އޮފީހަށް ސަލާން ބުނުމަކީ އަހަރެން ކުރާހިތްވާ ކަމެއް ނޫނެވެ. ގަޑިޖެހުމަކީ އެއްގޮތަކަށް ވެސް ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އަހަރެން އޮފީހަށް ވަނީ އެ ޢަޒުމާއެކުައެވެ. ކޮންމެ ކޮންމެ ގޮތެއް ގަބޫލު ނުކުރެވޭތީއެވެ. ކޮންމެ ކޮންމެ އުޅުމެއް ވަރިހަމަކުރަން ބޭނުން ނުވާތީއެވެ. އިރާދަކުރެއްވީތީ އަހަރެންނަށް ވަދެވުނީ އަހަރެންގެ މިޒާޖުގައި ހަރުލާފައި ހުރި ކަންކަމަށް ލޯބިކުރާ މުވައްޒަފުންތަކެއް އުޅޭ ތަނަކަށެވެ.

އޮފީހަށް ވަންތާ ތިން މަސްވީ ދުވަހެވެ. އަހަރެންގެ ވަޒީފާ ދާއިމީ ކުރަން ހަމަޖެހިފައިވާ ދުވަހެވެ. އެކަން ހަމަޖެހޭނެކަން އަހަރެންނަށް ޔަގީންވެއެވެ. މުވައްޒަފުންގެ ވާހަކަތަކުންނާއި ވެރިންގެ އިތުބާރު އަހަރެންނަށް ލިބިފައިވުމުން ވަޒީފާ ދާއިމީ ވާނެކަން ކަށަވަރުވެއެވެ. އެ ހިތްހަމަ ޖެހުން ލިބިގަތުމަށް އޮފީހަށް ދާން އަހަރެން ތައްޔާރުވަމުން ދިޔައީ އެތައް ޚިޔާލުތަކަކާ އެކުއެވެ. އަހަރެން ލީ އެ ދުވަހަށް ލުމަށް ގަނެފައިވާ ހުދު ހެދުމެކެވެ. އެރީ އާ ފައިވާނަކަށެވެ. އެހެން ދުވަސް ދުވަހާ ޚިލާފަށް އިތުރަށް ރީތިވެލުމަށް ކުޑަކޮށް މޭކަޕް ވެސް ކޮށްލީމެވެ. އެއަށްފަހު ގެއިން ނުކުންނަށް ހިނގައިގަތީމެވެ.

ދުނިޔެމަތި އަނދިރިވެ، ވެހިގަންނަން ތައްޔާރަށް އޮތް ވާރޭ ވެހެން ފެށީ އަހަރެން ހިނގައިގަތް ތަނާއެވެ. ހިނގަން ޖެހޭ ދުރުމިނާއި ވެހެމުންދިޔަ ވާރޭގެ ސަބަބުން އަހަރެންނަށް ބަލައި ލެވެނީ އަތުގައި އަޅައިފައި އޮތް ގަޑިއަށެވެ. މަޑުކޮށްލައިގެން ފަރުޖެއްެސެން ނެތްކަން ގަޑިން ބުނަމުން ދިޔައެވެ. އެހެންނަމަވެސް ވެހެމުންދިޔަ ވާރޭ ބޯކޮށްލުމުން އެ ނޫންގޮތެއް އަހަރެންނަކަށް ނެތެވެ. އެހައި ރީތިވެގެން ހުރެ ތެމިގެން ދާކަށް ވެސް ހިތެއް ނޭދުނެވެ. އަހަރެންނަށް މަޖުބޫރުވީ މަޑުކުރާށެވެ. ގެއެއްގެ އަސްކަންޏެއް ދަށަށް ވަންނާށެވެ.

އަހަރެން މަޑުކުރީމެވެ. ޓެކްސީއެއް ލިބޭތޯ ބެލީމެވެ. އިރުއިރުކޮޅާ އަތް ނެގީމެވެ. ނަމަވެސް އެކަން ވާގޮތެއް ނުވިއެވެ. ވާރޭ ދިޔައީ ހައްތަހާ ބޯކުރަމުންނެވެ. ހިތުގެ ތެޅުން ދިޔައީ އިތުރުވަމުންނެވެ. ގަޑި ޖެހިދާނެތީވެ ހިތުގެ ނުތަނަވަސްކަން ދިޔައީ ބޮޑުވަމުންނެވެ. އެތައް އިރަކު މަޑުކުރުމަށްފަހު، ތެމުނަސް ވަރިހަމަކޮށް ހިނގައިގަތީމެވެ. ހިނގަމުން ދިޔައިރު ވެސް ހުރަސްކުރާހާ ކާރަކަށް އަތްނަގަމުން ދިޔައީމެވެ.

ކުއްލިއަކަށް ކުރިމަތިން ހުރަސްކުރި ކާރެއް މަޑުކޮށްލިއެވެ. ކާރު މަޑުކޮށްލީ އަހަރެންނާ ހައެއްކަ ފޫޓް ދުރުގައެވެ. އަވަސް އަވަހަށް ގޮސް ކާރުގެ ދޮރު އަހަރެން ހުޅުވީމެވެ. އެއަށްވުރެ އަވަހަށް އެތެރެއަށް ދެމިގަތީމެވެ.

"އަވަހަށް ދާންވީ ފޮރިން މިނިސްޓްރީ ކައިރިއަށް. މިއަދު ގަޑި ވެސް ޖެހޭނެކަންނޭނގެ" އަހަރެން ބުނެލީމެވެ.

"މިއީ ޓެކްސީއެއް ނޫން. ނަމަވެސް މި ފަހަރު ދެން ދާނީ. އެރީމާ ދެން ޖެހޭނީ ދާންތާ؟" ޓެކްސީ ދުއްވަން އިން މީހާ ބުނެލި ދެތިން ޖުމުލައިން ހައިރާންކަމާއެކު އަހަރެންނަށް އެ މީހާއާ ދިމާއަށް ބަލައިލެވުނެވެ. ކުރެވުނު މޮޔަ ކަންތައް ހިތަށް އަރައި ލަދުގަތެވެ.

"ވަރަށް ބޮޑަށް ސޮރީ. އަތް ނެގުނު އިރު ހީކުރީ ޓެކްސީއެއް ކަމަށް. އެރުމުގެ ކުރިން ބަލައެއް ނުލެވުނު. ވަރަށް ބޮޑަށް ސޮރީ" އިސްދަށް ޖަހާލައިގެން އިނދެ، ލަދުރަކި ރާގުގައި އަހަރެންނަށް ބުނެލެވުނެވެ.

"އޯކޭ. މި ކަަހަލަ ދުވަހެއްގައި މީހަކަށް އެހީތެރިވުމަކީ މައްސަލައެއް ނޫންތާ؟" ކާރު ދުއްވާލަމުން ޑްރައިވަރު ބުންޏެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ. ގަޑި ޖެހިދާނެތީ މި ހުންނަނީ ވަރަށް ކަންބޮޑުވެފައި" އަހަރެންނަށް ބުނެވުނެވެ. އަދި ޑްރައިވަރު އިން ޝީޓާ ދިމާ މަތީ ހުރި ލޯގަނޑުން ޑްރައިވަރުގެ މޫނާދިމާއަށް ބަލައިލެވުނެވެ. އޭރު އޭނާ ވެސް އިނީ އަހަރެންނާ ދިމާއަށް ބަލަހައްޓައިގެންކަން އަހަރެންނަށް ފާހަގަކުރެވުނެވެ. ޔަގީން ނުވާތީ އަނެއްކާ ވެސް ޑްރައިވަރާ ދިމާއަށް ބަލައިލީމެވެ. އެ ބޮޑު މަތިމަހާއި ދިގު ތުނބުޅީގައިވާ ނުރަތަކުން އޭނާއާ ވައްތަރު ނުވިޔަސް އެއީ ހަމަ އޭނާއެވެ. ހިތުގެ ވަޒަންކުރުންތަކުން ޔަގީންކަން ދިނީ އެއީ އެ މީހާގަނޑު ކަމަށެވެ. ވީ ފޫހީގެ ބޮޑުކަމުން އަމިއްލަ ނަފުސާމެދު ހިތްހަމަ ނުޖެހުނެވެ. އެހެން ނޫނަސް މި ކާރަކީ ޓެކްސީއަކަށް ނުވާއިރު މަޑުކުރީ ކީއްވެ ހެއްޔެވެ؟ އަހަރެންނަށް މި ކާރަށް އެރުނީ ކީއްވެ ބާއެވެ؟ ދުވަހަކު ވެސް މަޢާފެއް ނުކުރާނަމެވެ. އިތުރަކަށް ވާހަކައެއް ވެސް ނުދައްކާނަމެވެ. މީގައި އިންނާކަށް ވެސް ބޭނުމެއް ނޫނެވެ. ފައިބަންވީއެވެ. ކިހައި ދެރަ ކަމެއް ހެއްޔެވެ؟ މިއީ ޝުކުރު އަދާކުރަންޖެހޭ މީހެއް ނޫނެވެ. ވާހަކަދައްކަން ހެޔޮވާވަރު މީހެއް ވެސް ނޫނެވެ.

"ދެން އޯކޭ. އަހަރެން މިތަނަށް ފައިބާނީ" ނުބުނަން އިނދެފައި އަހަރެން ބުނީމެވެ.

"ބަލަ އަދި އެ ހިސާބަކަށް ނުދެވެޔޭ" ހިނިތުންވެލަމުން އެ މީހާ ބުނެލިއެވެ. އޭނާގެ ނިޔަތަކީ އަހަރެންނާ ވާހަކަދެއްކުންކަން އަހަރެންނަށް ގަބޫލުކުރެވުނެވެ.

"ދެވުނަސް ނުދެވުނަސް އަހަރެން ބޭނުމީ މިތަނަށް ފައިބާން" ހިތްހަމަ ނުޖެހުމާއެކު އަހަރެންނަށް ބުނެވުނެވެ. ކާރު މަޑުކޮށްލުމާއެކު އަހަރެން އަވަސްވެގަތީ ފައިބާށެވެ.

"އަހަރެން ދުވަހަކު ވެސް މަޢާފެއް ނުކުރާނަން. މި ކާރުގައި އިނީ ކަލޭކަން އެނގޭނަމަ ނުވެސް އަރާނަން" ހިތުގައި އޮތް ރުޅިގަނޑު ބޭރުކޮށްލުމަށްފަހު އަހަރެން ހިނގައިގަތީމެވެ. އެނބުރި ބަލައިވެސް ނުލަމެވެ.

އަވަސް ހިނގުމުގައި ގޮސް އަހަރެން އޮފީހަށް ވަނީމެވެ. ހާސްވެފައިވާ މޫނުގެ ކުލަވަރު ބަދަލުކޮށްލީމެވެ. ކަމެއް ނުހިނގާ ކަމަށް ހަދައި ހިނިތުންވުން ބަހަމުން ދިޔައީމެވެ. ނަމަވެސް އޭރު މުޅި މީހާގެ ހިތް ހަޅުތާލު ކުރަނީއެވެ. އެ ކާރަށް އެރުނީތީވެ ސިކުނޑިން ހައިޖާނުގަނޑެއް ރާވަނީއެވެ. އެ ހަޅުތަލާއި ހައިޖާނުގަނޑުގެ ތެރެއަށް އަހަރެންނަށް ވަދެވުނެވެ. ނުނިކުމެވޭވަރަށް ތާށިވިއެވެ.

އަހަރެންގެ ބައްޕައެއް ނުހުންނާނެއެވެ. ހުސްޓަސް އެއީ ބައްޕައެއް ނޫނެވެ. ބައްޕައޭ ކިޔަން ހެޔޮވާވަރު މީހެއް ނޫނެވެ. ކިތަންމެ ތުނބުޅި ދިގުކުރިޔަސް، އެކަމަކަށް މަޢާފެއް ނުކުރާނަމެވެ.

އަމިއްލަ ދަރިފުޅަށް އެހެން ހަދަން އުޅުނުއިރު އަދި އެހެން މީހުންނާމެދު ވިސްނާނީ ކޮން ގޮތަކަށް ހެއްޔެވެ؟ އެހެން މީހުން ފެންނަނީ ކިހިނެއް ހެއްޔެވެ؟ ކޮން ސޫރައެއްގައި ހެއްޔެވެ؟ މިހާރު އެ އިނީ ކާރުގައެވެ. އެވެސް އޮޅުވާ ލައިގެންނެވެ. ކިތަން މީހުން އެގޮތަށް އަރުވާނެ ހެއްޔެވެ؟ ކިތައް މީހުންނަށް ގޯނާ ކުރާނެ ހެއްޔެވެ؟ އެ ވަހުޝީ ދަލުގައި ކިތައް މީހުން ޖައްސުވާނެ ހެއްޔެވެ؟

އެއީ ކީއްވެގެން އުޅޭ މީހާ ގަނޑެއް ހެއްޔެވެ؟ އަދިވެސް އެކަން ހުއްޓާލާކަށް ނޫޅޭ ހެއްޔެވެ؟ ކުރެވުނު ކުށްތަކަށް ތައުބާވާކަށް ނޫޅޭ ހެއްޔެވެ؟ ކަމަކަށް ދެވި ހިފުމުން ދެން ހެދޭނީ ހުސް ގޯހެވެ. ހަމަ ޔަގީނުން ވެސް އަހަރެން މަޢާފެއް ނުކުރާނަމެވެ. ދުވަހަކު ވެސް ރުހުމުގެ ލޮލަކުން ނުބަލާނަމެވެ.

"އޭތް ބޮސް އެބަ ގޮވާލާ. މީޓިންގ ރޫމަށް ދޭބަލާށޯ" ގެއްލިފައި އިން ޚިޔާލުގެ ތެރެއިން އަހަރެންނަށް ނުކުމެވުނެވެ. އެއާއެކު ތެދުވެ ހިނގައިގަތީމެވެ.

މީޓިންގ ރޫމަށް ވަނީމެވެ. އާއްމުކޮށް އަހަރެން އިށީންނަ ގޮނޑީގައި އިށީނީމެވެ. އޭރު އޮފީހުގެ ބައެއް އިސްވެރީންވެސް ތިއްބެވެ.

"ވަރަށް ބޮޑަށް މަރުހަބާ. ރުހުޝާނާގެ ވަޒީފާ ދާއިމީ ކުރުމަށް ބޯޑުން މި ވަނީ ނިންމާފައި. ބޯޑަށް ގަބޫލުކުރެވުނީ ރުހުޝާނާގެ މަސައްކަތްތައް ވަރަށް ރަނގަޅުކަމަށް. އެހެންވީމާ އިދާރީ ކަންކަން ހަމަޖެއްސުމަށް އިދާރީ ސެކްޝަނަށް ދޭ. އެކަންކަން ހަމަޖެއްސުމަށް ވާނީ ބުނެފައި" ވެރިޔާގެ ދުލުން ވިދާޅުވި ބަސްތަކުގެ މާ ބޮޑު އުފަލެއް ހިތަކަށް ނުލިބުނެވެ.

އަހަރެން ހިނގައިގަތީ އިދާރީ ސެކްޝަނަށެވެ. އަހަރެން ދިޔަ ބޭނުން ބުނުމުން ކުޑައިރުކޮޅަކު މަޑުކޮށްލުމަށް އަހަރެންގާތު ކައުންޓަރުން އެދުނެވެ. އަހަރެން މަޑުކޮށްލީމެވެ.

ސެކްޝަނުގެ ވެރިޔާގެ ކޮޓަރިން ނުކުން މީހާގެ ސަބަބުން އަހަރެން ހާސްވިއެވެ. ކަންބޮޑުވިއެވެ. ރޯ މަހެއްހެން ހިތް ތެޅިގަތެވެ. މިތަނަށް ވެސް އޭނާ އައީއެވެ. ހައިރާންކަމާއެކު ވެރިޔާގެ ކޮޓަރިއަށް އަހަރެން ވަނީމެވެ.

"ނުކުމެގެން އެ ދިޔައީ ކާކު؟" އަހަރެންނަށް ސުވާލުކުރެވުނީ ބޭ އިޚުތިޔާރުގައެވެ.

"އެއީ މިއަދު ވަޒީފާ ހަމަޖެއްސި މީހެއް. ތިޔަ ސެކްޝަނަށް. ދަންނަ މީހެއްތަ؟" ސެކްޝަނުގެ ވެރިޔާ ވެސް ކުރީ ސުވާލެވެ. އެ ސުވާލަށް ޖަވާބުދޭކަށް އަހަރެން ބޭނުމެއް ނުވިއެވެ. އިތުރު ވާހަކަތަކެއް ދައްކާކަށް ވެސް އހަަރެން ބޭނުމެއް ނުވިއެވެ. އަހަރެން ނުކުތީމެވެ. އޮފީހުން ވެސް ނުކުތީމެވެ. އެތަނުގައި ހުންނަން ބޭނުން ނުވެގެންނެވެ. އެތަނުގައި އުޅެން ވެސް ބޭނުން ނުވެގެންނެވެ.

އަހަރެން އޮފީހަކަށް ނުދަމެވެ. ދާން ބޭނުންނުވަނީއެވެ. އަމިއްލަ ޒަމީރު އެކަމަށް އެއްބަސް ނުވަނީއެވެ. ސަބަބަކީ ހަމަ އެންމެ ސަބަބެކެވެ. އެއީ އެ މީހާގަނޑެވެ. އޭނާ ހުންނަތަނަކަށް އަދި އޭނާ ފެންނަ ހިސާބަށް ވެސް ދާން ބޭނުން ނުވަނީއެވެ. އޭނާއާ ވާހަކަދައްކަން ވެސް ބޭނުން ނުވަނީއެވެ. އެ ވާހަކަތައް ބަޔާންކޮށް އޮފީހުން ވަކިވުމަށް އަހަރެން ސިޓީ ލިޔުނީމެވެ. އަހަރެންނަށް ގޮތް ހުސްވިޔަސް އޭނާއާ ކުރިމަތިލާކަށް ބޭނުމެއް ނޫނެވެ. އޭނާއަށް މަޢާފުކުރާކަށް ނެތީމެވެ. ދުވަހަކު ވެސް އެކަމެއް ނުކުރާނަމެވެ.

އަހަރެންގެ ކުރިމަގު ބަދަލުވިއެވެ. އެހެން ގޮތެއް، އެހެން ތަނެއް ހޯދަން ޖެހުނެވެ. އެންމެ މީހަކާ ހެދިއެވެ. އެ މީހާގެ ނުބައި ޚިޔާލުތަކުގެ ސަބަބުންނެވެ. ދަރިފުޅަކީ އެދުމަކަށް ލިބުނު ހެދުމެއް ކަމަށް ދުށީތީއެވެ. އެންމެން އެއްގޮތެއް ނުވާނެއެވެ. އެންމެންނަކަށް ލަނޑެއް ވެސް ނުދެވޭނެއެވެ. އަހަރެންނާ އެންމެ ގާތުގައި ހުންނަން ޖެހޭ މީހާ އެ ހުރީ އެންމެ ދުރުގައެވެ. އެންމެ ދުރަށް ކޮއްޕާލާފައެވެ. ކިތަންމެ މާތް ގުޅުމެއް އޮންނަން ޖެހުނަސް އެ ގުޅުމެއް ދެން ދުވަހަކު ވެސް ނޯންނާނެއެވެ.

-- ނިމުނީ --