ރިޔާސީ އިންތިޚާބުގައި ބޭނުންކުރި ވޯޓްކަރުދާސްތައް ނައްތާލުމުގެ ކުރިން ރައްޔިތުންނަށް ދައްކާލާ ހުސް ވޯޓްކަރުދާސްކޮޅުތަކުގައި ފާހަގަޖަހަން ފުރުސަތުދީ، އެ ފާހަގަ ފުންމާލާތޯ ބަލާލުމަށް ފުރުސަތުދޭން ގަސްތުކުރާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ވީޓީވީން ގެނެސްދިން "މެހެމާންސަރާ" ޕްރަގްރާމްގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ޕްރެޒެންޓަރު ދެންނެވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ގާނޫނާއި ޚިލާފް އެއްވެސްކަމެއް ހިނގާފައިނުވާކަމަށާ އަދި އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ގާނޫނާއި ޚިލާފް އެއްވެސްކަމެއް ކޮށްފައިނުވާނެކަމަށެވެ. ނަމަވެސް ކޮމިޝަންގެ މެންބަރުންގެ ބޮލުގައި އަސާސެއްނެތް ދޮގު ތުހުމަތުތަކެއް އެޅުވުމަށްފަހު، ޕީޕީއެމުން ކޯޓަށް މައްސަލަ ހުށައެޅުމަކީ ދެރަވެ، ލަދުވެތިވިކަމެއްކަމަށެވެ.

އިންތިޚާބުގައި ކަންކަން ހިނގާދިޔައީ ރަނގަޅަށްކަން ހުރިހާ ރައްޔިތުންވެސް ގަބޫލުކުރާކަމަށާ ނަމަވެސް ބަޔަކު އިންތިޚާބާއިމެދު ސުވާލުތަކެއް އުފައްދާފައިވާތީ، އިންތިޚާބުގައި ބޭނންކުރި ވޯޓް ކަރުދާސްތައް ނައްތާލުމުގެ ކުރިން ރައްޔިތުންނަށް އެ ކަރުދާސްތައް ދައްކާލުމަށްވެސް ގަސްތުކުރައްވާކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އިންތިޚާބުގައި ބޭނުންނުކޮށް ހުރި ހުސް ވޯޓްކަރުދާސްކޮޅުތަކުގައި ފާހަގަޖެހުމަށް ފުރުސަތު ރައްޔިތުންނަށް ދިނުމަށްވެސް ގަސްތުކުރައްވާކަމަށް ޝަރީފް ވިދާޅުވިއެވެ. އޭރުން ވޯޓް ކަރުދާހުގައި ޖެހި ފާހަގަ ފުންމައިގެން ދޭތޯ ރައްޔިތުންނަށް އިތުރަށް ޔަގީންކުރެވޭނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"އެ ގޮތަށް އަމަލުކުރުމަށް ކޮމިޝަންގެ މެންބަރުންގެ މެދުގައި ވަނީ މަޝްވަރާކުރެވިފައި. ނަމަވެސް އެކަމުގައި ގޮތް ނިންމާނީ ލީގަލް ޓީމާއި މަޝްވަރާކުރުމަށްފަހު. އަޅުގަނޑުމެންޖެހޭނެ ދެއްތޯ ކަމެއްކުރުމުގެ ކުރިން އަންނަން އޮތް މުސްތަގްބަލަށް އެކަންކަމުން ކުރާނެ އަސަރަކާއިމެދުވެސް ވިސްނަން. މި ދެންނެވީ މިގޮތަށް އަމަލުކުރުމުން ދެން ކޮންމެ ފަހަރަކުވެސް ކަރުދާސްތައް ނައްތާލާއިރު އެގޮތަށް އަމަލުކުރަންޖެހިދާނެތީ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިއަދުވެސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިބްރާހިމް މުހައްމަދު ސާލިހް ހޮވިވަޑައިގެންނެވީ އިލެކްޝަންސް ކޮމިޝަނުންކަމެއް ކޮށްދީގެނެއް ނޫންކަމަށާ ރައީސް ޔާމީން އިންތިޚާބުން ބަލިވެވަޑައިގެންނެވީ ގާނޫނީގޮތުން ކޮށްދޭންޖެހޭކަމެއް އިލެކްޝަންސް ކޮމިޝަނުން ނުކޮށްދީގެންވެސް ނޫންކަމަށެވެ.

އަދި އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވުމަށްފަހު ގާނޫނާއި ޚިލާފްކަމެއް ކުރެއްވުމަށް ރައީސް ޔާމީން އަންގަވާފައިނުވާކަމަށާ ނަތީޖާ ބަދަލުކޮށްދިނުމަށް ރައީސް އެދިވަޑައިގެންފައިވެސް ނުވާކަމަށެވެ. އަދި ރައީސް ޔާމީން އެދިވަޑައިގެންނެވީ ގާނޫނީގޮތުން، ހާމަކޮށް ބޮޑުކޮށް އިންތިޚާބު ގެންގޮސް ދެއްވުމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ލާޒިމް ނޫންނަމަވެސް، މުޅި ގައުމުގެ މަސްލަހަތު ހިމެނޭކަމަކަށްވާތީ ސަލާމަތީ ޚިދުމަތްދޭ މުއައްސަސާތަކާއި، އިންތިޚާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުންނަށްވެސް ނަތީޖާ އިއުލާނުކުރުމުގެ ކުރިން ގުޅުއްވިކަމަށެވެ. އަދި ދެ ކެންޑިޑޭޓުންވެސް އެދިވަޑައިގަތީ އަވަހަށް ނަތީޖާ އިއުލާނުކޮށްދެއްވުމަށްކަމަށް ޝަރީފް ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރުގައި ތިބެ، ހުރިހާ ރިސޯސްތަކެއް ހުރެ، އެންމެ ބޮޑު ޕާޓީކަމަށް ދައުވާކުރާ ޕީޕީއެމުން އެއްވެސް އަސާސެއްނެތް ޚިޔާލީ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް، އިންތިޚާބު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅުމަކީ ލިބުނު ވަރަށް ބޮޑު ހައިރާންކަމެއްކަމަށެވެ.

ޝަރީފް ވިދާޅުވީ ކޯޓަށް ހުށައަޅާފައިވާ މައްސަލައަށް ބަލާއިރު، އެއީ އިންތިޚާބީ ނިޒާމުގެ ކަންކަން އެނގޭވެސް ބޭފުޅެއް ތައްޔާރުކޮށްފައިވާ މައްސަލައެއް ނޫންކަން އެނގޭކަމަށެވެ.

"އަޅުގަނޑު މިވަގުތުވެސް ދަންނަވާލަން ބޭނުނުން ކޮންމެ ގޮތަކަށް ތަހުގީގުކުރިނަމަވެސް އެ ވިދާޅުވާ ކަންތައްތަކެއް ނުފެންނާނެ. ހަމަ ޔަގީން. ކީއްވެގެންތޯ ފެންނަންވީ ނުކުރާކަމެއް." ޝަރީފް ވިދާޅުވިއެވެ.