ވޯޓު އޮޅުވާލީ ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވައިގެން ރައީސް ޔާމީންގެ ސަޕޯޓަރުންނަށް އެމަނިކުފާނު ދެއްވަނީ ހަގީގަތަކަށް ނުވާނެ އުންމީދެއް ކަމަށް ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.

ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ސަރުކާރުން ތަންފީޒު ނުކުރުމުން އެކަމާ ހިތްހަމަޖެހިވަޑައިނުގެން މަގާމުން އިސްތިއުފާ ދެއްވި ހުސައިން ރަޝީދު ވިދާޅުވީ ރިޔާސީ ކެމްޕޭނުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ވެސް ގޮތް ނިންމާނީ މަގުމަތިން ނުވަތަ ކޯޓުން ނޫން ކަމަށާއި ގޮތް ނިންމާނީ ރައްޔިތުން ކަަމަށް ވިދާޅުވަމުން ގެންދެވި ކަމަށެވެ. ނަމަވެސް މިއަދު އެމަނިކުފާނުގެ ބަހާއި އަމަލާ ދިމާނުވެގެން އުޅެނީ މާޔޫސްވެގެން ގޮތްހުސްވެގެން އަތުންފައިން ގިނަ ގޯސްތަކެއް ހެއްދެވޭތީ ކަމަށެވެ. ހުސައިން ވިދާޅުވީ އިންތިޚާބު ބާތިލްކުރުމަށް ހުށަހަޅުއްވައިގެން އުޅުއްވަނީ ވެރިކަން ގެއްލިވަޑައިގަތުމުން އެކަން ހަޖަމުނުކުރެއްވިގެން ކަމަށެވެ.

ހުސައިން ވިދާޅުވީ ރައްޔިތުން އެއޮތީ ނިންމުން ނިންމާފައި ކަަމަށާއި އެއަށް ބަދަލުގެނެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ދާއިމީ ނަތީޖާ އިއުލާންކޮށްފައިވާއިރު އެނަތީޖާ ބައިނަލްއަގުވާމީ ދުނިޔެއާ ފޮރިން މިނިސްޓްރީން ހިއްސާ ކޮށްފައިވާ ކަަމަށެވެ. އަދި ދުނިޔޭގެ ބޮޑެތި ބާރުތަކުންނާއި އަވަށްޓެރި ގައުމުތަކުން އިންތިޚާބީ ރައީސާއި ނާއިބުރައީސަށް މަރުހަބާ ވެސް ކިޔާފައިވާ ކަމަށެވެ. އިންތިޚާބު ބާތިލްނުކުރެވޭނެކަން ރައީސް ޔާމީނަށް ވެސް އެގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް ސުޕްރީމް ކޯޓަށް ވަޑައިގަތީ ގިނިކަންޏާ ވެވަޑައިގެން އަރިހުގައި ތިއްބެވި މަދު ބަޔަކަށް ހަގީގަތަކަށް ނުވާނެ އުންމީދެއް ދެއްވުމުގެ ގޮތުން ކަމަށް ހުސައިން ވިދާޅުވިއެވެ.

"ހަގީގަތަކީ މިއަދުގެ ސިޔާސީ މަސްރަހުގައި އެމަނިކުފާނު އެހުންނެވީ ގިނިކަންޏާ. އިހުސާސް ކުރެއްވޭ މިއަދު ދެން އެހެން އޮޕްޝަނެއް ނެތްކަން. އެހެންވީމަ ކައިރީގައި ތިބި ސަޕޯޓަރުންނަށް ދެއްވަނީ ފޯލްސް ހޯޕެއް. ސުޕްރީމް ކޯޓުން ތިމަންނަމެންނަށް އަދިވެސް މިކަން ކުރެވެން އެބައޮތޭ، އޮޅުވާލީއޭ، މަކަރުހެދީއޭ ކިޔައިގެން ހަމަ ފޯލްސް ހޯޕެއް އެދެއްވަނީ. އެބަ އެނގިވަޑައިގަންނަވާ ދެންވެސް ތިއްބެވި ބޭފުޅުން ގޮސް ހުސްވާނެކަން" ހުސައިން ރަޝީދު ވިދާޅުވިއެވެ.

ހުސައިން ރަޝީދު ވިދާޅުވީ ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ނޮވެމްބަރު 11 އާ ހަމައަށް ވެސް އެމަނިކުފާނު އަރިހުގައި ބަޔަކު ތިބޭތޯ ކަމަށެވެ. އެއީ ސުޕްރީމް ކޯޓުންވެސް ކާމިޔާބުވާނެކަމުގެ އުންމީދެއް އޮވެގެން ކުރައްވާ ކަމެއް ނޫން ކަމަށެވެ. ވޯޓުލުމާއި ވޯޓުގުނުން ހިނގީ އެންމެން ކުރިމަތީގައި ކަަމަށާއި ނަތީޖާ އޮޅުވާލި ކަމަށް ބެލޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް ހުސައިން ރަޝީދު ވިދާޅުވިއެވެ.