ކުރިން ހީކުރެވިފައިވާ ވަރަށް ވުރެ ކުރިއްސުރެ އިންސާނުން ޗޮކުލެޓު ބޭނުންކުރަމުން އައިސްފައިވާކަން ހޯދިއްޖެ އެވެ.

ނޭޗަރ، އިކޮލޮޖީ އެންޑް އިވޮލިއުޝަން ކިޔައި ޢިލްމީ ޖާނަލެއްގައި ޝައިއުކޮށްފައިވާ ދިރާސާއެއްގައި ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި އަލަށް ފެނިފައިވާ އާކިއޮލޮޖިކަލް ހެކިތަކުން އެނގޭ ގޮތުގައި ކުރިން ހީކުރެވިފައިވާ ވަރަށް ވުރެ މާކުރިން ޗޮކުލެޓު އުފެއްދުމަށް ބޭނުންކުރާ ކޮކޯ ގަސް އިންސާނުން އިންދައިގެން ހައްދަމުން ގެންގޮސްފައިވެ އެވެ. އެގޮތުން، ސައިންސުވެރިން ލަފާކުރައްވާ ގޮތުގައި ދަނޑުގައި ހައްދައިގެން ކޮކޯ ބޭނުންކުރަން ފަށާފައިވަނީ މީގެ 5،300 އަހަރު ކުރިންނެވެ. މި ހޯދުންތަކުގެ ކުރިން ސައިންސުވެރިން ލަފާކޮށްފައިވަނީ އިންސާނުން ކޮކޯ އިންދައިގެން ދަނޑުވެރިކަން ކުރަން ފަށާފައިވަނީ މީގެ 3،900 އަހަރު ކުރިން ކަމަށެވެ.

މި ހޯދުންތައް ހޯދި ދިރާސާގައި ޚާއްސަ ގޮތެއްގައި ބަލާފައިވަނީ 5،300 އަހަރު ކުރީގެ މުށި ކަންވާރާއި އެހެނިހެން ސާމާނު ފެނިފައިވާ ދެކުނު އެމެރިކާގެ ތަފާތު ތާރީޚީ ސަރަހައްދުތަކެވެ. އެގޮތުން، މި ހޯދުންތަކުގެ ތެރޭގައި ފެނުނު އެއް މުށި ކަންވާރުން ދިރާސާކުރާ ފަރާތްތަކަށް ވަނީ ކޮކޯގައި އެކުލެވޭ މާއްދާއެއް ފެނިފަ އެވެ. މީގެ އިތުރުން، އެ ކަންވާރުން ވަނީ ކޮކޯ ގަހުގެ ޑީއެންއޭގެ ބައިތައް އެކުލެވޭ ޑީއެންއޭ އެތިކޮޅުތަކެއް ވެސް ފެނިފައެވެ.

"މި ދިރާސާއިން އަޅުގަނޑުމެންނަށް ދައްކުވައިދެނީ އެމޭޒަން ބޭސިން [އެމޭޒަން ކޯރު ވަށައިގެންވާ ސަރަހައްދު]ގެ ކޯރު ފެށޭ ހިސާބާ އެންމެ ކައިރި ހިސާބުތަކުން ފެށިގެން ގޮސް ދެކުނު އިރުމަތީ އިކުއަޑޯގެ އެންޑީސް ފަރުބަދަތަކާއި ހަމައަށް އެވާ ސަރަހައްދުގައި އުޅެފައިވާ މީހުން ވަނީ މެކްސިކޯގައި ހައްދަމުން ދިޔަ ކޮކޯއާ އެއްގޮތް ބާވަތެއްގެ ކޮކޯ ހައްދައި ބޭނުންކުރަމުން ކަން. އަދި އެމީހުން އެކަން ކުރަމުން ގޮސްފައިވަނީ އޭގެ [މެކްސިކޯގައި ކޮކޯ ހެއްދުމުގެ] 1،500 އަހަރު ކުރިން ކަން. ހަމައެއާއެކު، އެ މަސައްކަތުގައި އެމީހުން އައީ ވަރަށް ކަވިކޮށް ހަދާފައިވާ މުށި އުފެއްދުންތައް ބޭނުންކުރަމުން، މިތަކެއްޗަކީ ސެންޓްރަލް އެމެރިކާ އަދި މެކްސިކޯގައި ފެނިފައިވާ އެފަދަ މުށި އުފެއްދުންތަކަށް ވުރެ މާ ކުރީގެ އެއްޗެހިތަކެއް. މިކަމުން ދޭހަކޮށްދެނީ ކޮކޯ، މައިގަނޑު ގޮތެއްގައި ބުއިމެއްގެ ގޮތުގައި، ބޭނުންކުރުމަކީ ވަރަށް އަވަހަށް އެ ޒަމާނުގެ މުޖުތަމައުގައި ހިފި އާދައެއް ކަން. އަދި އެ އާދަ، ބައްރުގެ އުތުރުގެ ސަރަހައްދުތަކަށް ހަލުވިކަމާއެކު ފެތުރިފައިވަނީ ކޮކޯ ގަސްތައް މިހާރުގެ ކޮލަމްބިއާގައި އޭރު އުޅުނު ދަނޑުވެރިންގެ ފުށުންކަން. ދެން މިހާރުގެ ޕެނެމާގައި އޭރު އުޅުނު މީހުންގެ ފުށުން ސެންޓްރަލް އެމެރިކާގެ އެހެން ހިސާބުތަކަށް އަދި ދެކުނު މެކްސިކޯއަށް އެ ފެތުރުނީ" މި ދިރާސާގެ އެއް މުޞައްނިފު ކަމަށްވާ ޔުނިވަރސިޓީ އޮފް ބްރިޓިޝް ކޮލަމްބިއާގެ ޕްރޮފެސަރ މައިކަލް ބްލޭކް ވިދާޅުވި އެވެ.