެ އަންހެނުން ވިޔާމަށްޓަކައި ވީ ކެތްތެރިކަމެވެ. ވިޔާމަށްޓަކައި ވީ މަތިވެރި ލޯތްބައި ގުރުބާނީއެވެ. މިއަދު އަންހެނުން އެ އެދޭ އެދުމުގެ ކުރިމަތީ ވިޔާމް ކުޑަކަކޫ ޖަހަން މަޖުބޫރުވީއެވެ. އޭނާގެ ހިތް އަންހެނުންނަށްޓަކައި މަޑުވީއެވެ.

ވިޔާމްގެ ލޮލުގައި އަޅައިގަތީ މީގެ ތިން އަހަރު ކުރިން ހުޅުވި މެޑިކަލް ރިސޯޓް އެންޑް ސްޕާއެވެ. ރިސޯޓަށް ކިޔާފައިވާ ނަމުން ވެސް ވިޔާމުގެ ހިތުން ޚާއްސަ ޖާގައެއް ހޯދިއެވެ. އެ ރިސޯޓުގެ އިތުރު މަޢުލޫމާތު ހޯދިއެވެ. ހޯދި މަޢުލޫމާތުން އެނގުނީ އެއީ ދުވަސްވީ މީހުންނަށް ޚާއްޞަ ފަރުވާ ދޭ ރިސޯޓެއްކަމެވެ. ބޮޑެތި ބަލިތަކާއި ޚާއްޞަ އޮފަރޭޝަންތައް ކުރުމަށް ހަމަޖެހިފައިވާ ރިސޯޓެއްކަމެވެ. ވަކިން އޮންނަ ރަށެއްގައި ސިއްޙީ ޚިދުމަތް ދިނުމަށް ތައްޔާރުކޮށްފައިވާ ރިސޯޓުކީ އަގުވެސް ބޮޑު ބާރުވެސް ބޮޑު ރިސޯޓެކެވެ. އެހެން ރިސޯޓުތަކާ އެ ރިސޯޓްތަފާތުވަނީ އެ ރިސޯޓްގައި ހުރުމަށް ރިޓެއަމަންޓް ވިސާ ދޫކުރާތީއެވެ. 20 އަހަރު ވަންދެން ވެސް އެ ތަނުގައި، އެ ރިސޯޓުގެ ރައްވެއްސަކަށް ވެގެން އުޅެވޭތީއެވެ. އެ ހުއްދަ ސަރުކާރުން ދޫކުރާތީއެވެ. ވިޔާމުގެ ހިތުން އެ ރިސޯޓަށް ދެވުނު ޖާގަ އޭނާ ބޭނުންވީ ޔަގީންކުރާށެވެ. އިތުރު މަޢުލޫމާތު ހޯދުމަށް އެ ރިސޯޓަށް އޭނާ ގުޅިއެވެ. ބޭނުންވާ މަޢުލޫމާތު ކަށަވަރު ކުރިއެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ގާތުގައި ޖެހިންގެން އޮތީ ސަލްމާއެވެ. ވިޔާމްގެ ހިތުގައި ހިނގަމުންދަނީ އުފާވެރިކަމުގެ އިހުސާސްތަކެވެ. އަންހެނުންނަށް ދޭން ތައްޔާރުވެފައިވާ ފޮނި ޚަބަރުގެ އަސަރެވެ. އެ އަސަރާއެކު ވިޔާމް ވާހަކަ ފެށިއެވެ.

"އަހަރެން ކޮށްދޭނެކަމަށް ބުނި ކަންތައް ބުނަންވީތަ؟" ނިދާ ބޮކީގެ ފަނޑު އަލީގައި ސަލްމާގެ މޫނަށް ބަލަހައްޓައިގެން އޮތް ވިޔާމް ސުވާލުކުރިއެވެ.

"އަޅެ ބުނެބަލަ؟ އަހަރެން ހިތުގައި އޮތް ކަންތައް ބުނަން އެނގެންޏާ އެނގިދާނެ" ވަރަށް ގަޔާވެލުމަށްފަހު ސަލްމާ ވެސް ޖަވާބުދިނެވެ.

"އަހަރެންނަށް އެނގޭ އަހަރެން މި ވާހަކަ ބުނުމުން ސަލްމާއަށް ލިބޭނީ ސަޕްރައިޒެއްކަން. އެކަމަކު މިނިންމުން އަހަރެން ނިންމައިފިން. ސަލްމާ ބޭނުންވާ މިކަން ކޮށްދިނުމަށް އަހަރެން ވަޢުދުވަން" ވިޔާމްގެ ދުލުން ކޮން ވާހަކައެއްކަން ނުބުނެ އެކަން ކޮށްދިނުމަށް އޭނާ ވަޢުދުވިއެވެ. ސަލްމާގެ ހިތް ތެޅިގަތެވެ. ބުނަން އެއުޅޭ ވާހަކައަށް ހުރިހާ ހިއްސެއް ދޫކޮށްލިއެވެ.

"ދެންވެސް ނުތަޅުވާ ބުނެބަލަ ކޮން ކަމެއް؟" ސަލްމާ އެދުނެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި ސަލްމާ ފަދަ ދެވަނަ އަނތްބަކު އަހަރެންގެ ހަޔާތަކަށް ނާންނާނެ. އަހަރެންގެ މި އެކަނިވެރި މިހަޔާތް ފަޅުފިލުވައިދޭކަށް މިތާކު ނުހުންނާނެ. އެކުވެރިންނާއި މައިންބަފައިން ދޫކޮށް ދިރިއުޅުން މިގޮތުގައި ހޭދަކުރާކަށް ނާންނާނެ. އަމިއްލަ ވަޒަނާއި ހަނދާންތައް ދޫކޮށް މިހައި ދުވަހު އަހަރެންނަށްޓަކައި ނުހުންނާނެ. ސަލްމާ... އަހަރެންނަށް މަޢާފުކުރޭ. އަހަރެންނަށް މަޢާފުކުރޭ" ވިޔާމަށް ރޮވޭގޮތްވިއެވެ. އޭނާގެ ހިތުގައި ހިނގަމުން ދިޔައީ ސަލްމާގެ ހިތުގައި ހިނގާނެ އިހުސާސްތަކެވެ.

"ނުރޮއޭ ވިޔާމް.... ހުއްޓާލާ..... އަހަރެންގެ ހިތުގައި ތި އިހުސާސްތައް ހުރީ ވަޅުޖެހިފައި. ވިޔާމަށްޓަކައި އެ ހުރިހާކަމެއް ހުރީ ކަފުންކޮށްފައި. މިއަދު އެ ހިތާމަތަކެއް އިހުސާސެއް ނުކުރެވޭ" ސަލްމާގެ ދުލުން އެހެން ބުނިނަމަވެސް އޭނާގެ ދޮލުން ނީރުނު ކަރުނަތައް ވިޔާމްގެ މޫނަށް ދިޔައީ ފައިބަމުންނެވެ.

ވިޔާމުގެ ވާހަކަ ފެށީ އިރުކޮޅެއް ފަހުންނެވެ.

"އަހަރެން ބޭނުން ސަލްމާ ބޭނުންވާ ކަންތައް ކޮށްދެން. ސަލްމާއާއެކު ރާއްޖެއަށް ދާން" ވިޔާމުގެ ދުލުން ބޭރުކުރި ޖުމުލައާއެކު ސަލްމާއަށް ތެޅިގަނެވުނެވެ.

"ކީކޭ؟ ރާއްޖެ ދާން ބޭނުން؟" ހައިރާންކަމާއެކު ސަލްމާއަށް އަހައިލެވުނެވެ. ވިޔާމުގެ ބޯ ޖަހާލުމާއެކު ވިޔާމުގެ ގައިގައި ސަލްމާ ބައްދައިގަތެވެ. އަދި ބާރުބާރަށް ރޯންފެށިއެވެ. ކުޑަކުއްޖަކު ފަދައިން ހިތުގައި ޖެހިގެންނެވެ. ނަމަވެސް ސަލްމާ ރޮމުން އެދަނީ ލިބުނު އުފަލުގެ ބޮޑުކަމުންނެވެ. ނުވާނެކަމަށް އޭނާގެ ހިތް ބުނި ކަމެއް، ފުރިހަމަ ވާނެކަމުގެ ޚަބަރު ލިބުމުންނެވެ. އޭނާ އެންމެ ބޭނުންވާ ކަންތައް ކުރުމުގެ ނަސީބު ފަހިވުމުންނެވެ.

އެތައް އިރަކު އެ އިހުސާސްތައް ދެ މީހުން ހިއްސާކުރިއެވެ. އެ ފުން ޖަޒުބާތުގައި ވަގުތުތައް ގުނިއެވެ. ދެމީހުން ހަމައަކަށް އެޅުމުންވެސް ފެށީ ހަމަ އެ ވާހަކައެވެ.

"ކޮން އިރަކުން ދާނީ؟ ކޮން އިރަކުން ފުރާނީ؟ ކޮންތަނަކަށް ދާނީ؟ ކިތައް ދުވަހު މަޑުކުރާނީ" ސަލްމާގެ ސުވާލުތައް ފައްޗަކަށް އަމުނާލިއެވެ.

"ގޮތް ނިންމާނީ ސަލްމާ. އަހަރެން ބޭނުންވަނީ ސަލްމާ އުފާ ކޮށްދެން. ހިތްހަމަ ޖައްސައިދެން" ވިޔާމު ޖަވާބުދިނީ ހިނިތުންވުމާއެކުއެވެ. އޭނާ ބޭނުންވީ ސަލްމާ ލައްވާ ނިންމުންތައް ނިންމުވާށެވެ.

(ނުނިމޭ)