ފޭސްބުކަށް ވަނުމާއެކު އެންމެ ފުރަތަމަ ވެސް މަރުހަބާކީ އެކުވެރި އަފުރާހުގެ ޕޯސްޓެކެވެ. އެ ޕޯސްޓުގައިވާ ފޮޓޯއިން ފެންނަ ކުއްޖާއަށް ރަށުގެ އެތައް ބަޔަކު ދިޔައީ މަރުހަބާ ކިޔަމުންނެވެ. ނަމަވެސް އެއީ ކޮން ކުއްޖެއްކަން އަހަރެންނަކަށް ޔަގީނެއް ނުވިއެވެ. ޔަގީން ކުރެވުނީ އެއީ އަފްރާހާ ގުޅުން ހުރި ކުއްޖެއް ކަމެވެ.

ދެން ވިސްނާލީ ފޮޓޯއަށެވެ. ފޮޓޯގައި ތިބި ހަތަރު މީހުންގެ ތެރެއިން ތިން މީހުން އަހަރެން ދަންނަމެވެ. މެދުގައި ހުރި ކުއްޖާގެ ދެ ފަރާތުގައި ތިބި ދެ މީހުންނަށް ވިސްނާލުމުން އެއީ ކާކުކަން ޔަގީންވިއެވެ. ކަނާތްފަރާތުގައި ހުރީ އަހަރެންނަށް ދިވެހި ކިޔަވައިދިން އެދުރުގެ އަންހެނުން، ވަހީދާއެވެ. ވާތް ފަރާތުގައި ހުރީ އެ އެދުރުގެ ދައްތަ، އައިސައެވެ. ދެން ހުރީ އޭނާގެ ދަރިފުޅު އަފްރާހެވެ. ތަސްވީރުގައި ތިބި މީހުންނާއި އެ މީހުންގެ މާޒީއާ ގުޅުވާލުމުން ގްރެޖުއޭޝަން ހެދުމުގައި މާ ބޮނޑިއެއް ހިފައިގެން، ކުޑަ ހިނިތުންވުމަކާއެކު މެދުގައި ހުރި އިސްކޮޅުން ދިގު ކުއްޖާއާ މެދު އިތުރަށް ވިސްނާކަށް ނުޖެހުނެވެ. އެއީ ކާކުކަން ޔަގީންވިއެވެ. ހަމަ އެ އިސްކޮޅެވެ. ހަމަ އެ ސޫރައެވެ. އެ ތޫނުފިލިކަމާއި އެ އިތުބާރެވެ. އެ ފޮޓޯއަށް ބެލިވަރަކަށް ހިތަށް އެރި ޝުޢޫރުތައް ވީ ގިނައެވެ. ކުރި އަސަރު ވީ ބޮޑެވެ. މާޒީއަށް ގެންދިޔަލެއް ވީ އަވަހެވެ.

ހަނދާނަށް އައީ ރަށު ސުކޫލުގައި އުޅުނު ދުވަސްވަރެވެ. އެ ސުކޫލުން އަހަރެން އެންމެ ގަޔާވި އެއް ޓީޗަރު އަބްސީގެ މަތިންނެވެ. އިއްޔެ ދެއްކި ބައެއް ވާހަކަތައް ހަމަ ދެންމެ ވީ ކަމެއްހެން ކަންފަތް ދޮށުގައި ގުގުމަން ފެށިއެވެ. ބައެއް ކަންކަން ލޯމަތިން ފެންނަން ވެސް ފެށީއެވެ.

ހަލަބޮލިވެފައި އޮތް ކުލާސްތެރެއިން ހިމޭން ރަނގަބީލެއް ޖެހި ކަލައެވެ. މުޅި ކުލާހުގެ އަޑު ކެނޑުނެވެ. ހަމައެކަނި އެ ކުލާހެއް ނޫނެވެ. ޖެހިގެން އޮތް ކުލާސް ވެސް ހިމޭންވީއެވެ. ސަކަރާތުގައި ތިބި ކުދިންތައް މައިތިރިވީއެވެ. ޓީޗަރު އަބްސީ ފެނުމުން ކުދިންތައް މަތަވީއެވެ.

ދިވެހި ގަޑީގައި އޮތީ ވާހަކަދެއްކުމެވެ. ހުރިހާ ދަރިވަރުން ވާހަކަދެއްކުމަށް ތައްޔާރުވެގެން އައުމަށް އޮތީ ބުނެފައެވެ. ބައެއް ދަރިވަރުންގެ މޫނުމަތިން ފެނުނު ހާސްކަމާއި ނުތަނަވަސްކަން ފިލުވައިދިނީ ޓީޗަރު އަބްސީގެ ހެއްވާ ބަސްމަގުންނެވެ. ކިޔަމުން ދިޔަ ފާޑުކިޔުންތަކުންނާއި ކުރަމުން ދިޔަ ކޮމެންޓްތަކުންނެވެ. ބައެއް ދަރިވަރުން ކުލާހުގެ ކުރިމަތީ ހުރެ ވާހަކަދައްކަން ބޭނުން ނުވި ނަމަވެސް އަބްސީ ޓީޗަރުގެ ކުރިމަތީ ގަދަ ހެދުމުގެ ހިތްވަރެއް އެ ކުދިންނަކަށް ނުލިބެއެވެ. ފާޑުފާޑަށް އުޅޭކަށް ނުކެރެއެވެ. ނަން ގޮވާލުމާއެކު ކޮންމެ ކުއްޖަކަށް ވެސް މަޖުބޫރުވަނީ ކުލާހުގެ ކުރިމަތީ ހުއްޓި ވާހަކަދައްކާށެވެ. ދައްކާނެ ވާހަކަ ހިތަށް ނަޔަސް، އަނގަ އޮޅުނަސް ޖެހެނީ ކޮންމެ ވެސް ތަސްބީހައެއް ކިޔާށެވެ. ތުރުތުރު އެޅިޔަސް ޖެހުނީ އެކަން ކުރާށެވެ. އެންމެ ފަހުން އަހަރެންގެ ނަން ވެސް ގޮވިއެވެ.

އަހަރެން ދިޔައީ ވަރަށް ތައްޔާރު ވެގެންނެވެ. ވަރަށް މޮޅަށް ވާހަކަދައްކާނަމޭ ހިތައެވެ. ފަސްވަރަކަށް މިނެޓު ތެރޭ ހިތަށް އައިހާ އެއްޗަކާއި ގަނޑުގައި ލިޔެފައި ހުރިއްޔާ ހުރި ވާހަކައެއް ދެއްކުމަށް ފަހު ފައިބައިގެން ގޮސް އަހަރެން އިށީނީމެވެ. ގޮނޑީގައި ރަނގަޅަށް ހަމަޖެހިލައިގެން ނުއިނދެވެނީސް ޓީޗަރު އަބްސީ އަހަރެންނަށް ގޮވާލިއެވެ.

އެ އިޝާރާތަށް ޓީޗަރުގެ މޭޒު ދޮށަށް އަހަރެން ދިޔައީމެވެ. ހަމަ ދިއުމާއެކު ޓީޗަރު އަބްސީގެ ވާހަކަ ފެށިއެވެ.

"ބޭބެ އެހައި މޮޅަށް ވާހަކަ ދައްކާއިރު ކީއްވެ އެކަން ނުވާންވީ. ވާނެ. ކުރެވޭނެ. ތައްޔާރުވެލައިގެން ކުރާނަމަ ކޮންމެ ކަމެއް ވެސް ވާނެ. އެ މަންޒަރު ދެކެން އަހަރެން ބޭނުން. މާދަމާ ވެސް ވާހަކަދައްކަން ޖެހޭނެ. ތައްޔާރު ވެގެން އަންނާތި" ޓީޗަރު އަބްސީ ކުރީ ފާޑެއްގެ އަމުރެކެވެ. އެ ވާހަކަތަކާމެދު އަހަރެން ކުޑަކޮށް ހިތްހަމަ ވެސް ނުޖެހުނެވެ. އެހައި ރަނގަޅަށް ވާހަކަ ދެއްކީމާ ވެސް ދެވަނަ ފަހަރަށް ވާހަކަދައްކަން ޖެއްސުވީއެވެ. އެހެން ކުދިން ލައްވާ ދެވަނަ ފަހަރަކަށް ވާހަކައެއް ނުދައްކުވައެވެ. އެހެން ކުދިން ގެންގޮސްގެން އެ އަމުރެއް ނުކުރެއެވެ. ނަމަވެސް ހިތްހަމަ ނުޖެހުމުގެ އެ ޝަކުވާ ކުރާކަށް ނުކެރުނެވެ. އެކަން ބާއްވަން ކެރުނީ ހިތުގައެވެ. އަހަރެންނަށް ޖެހުނީ ޖެހިގެން އައި ދުވަހަށް ވާހަކަދައްކަން ތައްޔާރުވާށެވެ.

ޖެހިގެން އައި ދުވަހު ދެއްކި ވާހަކަތަކަށް ދިން ހިތްވަރާއި އެކަމުގައި ކުރިއަށް ދެވިދާނެކަމަށް ބުނިބުނުން ހަމަ ދެންމެ ވީކަމެއްހެން ހަނދާން އެބަހުއްޓެވެ. އެދުވަހު އެ ދިން ނަސޭހަތް ކިހައި ރަނގަޅު ހެއްޔެވެ؟ އެ ދެއްކި ވާހަކަތައް ކިހައި މުހިންމު ހެއްޔެވެ؟ އެ މުހިންމުކަން ވިސްނެނީ މިއަދުއެވެ. އެ އިރުޝާދުތަކަށް ހަގީގީ ޢަމަލު މި ކުރެވެނީ މިހާރުއެވެ. ނަމަވެސް މިއަދު ޓީޗަރު އަބްސީއެއް ނެތެވެ. ހުރީ ހަމައެކަނި ހަނދާންތަކެކެވެ. އެހަނދާންތަކާ ގުޅިފައިވާ ހާދިސާތަކެކެވެ. ދެރައީ އެ ޓީޗަރު ދެކެން ބޭނުންވިކަމަށް ބުނި ދުވަސް އެ ޓީޗަރަކަށް ނުފެނުނީތީއެވެ. އެކަން މިފެންނަނީ ދިރި ތިބީންނަށެވެ. ހިތަށް އެރިއެވެ. ޓީޗަރު އަބްސީ ދުނިޔޭގައި ހުރިނަމަ މިއަދު ކިހައި އުފާވާނެ ހެއްޔެވެ؟ އޭނާގެ ކުދިން އެ ހޯދާ ކާމިޔާބީތަކުން ކިހައި ހިތްހަމަޖެހުމެއް ލިބޭނެ ހެއްޔެވެ؟ އޭނާގެ ދަރިވަރުން އެ ހޯދާ ކާމިޔާބީތަކުން ކިހައި މަތިވެރި ޝަރަފެއް ލިބިގެންދާނެ ހެއްޔެވެ؟

އަހަރެންނަށް މަޖުބޫރުވީ އަފްރާހުގެ އެފްބީ އެކައުންޓް އިތުރަށް ޗެކުކޮށްލާށެވެ. ކޮށްފައި ހުރި ޕޯސްޓުތަކާއި ފޮޓޯތައް އިތުރަށް ބަލައިލާށެވެ.

ލޯ ގޮސް ހުއްޓުނީ އިތުރު މަންޒަރަކަށެވެ. ފެނުނީ ޓީޗަރު އަބްސީގެ ދޮށީ ދަރިފުޅު އެންމެ ލޯބިވާ މަންމަގެ ބޮލުގައި އެ ދަރިފުޅު އަތުން ގުރެޖުއޭޝަން ތޮފި އަޅުވާތަނެވެ. އެތައް އަހަރެއްގެ އޯގާތެރި ޚިދުމަތަށްފަހު ލިބުނު ކާމިޔާބީ ހަގީގީ ޝަރަފުވެރިޔާއަކީ ކާކުކަން ބުނެދޭ މަންޒަރެވެ. ބައްޕަނެތް ދުނިޔޭގައި މަންމައަކު ދަރިފުޅަކަށްޓަކައި ވީ ގުރުބާނީގެ އަގު ލޮލުންބޮލުން އަދާކުރާ މަންޒަރެވެ. އެ މަންމަގެ މޫނުގައިވާ ހިނިތުންވުމާއި ދަރިފުޅުގެ ނިޔަނެތި އަތުން އެ ތޮފި ރީތިކޮށްލާގޮތުން ހާމަވާ މައިވަންތަ ކުލުނެވެ. ކިހައި ލޯބި ހެއްޔެވެ؟ ކިހައި އުފާވެރި ހެއްޔެވެ؟ ނަމަވެސް އެ އުފާވެރިކަމުން ލޮލަށް ޖަމާވީ ކަރުނައެވެ. އެ ހިތްގައިމު ފޮޓޯއިން އެސްފިޔަތަކަށްވީ ބަރެވެ.

މިއަދު ޓީޗަރު އަބުސީ ދުނިޔޭގައި ހުރިނަމަ އެ އުފަލުގައި އެ ލޯބި ބައްޕަ ވެސް ބައިވެރިވާނެއެވެ. އެ ލޯބި ދަރިފުޅުގައި ބައްދަލައި އެ ތަނަވަސް ނިޔަނެތި ނިތްކުރިއަށް ދޮން ދޭނެއެވެ. އެ ދަރިފުޅުގެ އަތުން އެ ބައްޕަގެ ބޮލުގައި ވެސް އެ ތޮފި އަޅުވާނެއެވެ. ނަމަވެސް އިއްޔެއަކީ އިޔާދަވާން ނެތް ދުވަހެކެވެ. ކިތަންމެ ބޭނުން ވިޔަސް މެއެވެ. އެ ދުވަހެއް ދެނެއް ނާންނާނެއެވެ. އަންނާނީ އެ ޝަޚުސިއްޔަތާ ގުޅިފައިވާ ހަނދާންތަކެވެ. އެ ހަނދާންތަކުން ގެނެސްދޭ ފިލާވަޅުތަކެވެ.

އަހަރެންގެ ހިތުން ކިޔައިދޭން ފެށީ އެ ބައްޕަގެ ދުލުން އޭނާގެ ދަރިފުޅުގާތުގައި މިއަދު ބުނާނެ ތަހުނިޔާގެ ވާހަކަތަކެވެ.

ދަރިފުޅާއެވެ. ދަރިފުޅަކީ މި ބައްޕަގެ ހަނދާންތައް ދިރުވައިދޭ ދޮންތައެވެ. ބައްޕަގެ ޚިދުމަތުގެ ރޫހު އަލާކޮށްދީ ބައްޕަގެ މާޒީގެ މީރުވަހުން ދިރިތިބީންގެ ހިތްތަކުގައި ހުވަނދުލައިދެމުންދާ ދަރިފުޅެވެ. ދެން ތިބި ދެ ކޮއްކޮއަށް ތިޔަ ރީތި އަމާން ކާމިޔާބު މަގުން ހިނގުމަށް ބާރު އަޅައިދޭ ނަމޫނާއެވެ. ހާދަ ރަނގަޅެވެ. ހާދަ މޮޅެވެ. ބައްޕަ ހާދަ ލޯބިވެއެވެ. ބައްޕަ ނެތަސް ތިޔަ އުޅުން ބައްޕައަށް ފެނެއެވެ. ތިޔަ ލޯބިކަން ބައްޕައަށް އެނގެއެވެ. މަންމަ ދެކެ ތިޔަވާ ލޯބި ބައްޕައަށް އިހުސާސް ކުރެވެއެވެ. ތިޔަ ބަސް އެހުމާއި ތިޔަ ކެރުމާއި ތިޔަ ޝައުޤުން ބައްޕަގެ ރޫހަށް ދިރުން ލިބެއެވެ. މިވަރުން ބައްޕައަށް ފުދެއެވެ. ދަރިފުޅާއެވެ. ތިޔަ ގޮތުގައި ކުރިއަށް ދާށެވެ. ކާމިޔާބަކީ މަސައްކަތްތެރީންގެ ޙައްޤެކެވެ. މިއީ ބައްޕަގެ މޮޓޯއެވެ. މި މޮޓޯގައި ބައްޕަވެސް ހިފެހެއްޓީމެވެ. ދަރިފުޅު ވެސް ހިފަހައްޓާށެވެ. ދަރިފުޅު ތިޔަ ކަޑައްތުކުރި މަރުހަލާއަށާއި ތިޔަ ހޯދި ކާމިޔާބަށް ތަހުނިޔާ ކިޔަމެވެ. އުފާވެރި މާބޮނޑިތަކުގެ ގުލްދަސްތާތައް ވަރަށް ލޯތްބާއެކު ފޮނުވަމެވެ. ބާއްޖަވެރި ކުރިމަގަކަށް އެދެމެވެ.

އަހަރެންގެ ހިތަށް ޖަމާވި ފުން އިހުސާސްތައް ހޭލައްވާލިއެވެ. ޓީޗަރު އަބްސީގެ ދަރިފުޅުގެ ފޮޓޯއަކުންނެވެ. ޔަގީންވީ ތައުލީމަށާއި އުނގަންނައި ދިނުމަށް އެތައް އަހަރަކު ޚިދުމަތްކުރި އެ ޝަޚުސިއްޔަތަށް އޮތް ލޯތްބާއި ކުލުނު މަރު ނުވާކަމެވެ. އިޖުތިމާޢީ ޚިދުމަތުގައި ނަގާކިޔާ އުޅުނު އެ އުޅުން ރަށަކާ ވަކި ނުވާކަމެވެ. ޚާއްޞަކޮށް ހަރު ޒުވާނުން ކޮންޓްރޯލި ކުރި ކުރުން ދަނޑި ގުރޫޕުގެ ހިތުން ފިލައިގެން ނުދާކަމެވެ. މޮޑެވުނު ބަތްގަނޑާއި ބިސްކޯދުގަނޑުގެ ރަހަތައް އެ ދޫތަކާ ވަކި ނުވާނެކަމެވެ. އެތައް ޒުވާނެއްގެ ހިތުގައި އެ ލޯބި ދިރިދިރި އޮތް ކަމެވެ. އެ ޚިދުމަތްތަކަށް ފަނޑުކަމެއް ނާންނަކަމެވެ. ނަމަވެސް އަލުން އެ ރޫޙު އަހަރެންނަށް އާލާކޮށްދިނީ އެ ލޯބިވާ ޓީޗަރުގެ ދަރިފުޅެވެ. އަހަރެންނަށް ފެނުނު ފޮޓޯއަށް ކޮމެންޓެއް ކުރަން ހިތަށް އަރާފައި ވެސް ހިތަށް އެރިއެވެ. ކުރާނީ ކޮމެންޓެއް ނޫނެވެ. ލިޔާނީ ވާހަކައެކެވެ. ތަހުނިޔާ ކިޔާނީ ވާހަކައިންނެވެ. ޓީޗަރު އަބްސީގެ ދަރިފުޅު ތިޔަ ހޯދި ކާމިޔާބަށް، ތިޔަ ހޯދި ޝަރަފަށް ތަހުނިޔާއެވެ. ބައްޕަގެ ހަނދާތައް އާކޮށްދިނީތީ ޝުކުރިއްޔާއެވެ.

-- ނިމުނީ --