ކެންސަރު ބައްޔަކީ މިއަދު ދުނިޔޭގައި އެންމެ ބާރަށް ފެތުރެމުން އަންނަ ބައްޔެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2012 ވަނަ އަހަރުވެސް ކެންސަރުގެ ބަލީގެ 14.2 މިލިއަން ކޭސް ވަނީ އަލަށް ފެންމަތިވެފައެވެ. އަދި އޭގެތެރެއިން 8.2 މިލިއަން މީހުންގެ މަރާއި ގުޅިފައި ވަނީ ކެންސަރާ އެވެ.

ރާއްޖެއަށް ބަލާއިރުވެސް ކެންސަރު ބަލީގެ ޝިކާރައަކަށްވެފައިވާ މީހުން ދަނީ އިތުރުވަމުންނެވެ. އެހެންކަމުން ކެންސަރަށް އާއްމުން ހޭލުންތެރި ކުރުވުމަށް ރާއްޖޭގައި އަބަދުވެސް ދަނީ އެކިކަހަލަ ހަރަކާތްތައް ހިންގަމުންނެވެ. އަދި ކެންސަރަށް އާއްމުން ހޭލުންތެރި ކުރުވުމަށް، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވުސްގެ ނަމުގައި ޖަމިއްޔާއެއްވެސް ދަނީ ހިންގަމުންނެވެ.

ރާއްޖޭގައި މިހާރު ކުރިއަރަމުން އަންނަ މަޝްހޫރު މިއުޒިކް ބޭންޑު ކަމަށްވާ "ޑިޓިއުން" އިން މިވަނީ ކެންސަރަށް އާއްމުން ހޭލުންތެރިކުރުމަށް ކުރަމުންދާ މަސައްކަތް އައުފެށުމަކުން ފަށާފައެވެ.

"އާފެށުން" މި ނަމުގައި ޑިޓިއުން ބޭންޑުން ވަނީ، ކެންސަރު ބަލީގެ މީހުންނަށް އެހީތެރިވުމަށް، ފަންޑުރައިޒިން އެއް ކުރިއަށް ގެންދިއުމަށް ޚާއްސަ ވިޑިއޯ ލަވައެއް ރިލީޒުކޮށްފަ އެވެ. މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ރިލީޒުކުރި މި ވީޑިއޯ ލަވައިން ބުނެދެނީ، ކެންސަރު ބަލި ތަހައްމަލް ކުރަމުންދާ މީހުންގެ އިހުސާސްއެވެ. އަދި ކޮންމެ ދުވަހަކުވެސް ދިރިހުރުމަށް އާހިތްވަރެއްލައި އައުފެށުމަކުން ފަށަން ކުރާ ހިތްވަރެވެ. ޑިޓިއުން ބޭންޑުގެ މި ލަވައިގެ ފެނިގެންދަނީ، ކެންސަރު ބަލީގެ ވޭން ތަހައްމަލްކޮށް، އަދި ހިތްވަރާ ބުރަމަސައްކަތުން މާތްﷲ ގެ ހެޔޮރަހުމަތާޢި އެކު ބަލިން އަރައިގަނެވިފައިވާ ދިވެހިންނެވެ.

"ޑިޓިއުން ބޭންޑް" ގެ "އާފެށުން" މި ލަވަ މިހާރުވަނީ، ދިވެހި ލަވައިގެ ސްޓްރީމިން އެޕް "ލަވަފޮށި" އިން އަޑުއަހާލެވޭގޮތް ހަދާފައެވެ. އަދި މި ލަވައިގެ ވީޑިއޯ ޔޫޓިޔުބުން ބަލަލާލެވޭނެއެވެ.ފަށާފައެވެ.