(02 ސެޕްޓެމްބަރު 2018 އާ ގުޅޭ)

އެތައް އިރަކު އެ އިހުސާސްތައް ދެ މީހުން ހިއްސާކުރިއެވެ. އެ ފުން ޖަޒުބާތުގައި ވަގުތުތައް ގުނިއެވެ. ދެ މީހުން ހަމައަކަށް އެޅުމުން ވެސް ފެށީ ހަމަ އެ ވާހަކައެވެ.

"ކޮން އިރަކުން ދާނީ؟ ކޮން އިރަކުން ފުރާނީ؟ ކޮންތަނަކަށް ދާނީ؟ ކިތައް ދުވަހު މަޑުކުރާނީ" ސަލްމާގެ ސުވާލުތައް ފައްޗަކަށް އަމުނާލިއެވެ.

"ގޮތް ނިންމާނީ ސަލްމާ. އަހަރެން ބޭނުންވަނީ ސަލްމާ އުފާ ކޮށްދެން. ހިތްހަމަ ޖައްސައިދެން" ވިޔާމު ޖަވާބުދިނީ ހިނިތުންވުމާއެކުއެވެ. އޭނާ ބޭނުންވީ ސަލްމާ ލައްވާ ނިންމުންތައް ނިންމުވާށެވެ.

"އަހަރެން ބޭނުން މަދުވެގެން ދެ ހަފުތާ މަޑުކޮށްލަން. އޯކޯތަ؟" ސަލްމާ ބޭނުންވާ ގޮތް ހާމަކުރަމުން އެ ގޮތް ރަނގަޅުތޯ ވިޔާމުގާތު އެއްސެވެ.

"އަހަރެން ވިސްނައިގެން މި ހުރީ ސަލްމާ ބޭނުންވާހާ ދުވަހަކު އެ ތަނުގައި މަޑުކުރަން. އެ ގޮތް އޯކޭތަ؟" ވިޔާމު ކުރި ސުވާލުން ސަލްމާ ދެ ލޯ ބޮޑުވިއެވެ. އެކަން ވިޔާމެއް ނުކުރާނެއެވެ. އެހައި ގިނަ ދުވަހަކު އެތާ މަޑުކުރާކަށް ވިޔާމު ބޭނުމެއް ނުވާނެއެވެ.

"މިހާރު ތި ދިމާކުރަނީ ދޯ؟" ވެރިވި ޚިޔާތަކާއެކު ސަލްމާއަށް އަހައިލެވުނެވެ.

"ނޫން. ހަމަ ހަގީގަތުގައި ވެސް މިއީ އަހަރެން ނިންމިގޮތް. އަހަރެން ވަރަށް ވިސްނައިފިން. ވަރަށް މަސައްކަތް ވެސް ކޮށްފިން. ސަލްމާއަށް އުފަލާއި ހިތްހަމަ ޖެހުން ހޯދައި ދިނުމަކީ މިއަދު އަހަރެންނަށް ލިބޭ އެންމެ ބޮޑު އުފާ. އެންމެ ބޮޑު ހިތްހަމަ ޖެހުން. އެހެންވީމާ އަހަރެން ބޭނުންވާ ގޮތް މި ދޫކޮށްލީ. އެ ގޮތުގައި އެތައް އަހަރަކު އުޅެވިއްޖެ. ދެން އުޅޭނީ ސަލްމާ ބޭނުންވާ ގޮތުގައި" ވިޔާމު ވާހަކަދެެއްކީ އިސްދަށަށް ޖަހައިގެން އިނދެއެވެ. ކަންތައްތައް ކުރެވިފައިވާ ގޮތާމެދު ދެރަވާ ހާލުގައެވެ.

"އަހަރެމެން ގޮސް ކޮންތާކު ހުންނާނީ؟" ވިޔާމަށް އައި ބަދަލު ފެނިފައި ސަލްމާ ސުވާލުކުރިއެވެ.

"ތިކަން މިހާރު އޮތީ ހަމަޖެހިފައި. ރާއްޖޭގެ މެޑިކަލް ރިސޯޓް އެންޑް ސްޕާގައި އަހަރެމެން ތިބޭނީ. އެ ތަނުން ރޫމެއް މިހާރު ވާނީ ބުކްކޮށްފައި. އެތަނުގެ މަޢުލޫމާތު އަހަރެން ހޯދައިފިން. މިދިޔަ ހަފުތާގައި ހޭލާ އިނދެގެން ކުރި ކަމަކީ އެއީ. އެ ތަނުގައި 20 އަހަރު ވެސް ހުރެވިދާނެ. އެ ރިޒޯޓުގައި ދިގު މުއްދަތަކަށް ހުރުމަށް ރިޓަޔަމަންޓް ވިސާ ދޫކުރޭ. އެއްފަހަރާ އެއް ލައްކަ ޑޮލަރު ބޭންކުގައި ބަހައްޓަނިކޮށް އެކަން ކޮށްދޭ. އެހެންވީމާ އަހަރެންގެ ވިސްނުމަކީ ކުރިއަށް މިއޮތް ދުވަސްތައް އެ ރިސޯޓުގައި ހޭދަކުރުން" ވިޔާމު ވިސްނާފައި އޮތް ގޮތް ސަލްމާއާ ހިއްސާކުރިއެވެ. ސަލްމާ ހުރީ އަޖައިބުވެފައެވެ. އެއަށްވުރެ ބޮޑަށް ވިޔާމުގެ އެ ނިންމުން ނިންމި ސަބަބާމެދު ހައިރާންވެފައެވެ. އެ ކުއްލި ބަދަލު ވިޔާމަށް އައީތީ އުފާވެފައެވެ.

އަމިއްލަ ގައުމުން ބޭރުގައި 40 އަހަރު ހޭދަކުރުމަށްފަހު ވިޔާމާއި ސަލްމާ ރާއްޖެއަންނަން ތައްޔާރުވިއެވެ. ދިވެއްސެއްގެ ހައިސިއްޔަތުންނެއް ނޫނެވެ. ބޭރު މީހެއްގެ ގޮތުގައެވެ. ބޭރު ރައްވެއްސެއްގެ ގޮތުގައެވެ. އެތައް ޑޮލަރެއް ޚަރަދުކުރުމަށްފަހު އަމިއްލަ ވަޒަނުގައި މި އަދު ތިބެވެން އޮތީ ވިސާ ނަގައިގެންނެވެ. އެކަން ވިޔާމު ކުރިއެވެ. އެތައް އިހުސާސްތަކަކާއެކުއެވެ. އެތައް އުންމީދު ތަކަކާއެކުއެވެ.

ވިޔާމާއި ސަލްމާ ރާއްޖެއައެވެ. ތިބެން ހަމަޖެހިފައިވާ ރިސޯޓަށް ދިޔައެވެ. އެ ތަނުން މަރުހަބާކީ އުފާވެރިކަމާއި ހިނިތުންވުމެވެ. ސަލްމާ ހައިރާންވީ ލިބެން ފެށި ޚިދުމަތްތަކުގެ ފުރިހަމަ ކަމުންނެވެ. ރިސޯޓުފަރުމާކޮށްފައިވާ ގޮތާއި ކަންކަން އިންތިޒާމު ކޮށްފައިވާލެއް ފުރިހަމަކަމުންނެވެ. ދުވަސްވީ މީހުންނަށް އެންމެ ފަސޭހަ ރައްކާތެރި ގޮތަކަށް ހުރިހާ ކަމެއް ރާވަފައިވާއިރު އެކި ކަންކަމަށް ޚާއްޞަ އެހީތެރިން އެ ތަނުގައި ތިބެއެވެ. އެންމެ ބޮޑަށް ހިތްހަމަ ޖެހުނީ ޚާއްޞަ ބަލިތަކަށް ފަރުވާދެވޭނެ އިންތިޒާމު ވެސް އެ ރިސޯޓުގައި ހަމަޖެހިފައި ހުރީތީއެވެ. ދުނިޔޭގެ ފެންވަރުގެ ޑޮކްޓަރުން އެ ތަނުގައި ޙަރަކާތްތެރިވާތީއެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އެ ރިސޯޓުގައި އެކި ފެންވަރުގެ އެކި ގިންތީގެ އެތައް ބަޔަކު އެބަ ތިއްބެވެ. މުއްސަނދި މަހުޖަނުންގެ މާމައިންނާއި ކާފައިންނެވެ. ބޮޑެތި ބަލިތަކަށް ދިގު މުއްދަތުގެ ފަރުވާ ކުރަމުންދާ އެތައް ބައެކެވެ. އެއިން ކޮންމެ މީހަކީ އެތައް ޑޮލަރެއް ކޮންމެ ދުވަހަކު ޚަރަދުކޮށްގެން މި ހިތްގައިމު ރިސޯޓުން ޚިދުމަތް ހޯދާ މީހެކެވެ.

"މި ތަނަށް އަންނަން މާލަސްވެއްޖެ. ކިހައި ހިތްފަސޭހަ. ކިހައި އުފާވެރި" ސަލްމާ ވާހަކަދެއްކީ ވިޔާމުއާއެވެ.

"މިތަން ވަރަށް ފުރިހަމަ. އަހަރެމެން ކަހަލަ ދުވަސްވީ މީހުންނަށް މި ވަރު ތަނެއް ދުނިޔެއަކު ނުހުންނާނެ. އަނެއްކާ ކިހައި ހިތްފަހި ދޯ؟" ސަލްމާގެ ވާހަކަތަކަށް ވިޔާމު އެއްބަސްވިއެވެ.

"ދެން ދާނަންތަ ޔޫކޭއަށް؟" ސަލްމާ ސުވާލުކުރިއެވެ.

"ކީއްވެ ތިހެން ތި އެހީ؟" ވިޔާމު ވެސް ކުރީ ސުވާލެކެވެ.

"ދާން ބޭނުން ނުވާތީ. މި ފަސްގަނޑުގައި މަޑުކުރަން ބޭނުންވާތީ. އަމިއްލަ ރަށަށް ވެސް ދާން ބޭނުންވާތީ" ސަލްމާ ޖަވާބު ދިނެވެ.

"ދެނެއް ނުދާނަން. މިއީ އަހަރެން ވެސް އުފަންވި ބިން. ސަލްމާ ހުންނަން ބޭނުންވަނީ މި ތަނުގައި ނަމަ އަހަރެން ވެސް ދެން ހުންނާނީ މި ތަނުގައި. ސަލްމާއާ ވަކިވާކަށް އަހަރެން ބޭނުމެއް ނޫން" ވިޔާމުގެ ވިސްނުން ހުރި ގޮތް އޭނާ ހާމަކުރިއެވެ.

ހަފުތާއެއް ފަހުން ވިޔާމް ނިންމާފައި ވަނީ ސަލްމާގެ އުފަން ރަށް ފެންފުށްޓަށް ދާށެވެ. އެ ރަށުގައި ތިބި ސަލްމާގެ އާއިލާގެ މީހުންނާ ބައްދަލުކުރާށެވެ. ކެނޑިފައިވާ ގުޅުން އާލާކޮށް ބަދަހިކުރާށެވެ. އެ ނިޔަތުގައި ފެންފުށީ ދަތުރު ވިޔާމް ހަމަޖެއްސިއެވެ.

ފެންފުށީ ދަތުރަށް ސަލްމާ ދިޔައީ ތައްޔާރު ވަމުންނެވެ. ރިސޯޓުގައި ހުރި ބޮޑު މޯލުން ހަދިޔާބަދިޔާ ގަނެ ދިޔައީ ފޮށްޓަށް އަޅަމުންނެވެ. އެ މަސައްކަތުގައި އުޅެނިކޮށް ސަލްމާގެ މެޔަށް އެރީ ކުއްލި ތަދެކެވެ. އެ ތަދާއެކު މުޅި މީހާގެ ހެޔަށް ގޮތްވީއެވެ. ހޭނެތިގެން ވެއްޓުނީއެވެ. އެ މަންޒަރާއެކު ވިޔާމު ހާސްވީއެވެ. ގޮތް ހުސްވީއެވެ.

ސަލްމާއަށް ފަރުވާދެމުން ދިޔައީ ރިސޯޓުގައި އައިސީޔޫގައެވެ. މައްސަލައަކީ ކޮބައިކަން ވިޔާމަށް އެނގެއެވެ. ދެފަހަރަކު ހާޓް އެޓޭކް ޖެހިފައިވާކަމާއި ދެން ވާނީ ކިހިނެއްކަން ވެސް ވިޔާމަށް ގަބޫލުކުރެވެއެވެ. ވިޔާމްގެ ހިތުގެ ވިންދު ބާރުބާރަށް ތެޅެމުން ދިޔައީ އެ ގަބޫލުކުރެވުމާއެކުއެވެ. ސަލްމާ އޭނާއާ ވަކި ނުކުރުމަށް ހިތުން ކުރެވެމުން ދިޔަ ދުޢާތައް އިތުރުވީ އެ ނޫން ގޮތެއް ނެތްކަން ގަބޫލުކުރެވުމުންނެވެ.

ވިޔާމަށް ކުރެވުނީ ހީއެއް ނޫނެވެ. އެއީ ހަގީގަތެވެ. ޔޫކޭ ޑޮކްޓަރު ވިޔާމުގާތުގައި ބުނެފައިވާ ވާހަކަތަކެކެވެ. އިތުރު ހާޓް އެޓޭކެއް ޖެހިއްޖެނަމަ ފުރާނައަށް ނުރައްކާވާނެކަން ކުރިން ވެސް އޮތީ ބުނެފައެވެ. ވީވެސް އެހެންނެވެ. މި ފަނާވަނިވި ދުނިޔެއާ ސަލްމާ ވަކިވީއެވެ. އޭނާ އެންމެ ބޭނުންވާ މަންޒިލްގައެވެ. އޭނާ އެންމެ ލޯބިވާ ވަޒަނުގައެވެ. އޭނާ އެންމެ ބޭނުންވާ ގޮތަށެވެ. ސަލްމާ އަބަދު ވެސް ބުނާ ވާހަކައެއް އޮވެއެވެ. އޭނާ މަރުވަން ބޭނުންވީ ވިޔާމަށް ވުރެ ކުރިންނެވެ. އެ އުންމީދު ވެސް ސަލްމާ ފުރިހަމަވިއެވެ.

ވިޔާމަށް ދެލޯ މަރާލެވުނެވެ. ސަލްމާގެ މޫނަށް ދޮން ދެވުނެވެ. އިރުކޮޅަކު ގަނޑުވެފައި ހުރެވުނެވެ. ކިހައި މާތް އަނތްބެއް ހެއްޔެވެ؟ ކިހައި ވަފާތެރި ތެދުވެރި އަންހެނެއް ހެއްޔެވެ؟ ފިރިއެއްގެ ހައްގުގައި އަމިއްލަ އުފާތައް އެ ގުރުބާން ކުރީ ކިހައި ލޯބިވާތީ ހެއްޔެވެ؟ އަމިއްލަ ވަޒަނާ ދުރުގައި 40 އަހަރު އެ ހޭދަކުރީ ކިހައި ކެތްތެރި ކަމަކާ އެކުގައި ހެއްޔެވެ؟ ވިޔާމުގެ ލޮލުގެ އެސްފިޔަތަކުން ހިފަހައްޓާފައި ހުރި ކަރުތަކަށް ކެތެއް ނުކުރެވުނެވެ. ހޯސްލާފައި ކޯތާފަތް މައްޗަށް ދެމިގަތެވެ. އެ ހޫނުކަމުން ވިޔާމްގެ ހިތް ވިރެމުންދިޔައެވެ. އެ ހަށިގަނޑުގެ ހުރިހާ ނާރަކުން ދިލަ ނަގަމުން ދިޔައެވެ. ވީ ތަދާއެކު ވިޔާމު ވެސް ވެއްޓުނީއެވެ.

ވިޔާމު ހޭ އެރީ އިރުތަކެއް ފަހުންނެވެ. އެނާ ވިސްނިއެވެ. އަމިއްލަ ނަފުސާމެދުއެވެ. އޭނާއަށް ވެވުނު ފޫއްސާ މެދުއެވެ. ވަޒަނާމެދު ކަންތައް ކުރެވުނު ގޮތާމެދުއެވެ. މިއަދު އެހީތެރިވާނެ އިތުރު މީހަކު ނެތެވެ. ހަމައެކަނި ހުރި އަނބިމީހާ އެ ވަކިވީއެވެ. އަޅައިލާނެ އާއިލާ މީހަކު ނެތެވެ. އެ ގުޅުން އޮތީ ކެނޑިފައެވެ. މާ ގާތް އެކުވެރިއަކު ނެތެވެ. އެ ގުޅުންތައް ވެސް އޮތީ މާ ދުރުގައެވެ. ކިހައި އެކަނިވެރި ހެއްޔެވެ؟ މި ވަޒަނުން ލިބޭނެ އިތުރު އުފަލެއް ނެތެވެ. އޮތީ ހިތްދަތިކަމެވެ. ފެންނަ ކޮންމެ ރުއްގަހެއް ކުރަނީ މަލާމާތެވެ. މި އުފާވެރި ވެށި ދެކެ ފޫހި ވާނީ ކާކު ހެއްޔެވެ؟ ދިމާވާ ކޮންމެ މީހެއްގެ މޫނުމަތިން ވެސް މަލާމާތްކުރާ ފަދައެވެ. މިފަދަ ހިތް ހެޔޮ ބަޔަކާ ގުޅުން ކަނޑާލާނީ ކާކު ހެއްޔެވެ؟ ވިޔާމުގެ ހިތް ކުދިކުދި ވަމުން ދިޔައެވެ. އަމިއްލަ ނަފުސާ މަލާމާތްކުރަން ފެށިއެވެ.

މިއީ ދުނިޔެއެވެ. މި ދުނިޔޭގައި ދައްކަވަން ހުރި ތަނެއް ދައްކަވާނެއެވެ. ވާން އޮތް ގޮތެއް ވާނެއެވެ. އެއީ ހިފެހެއްޓޭނެ ކަންކަމެއް ނޫނެވެ. ވިޔާމްގެ ވިސްނުން ބަދަލުވިއެވެ. އޭނާގެ ނިންމުން ވެސް ބަދަލުކުރިއެވެ. ވަޒަނާމެދު ދެކުނު ގޮތް ވެސް ބަދަލުކުރިއެވެ.

-- ނިމުނީ --