އެއީ ނަބީލުގެ ދުލުން ދުވަހަކު ވެސް ދެއްކި ވާހަކައެއް ނޫނެވެ. ދައްކާނެ ކަމަށް ހީކޮށްގެން ހުރި ވާހަކައެއް ވެސް ނޫނެވެ. އަހަރެންގެ މަގާމު، އެހެން މީހަކަށް ދޭނެއެކޭ އަހަރެންގެ ހިތް ދުވަހަކު ވެސް ނުބުނެއެވެ. ނަމަވެސް އެއީ ކުށް ހީއެކެވެ. އެ ހީ ހަގީގަތަކަށް ވާން ނޭދުނަސް އެކަން އެ ދުވަނީ ހަގީގަތާ ދިމާއަށެވެ. ކިހައި ދެރަ ހެއްޔެވެ؟ ކިހައި މޮޔަ ހެއްޔެވެ؟ ކިހައި ހިތާމަވެރި ހެއްޔެވެ؟

އަހަރެންނަށް ހަމަ ވިސްނެނީއެވެ. ފިކުރު ކުރެވެނީއެވެ. ނަބީލު ދެއްކި ވާހަކަތަކުން ބޯ ގޮވަނީއެވެ. އަހަރެންގެ ހިތް ތެޅެނީއެވެ. ރުޅިވެސް ގަދަވަނީއެވެ. ދެ އަނބީން ހޯދުމަކީ މާ މޮޅު ކަމަކީ ހެއްޔެވެ؟ މާ ގިނަ އުފާތަކެއް ލިބޭ ކަމަކީ ހެއްޔެވެ؟ ދެ އަނބީން ނުހޯދާނަމަ އުފާތަކުން މަހުރޫމު ވަނީ ހެއްޔެވެ؟ ކިހައި ދެރަ ކަމެއް ހެއްޔެވެ؟ ދެ ކުދިން ކިހައި މާޔޫސް ވާނެ ހެއްޔެވެ؟ އެހެން މީހަކަށް ލޯބި ބައިއަޅަންވުމުން އެ ދަރިންނަށް ވަގުތު ދެވޭނެ ހެއްޔެވެ؟

އަހަރެން ނަބީލާ ވާހަކަދެއްކީމެވެ. ކަންވާގޮތް އޮޅުން ފިލުވީމެވެ. ނަބީލު ވެސް ދޮގު ހަދާކަށް ބޭނުމެއް ނުވެެއެވެ. އޭނާގެ ޖަވާބު ވަރަށް ސާފެވެ.

"އަހަރެން އިތުރު މީހަކު ބޭނުން. އިތުރު މީހަކާ އިންނަން މިހާރުވަނީ ހުރިހާ ކަމެއް ނިމިފައި. ތިޔަ ވާހަކަ އަހަރެން ކުރިން ވެސް ރިއުލާ ގާތުގައި ވާނީ ބުނެފައި. އިތުރަށް ތިޔަ ވާހަކަ ދެއްކުމުގެ މާނައެއް ނެތް" އަހަރެންގެ ސުވާލަށް ނަބީލު ޖަވާބު ދިނެވެ.

"ތިކަން އެނގޭ. އެހެން ނަމަވެސް އަހަރެން ނޫން އެހެން މީހަކު ބޭނުން ނުވާނެކަން ނަބީލު ބުނީމެއްނު؟ އަހަރެން ދޫކޮށްލާން ޖެހޭނެ ދުވަހެއް ނާންނާނެކަމަށް ބުނީމެއްނު؟" އަހަރެންނާ އިނުމުގެ ކުރިން ނަބީލު ދައްކާފައި ހުރި ވާހަކަތައް އަހަރެން ތަކުރާރު ކުރީމެވެ.

"ތިއީ މާޒީ. އެހެން ނޫނަސް ރިއުލާ ދޫކޮށްލާކަށް އަހަރެން ބޭނުމެއް ނޫން. އިރާދަކުރެއްވިއްޔާ އަހަރެން ރިއުލާ ދޫކޮށެއް ނުލާނަން. ތިއީ އަހަރެންގެ ދެ ކުދިންގެ މަންމަ. ކުދިންގެ މަންމައާ ވަކިން ކިހިނެއް އުޅޭނީ" ނަބީލު ޖަވާބު ދިނެވެ.

"އެހެންވެ ދޯ ތި ދުރަށް ދަނީ. އެހެން މީހަކު ތި ހޯދަނީ. އަހަރެންނަށް ނުވިސްނެނީ ނަބީލް އެހެން މީހަކު ތި ހޯދާ ސަބަބު. އަހަރެންނާ ދުރަށް ދާން ތި ވިސްނާ ސަބަބު. އަހަރެން މި ކުރާ ހިތާމަ ނަބީލަށް ނުވިސްނޭ ސަބަބު" އަހަރެން ފެންކަޅިވިއެވެ. ނަބީލުގެ ކުރިމަތީ ރޮވޭ ގޮތްވިއެވެ. އަހަރެން ރުޔަސް ނަބީލު ދެރަ ނުވާނެކަން މިއަދު އަހަރެންނަށް ވިސްނެއެވެ. ނަބީލުގެ އެ ވިސްނުން ބަދަލު ނުވާނެކަން އަހަރެންނަށް ގަބޫލުކުރެވެއެވެ.

ނަބީލު ނުކުތީ ބޭރަށެވެ. އިތުރު ވާހަކަތައް ދައްކަން އޭނާ ބޭނުން ނުވީއެވެ. އަހަރެން ދިޔައީ ފަޅައިގެންނެވެ. ގިސްގިސްލާފައި ރޮއިގަނެވުނެވެ. އެ ވަގުތު ކޮޓަރިއަށް ވަނީ ތޭރަ އަހަރަށްދާ ދަރިފުޅު ޝަހުދެވެ. ވަރަށް ނުވާކަމަށް ހަދައި އަހަރެން ރުއިން ހުއްޓާލީމެވެ. ދެ ލޯ ފުހެލީމެވެ.

"މަންމާ! ބައްޕަ ކިހިނެއް ހެދީ؟ ކީކޭ ބުނީ؟" ހިތްހަމަ ނުޖެހިގެން ހުރެ ދަރިފުޅު ސުވާލުކުރިއެވެ.

"ބައްޕަ ކަމެއް ނުކުރޭ. ބައްޕަ ދިން ޚަބަރަކުން މަންމަ ދެރަވީ. އެހެންވެ ރޮވުނީ" އަހަރެން ބޭނުންވީ އޮޅުވާލާށެވެ.

"ނޫން. ގަބޫލެއް ނުކުރާނަން. މަންމަ ތި އުޅެނީ ނުބުނަން. އަހަރެން އަޑުއެހިން ބައްޕަ، ދޮންމަންމައެއް ގެންނަން އުޅޭ ވާހަކަ. އެއީ ތެދެއްތަ؟" ދަރިފުޅުގެ ސުވާލުން އަހަރެންގެ ހިއްސުތައް ހުއްޓުނު ފަދައެވެ. ލަމުން ދިޔަ ނޭވާ ހިފަހައްޓާލެވުނެވެ.

"ނޭނގެ. ކިހިނެއް ދަރިފުޅަށް އެނގުނީ؟" އަހަރެން ސުވާލުކުރީމެވެ.

"މުޅި ރަށުގައި ދައްކާ ވާހަކައެއް ވީމާ އެނގޭނެއްނު. އަހަރެން ބޭނުމެއް ނޫން ދޮންމަންމައެއް. އެހެން އެއްވެސް މީހަކު ބޭނުމެއް ނޫން. ބޭނުމެއް ނޫން. މަންމަ ތި ދެރަވާ ސަބަބު އަހަރެންނަށް އެނގޭ. ހުރިހާ ކަމެއްވެސް އެނގޭ" ދަރިފުޅަށް ހުރިހާ ކަމެއް އެނގޭކަން އަހަރެންނަށް އެނގުނެވެ.

"ދަރިފުޅާ. މަންމަ މި ހިތާމަކުރަނީ ތިކަމާ. އެކަމަކު ތިކަމުގައި ކުރެވޭނެ ކަމެއް ނެތް. ކޮންމެ ވާހަކައެއް ދެއްކިޔަސް ބައްޕަ ގަބޫލެއް ނުކުރާނެ. ބައްޕަ ބޭނުންވަނީ އިތުރު ކައިވެންޏެއް ކުރަން. ބައްޕަ ބުނަނީ އެކަން ހުއްޓާލެވެން ނެތް ކަމަށް. މަންމަ ކިހިނެއް ހަދާނީ؟" ދަރިފުޅުގެ ކުރިމަތީ އަހަރެންނަށް ރޮއި ގަނެވުނެވެ. ދަރިފުޅު އައިސް އަހަރެންގެ ގައިގައި ބައްދައިގަތެވެ. އަހަރެންނަށް ރައްކާތެރިކަން ދިނެވެ. އަހަރެންގެ ދެލޯ ފުހެލައި ދިނެވެ.

"އަހަރެންނަށް އެނގޭ މަންމަ ވަރަށް ދެރަވާކަން. މަންމަ ހިތާމަކުރާކަން. ބައްޕަދެކެ މަންމަ ވަރަށް ލޯބިވާކަން. ބައްޕައަށް އެ އުޅެނީ އޮޅިގެން. ބައްޕައަކަށް ވެސް ބޭނުންހައި ގޮތަކަށް ނޫޅެވޭނެ. އަހަރެންނަކީ ބައްޕަގެ ދަރިއެެއް. ދަރިންދެކެ ލޯބިވާނަމަ އެކަން ޖެހޭނީ ހުއްޓާލަން" ދަރިފުޅު ދެއްކި ވާހަކަތަކުން އަހަރެން އަޖައިބު ވިއެވެ. އެ ދަރިފުުޅު އަހަރެންނާމެދު ވިސްނި ގޮތް ފެނިފައި އަހަރެން ހައިރާންވިއެވެ.

"ދަރިފުޅާ. ދަރިފުޅު މިކަމުގެ ތެރެއަށް ވަންނާނެކަމެއް ނެތް. އެއީ ދަރިފުޅުގެ ބައްޕަ. ބައްޕަ ނިންމާ ގޮތާމެދު ދަރިފުޅު ފާޑުކިޔުން ރަނގަޅެއް ނޫން" އަހަރެން ޖަވާބު ދިނީމެވެ.

"ނޫން. އަހަރެންނަކީ ބައްޕަގެ ދަރިއެއް. ބައްޕަ ވެސް ކަންކަން ނިންމަންވާނީ އަހަރެން ވެސް ބޭނުންވާ ގޮތަށް" ދަރިފުޅު ޖަވާބުދިނެއެވެ. ދަރިފުޅަށް ވިސްނައި ދެވޭތޯ އަހަރެން އުޅުނީމެވެ. ދަރިފުޅު ކަންތައް ކުރާ ގޮތުގެ އަސަރު ކުރާނީ އަހަރެންނަށްކަމަށް ބުނީމެވެ. އެ ދަރިފުޅު މައިތިރި ކުރެވޭތޯ ބެލީމެވެ.

ކަންތައް ހިނގީ އަހަރެން ހީކުރި ގޮތަކަށް ނޫނެވެ. ނަބީލު އިންނަން އުޅޭ ގެއަށް ދަރިފުޅު ދިޔައެވެ. އެ ގޭގައި ނަބީލު އިންދައި އެގޭ ދޮރުމަތީ ހުރެ ދަރިފުޅު ހަޅޭއްލެވިއެވެ. ދޮންމަންމައެެއް ބޭނުން ނުވާކަމަށް ބުނެ އަޑުގައި ނެތްތަނަށް ގޮވިއެވެ. ދޮންމަންމައެއް ހޯދައިފިނަމަ ދުވަހަކު ވެސް މަޢާފު ނުކުރާނެކަމަށް ބުންޏެވެ. އެކަމާ ނަބީލު ހިތްހަމަ ނުޖެހުނެވެ.

ނަބީލު ގެއަށް އައިސް އިނީ ދަރިފުޅުގެ އިންތިޒާރުގައެވެ. އޭނާ އަންނާނެ ވަގުތަކަށް ބަލަބަލައެވެ. ދަރިފުޅު ގެއަށް އައިސް ވަނީ އިރުއޮއްސެނިކޮށެވެ. ދަރިފުޅު ވަނުމާއެކު ނަބީލު ހަޅޭއްލަވަން ފެށިއެވެ. ހެއްދެވި ނުހެއްދެވިއަށް ގޮވަން ފެށިއެވެ. ދަރިފުޅު ވެސް ދުލެއް ނުކުރެއެވެ. ބައްޕައަށް އެހެން މީހަކާ ނުއިނދެވޭނެކަމަށް ބުނަން ފެށިއެވެ. އިނދެފިނަމަ ދުވަހަކު ވެސް ބައްޕާއޭ ކިޔައި ނުގޮވާނެކަމަށް ވެސް ބުންޏެވެ. ނަބީލުގެ ރުޅި ދިޔައީ ގަދަވަމުންނެވެ. އެ ރުޅީގައި ދަރިފުޅުގެ މޫނުގައި އެތިފަހަރެއް ނަބީލު އެޅިއެވެ. ދަރިފުޅު ވެސް ދުލެއް ނުކުރިއެވެ. އެއަށްވުރެ ބާރަށް ގޮށްމުއްކަވައި ބައްޕަގައި ޖެހިއެވެ. އެ މަންޒަރު ބަލަން އަހަރެންނަކަށް ކެތެއް ނުކުރެވުނެވެ. އަހަރެންނަށް ދުއްވައި ގަނެވުނެވެ. އެހެން ނުހެދުމަށް ދަރިފުޅަށް ގޮވުނެވެ. އޭގެ ރައްދު ނަބީލު ދަރިފުޅަށް ދިނެވެ. ދަރިފުޅުގެ ބުރަކަށީގައި އަޅައި ވިހެލިއެވެ. ދަރިފުޅަށް ނޭވާ ނުލެވި ވެއްޓުނީއެވެ. އަހަރެންނަށް ރޮއި ގަނެވުނީއެވެ. ހަޅޭއްލަވައި ގަނެވުނީއެވެ. އެއަޑަށް މީހުންތައް ގޭދޮަށަށް ޖަމާވީއެވެ. ނަބީލުވަނީ ކޮޓަރިއަށެވެ. މީހެއްގެ އަތްދަނޑިމަތީ ދަރިފުޅު ގެންދިޔައީ ސިއްހީ މަރުކަޒަށެވެ. އަހަރެން އިޚުތިޔާރުކުރީ ދަރިފުޅެވެ.

މުޅި ރަށުގައި ވެސް ދައްކަނީ ނަބީލުގެ ވާހަކައެވެ. އޭނާ މީހަކާ އިންނަން އުޅޭ ވާހަކައެވެ. ދަރިފުޅު ދެކޮޅު ހެދުމުން އެ ދަރިފުޅަށް އަނިޔާ ކުރި ވާހަކައެވެ.

ނަބީލު އަހަރެން ވަރިކުރިއެވެ. ނަބީލަށް ގަބޫލުކުރެވުނީ ދަރިފުޅު ލައްވައި ހުރިހާ ކަމެއް ކުރުވީ އަހަރެންކަމަށެވެ. އެކަން ވާނީ އެހެންކަން ވެސް އަހަރެންނަށް އެނގެެއެވެ. ނަމަވެސް އެކަން ނިމުނީއެވެ. ދިރިއުޅުން ވިއްސިވިހާލިވީއެވެ. ދެ ކުދިންގެ ބައްޕަ ވަކިވީއެވެ.

ކިތަންމެ އުފަލުގައި އުޅުނަސް ކިތަންމެ ލޯބިން އުޅުނަސް ހިތަކީ ބަދަލުވާ އެއްޗެކެވެ. ފުރޭ އެއްޗެއް ނޫނެވެ. އެ ހިތަށް ކުޅަ ކޮންމެ ތަދެއްގެ ބަދަލު އަންނަނީ ހީނުކުރާ ގޮތްގޮތަށެވެ. އަހަރެންނަށް ލިބުނު ހިތާމަތައް އަހަރެންނަށް ލިބުނީ އަހަރެންގެ ކުށުން ހެއްޔެވެ؟ މި ވަކިވުން އައީ އަހަރެންގެ އިހުމާލުން ހެއްޔެވެ؟

-- ނިމުނީ --