ދިރިއުޅުމުގައި އަހަރެންނަކީ ނާކާމިޔާބު މީހެކެވެ. ކުރެވޭ އުންމީދުތަކުގެ މަގުގައި އަހަރެންނަށް ހިނގެނީ ކުޑަ ވަގުތު ކޮޅަކުއެވެ. ކަނޑައަޅާ ޢަޒުމުގެ ނަވުގައި އަހަރެންނަށް ދަތުރު ކުރެވެނީ ވަކި ހިސާބަކަށެވެ. ދެން ޖެހެނީ އެނބުރި އަންނާށެވެ. ކުރަމުން ދިޔަ ކަންތައްތައް ހުއްޓާލާށެވެ. ކަނޑައަޅާ ޢަޒުމު ހަނދާން ނައްތާލާށެވެ. މިއީ އަހަރެންގެ ހާލެވެ. މި ކަމަކުން މިންޖެއް ނުވިއެވެ.

ހަނދާން އެބަހުއްޓެވެ. އެންމެ ފުރަތަމަ އެކަމެއް ވީ އަހަރެންގެ ޢުމުރުން 13 އަހަރުގައެވެ. އެ ދުވަހުގެ ހަވީރުއެވެ. އަހަރެން ކުޅެން ހުއްޓާ ވެއްޓުނީއެވެ. ކުއްޖަކު ޖެހި ބޯޅައެއް އައިސް އަހަރެންގެ މޭ މަތީ ޖެހިގެންނެވެ. އެކަމަކު އެވަރުވީ ކީއްވެ ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެނގޭކަމަކީ އެ ދުވަހަށް ފަހު މަންމަމެން ވަރަށް ހާސްވެގެން އުޅޭކަމެވެ.

އެ ދުވަހަށް ފަހު އާދަޔާ ޚިލާފު ބާރުތަކެއް އަހަރެންގެ ހަށިގަނޑަށް އަންނަކަމަށް މަންމަ ބުނެއެވެ. އެހެންވާ ސަބަބު ހޯދުމަށް މަންމައާއި ބައްޕަ އެތައް މަސައްކަތެއް ކުރިއެވެ. ނަމަވެސް އާދަޔާ ޚިލާފު ބާރުތަކެއް އަންނަ ކަމެއް އަހަރެންގެ ހަނދާނަކު ނުހުރެއެވެ. އަހަރެންނަކަށް ގަބޫލެއް ވެސް ނުކުރެވެއެވެ. ބައެއް ފަހަރު ހިތްހަމަ ވެސް ނުޖެހެއެވެ. އަހަރެންނަށް ނުވާކަމެއްގެ ވާހަކަ މަންމަމެން ދައްކާތީއެވެ. ނުވާކަމަކަށް ފަރުވާ ކުރަން މަންމަމެން އުޅޭތީއެވެ. އެކި މީސްމީހުންނަށް އަހަރެން ދައްކާ އަހަރެންނަށް ވާ ގޮތުގެ ވާހަކަ މަންމަމެން ދައްކާތީއެވެ.

އެއްދުވަހެއްގެ ހަވީރު ވަގުތެވެ. އަހަރެން އިނީ ފިލާވަޅު ކިޔާށެވެ. އޭރު މަންމަ އުޅެނީ ބަދިގޭގައެވެ. ބައްޕައެއް ގެއަކު ނެތެވެ. އަހަރެންނަށް ގޮތްތަކެއް ވާހެން ހީވިއެވެ. އަޑު ތަކެއް އިވޭ ހެން ވެސް ހީވިއެވެ. އެ އަޑުފަށްގަނޑު ގަދަވަމުން އަންނަހެން ވެސް ހީވިއެވެ. ދެންވީ ގޮތެއް އަހަރެންނަކަށް ނޭނގުނެވެ.

މަންމަ ބުނާ ގޮތުން އަހަރެން ހުރީ ރުޅި ގަދަވެފައެވެ. މަންމައާމެދު ހިތްހަމަ ނުޖެހިފައެވެ. ބައްޕައާމެދު ވެސް ރުޅިއައިސްފައެވެ. އެ ރުޅީގައި މުޅި ގޭތެރެ އެފުށް މިފުށަށް ޖެހީއެވެ. ޓީވީއާއި ވީސީއާރް ފުނޑުފުނޑު ކޮށްލީއެވެ. ދޮރުތަކުގެ ލޫވަތައް ވެސް ތަޅާލީއެވެ. އަހަރެން ހަމައަކަށް އެޅުނީ އެ ހުރިހާ ކަމެއް ނިންމާލާފައެވެ. ނަމަވެސް އެކަމަށް ނެގީ ހަމަ ހިނދުކޮޅެކެވެ. ފަނަރަ ވަރަކަށް މިނެޓެވެ. މަންމަ ބުނީ އެއަށްފަހު އަހަރެން ނިދީކަމަށެވެ. ނިދާ ހޭލުވުނު އިރު ކުރިން ވީ އެއްވެސް ކަމެއް އަހަރެންގެ ހަނދާނަކު ނެތްކަމަށެވެ.

ތެދެކެވެ. އެ ކަހަލަ ކަމެއް ކުރެވުނު ކަމެއް އަހަރެން ހަނދާނަކު ނެތެވެ. އެހެން ނޫންނަމަ ނިދިން ހޭލުމަށްފަހު ޓީވީއަށް ވެފައިވާ ހުރި ގޮތާމެދު މަންމަމެން ގާތަކު އަހަރެން ސުވާލުތަކެއް ނުކުރީހެވެ؟ ލޫވަތަކަށް ވީގޮތާމެދު މަންމަ ގާތަކު ނޭހީހެވެ. މަންމަމެންގެ ކަންބޮޑުވުން އިތުރުވީ އެހިސާބުންނެވެ. އަހަރެންނަށް ކުރެވޭ ކަންތައް އަހަރެންނަށް ނޭނގޭކަން ޔަގީންވުމުންނެވެ.

މަންމަމެންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަހަރެންނެވެ. އަހަރެންނަށް ވާގޮތެވެ. އަހަރެންގެ ކަންބޮޑު ވުމަކީ ވެސް އެއީއެވެ. އެކަން ރަނގަޅުވީކަމެއް ނުވަތަ ނުވާކަމެއް ނޭނގުމެވެ. އެކަމަށް އޮތް ފަރުވާއެއް އެނގޭ މީހަކު ނެތުމެވެ. ފަރުވާއެއް އެނގޭނީ ވެސް އެކަން ދިމާވެފައި ހުންނަ ވަގުތެއްގައެވެ. ނަމަވެސް އެކަން ހިނގަނީ ހަމަ ހިނދުކޮޅަކަށެވެ. އެ ހިދުކޮޅު އައިސް އިސާހިތަކު ހިނގައި ދެއެވެ. އެހެންވެ އެކަމަށް ހައްލެއް ހޯދުންވީ އުނދަގޫ ކަމަކަށެވެ.

ދުވަސްތައް މާޒީ ވަމުން ދިޔަ ވަރަކަށް އަހަރެންނަށް ދިމާވި އުނދަގޫތައް ދިޔައީ ރަނގަޅު ވަމުންނެވެ. ކުރިން ވަމުން ދިޔަ ގޮތްތައް ވުން މުޅިން ހުއްޓުނު ކަހަލައެވެ. ނަމަވެސް އޭރު އަހަރެންގެ ތައުލީމީ ހަޔާތް އޮތީ ހުއްޓުމަކަށް އައިހެވެ. ކަނޑައެޅި ޢަޒުމާއި ހުވަފެން އޮތީ ބިލާހަކަށް ވެފައެވެ.

މާޒީ ހަނދާން ނައްތާލުމަށް ފަހު އަހަރެން މީހަކާ އިނީމެވެ. އުމުރުން 28 އަހަރުގައެވެ. އަހަރެންދެކެ ވަރަށް ލޯބިވާ މީހެކެވެ. އަހަރެން ވެސް ވަރަށް ލޯބިވާ މީހެކެވެ. އެއީ އަހަރެންގެ ހުރިހާ ކަމެއް ވެސް ދަންނަ މީހެކެވެ.

ދިރިއުޅުން ފެށުނީ ވަރަށް ލޯބިންނެވެ. އެ ލޯބީގައި އޮތީ އަޅާލުމާއި އެހީތެރިކަމެވެ. ތެދުވެރިކަމާއި ވަފާތެރިކަމެވެ. އަހަރެމެންގެ ދިރިއުޅުމާ މެދު އެންމެ އުފާކުރީ އަހަރެންގެ މަންމައެވެ. އެ ކަމަށް އެންމެ ބޮޑު ހިތްވަރެއް ދިން ފަރާތަކީ ވެސް އެއީއެވެ. މަންމަ ބޭނުންވީ މަންމަގެ ގާތުގައި އަހަރެންގެ ދިރިއުޅުން ކުރިއަށް ގެންދާށެވެ. ކައިވެނި ކޮށްގެން މަންމަމެންގެ ގޭގައި ހުރި ކުޑަ ކޮޓަރީގައި އުޅޭށެވެ. ނަމަވެސް އަންހެނުން ބޭނުންވީ އަންހެނުން ގެއަށް އަހަރެން ބަދަލުވާށެވެ. އަންހެނުންގެ ގޭގައި އަހަރެން އުޅޭށެވެ.

-- ނުނިމޭ --