ޖަޕާނުގެ ރަށެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.

ޖަޕާނުގެ އެންމެ އުތުރުގައި މީހުން ވަޒަންވެރިވެފައިވާ އަވަށް، ހޮއްކައިދޯގެ ސަރުފުޓްސޫ އަވަށުގެ މީހުންނަށް ނިމިދިޔަ އޮކްޓޫބަރު މަހު ވަނީ އެ އަވަށުގެ ބޭރުން ފަޅުތެރޭގައި އޮތް ކުޑަ ކުޑަ ރަށެއް ގެއްލިފައިވާކަން ފާހަގަކުރެވިފަ އެވެ.

ޖަޕާނުގެ ކޯސްޓް ގާޑުން ހާމަކުރާ ގޮތުގައި މީގެ 30 އަހަރު ކުރިން އެންމެ ފަހުން އެ ކުޑަ ކުޑަ ރަށުގެ ސާވޭއެއް ހެދި އިރު އެރަށުގެ އުސް މިނަކީ ކަނޑުގެ ލޮނުގަނޑަށްވުރެ އެންމެ 1.4 މީޓަރު އުސް، އުސް މިނެކެވެ.

ފަޅުތެރޭގައި އޮތް މި ބޮޑު ހިލަގަނޑެއް ކަހަލަ ރަށަށް ޖަޕާނު ސަރުކާރުން ނަމެއް ދިނީ މީގެ ހަތަރު އަހަރު ކުރިންނެވެ. އެ ރަށަށް ދީފައިވާ ނަމަކީ އެސަންބެ ހަނަކިތާ ކޮޖިމާ އެވެ.

އެ ރަށަކީ އެ ސަރަހައްދުގައި ހުރި މީހުން ވަޒަންވެރިވެގެން ނޫޅޭ 158 ރަށުގެ ތެރެއިން ރަށެކެވެ. މި ރަށްރަށަށް ޖަޕާނުން ނަންދީފައިވަނީ އެ ރަށްތަކަކީ އެ ގައުމަށް ނިސްބަތްވާ ރަށްތަކެއްކަން ސާބިތުކުރުމަށެވެ.

މި ރަށް ގެއްލުމުގެ ސަބަބުން ޖަޕާނުގެ ސަރުކާރުން ވަނީ ނުހަނު ކަންބޮޑުވެފަ އެވެ. ސަބަބަކީ މި ރަށަކީ ޖަޕާނުގެ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރާ ރަށަކަށް ވާތީ އެވެ. މި ރަށް ގެއްލުމުގެ ސަބަބުން ޖަޕާނުގެ ކަނޑުގެ ސަރަހައްދު މިވަނީ ކުރިއަށް ވުރެ ކުޑަވެފަ އެވެ.

ޖަޕާނުގެ ޚަބަރުފަތުރާ ފަރާތްތަކުން އެ ގައުމުގެ ކޯސްޓް ގާޑާއި ހަވާލާދީ ބުނާ ގޮތުގައި ކޯސްޓް ގާޑުން އަންނަނީ މި ރަށް ގެއްލުމަށް މެދުވެރިވި ސަބަބު ހޯދުމަށް މަސައްކަތްކުރަމުންނެވެ.

އދ ގެ ކަނޑުގެ ގާނޫނުތަކާއި ބެހޭ ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީގައި ރަށް މާނަ ކޮށްފައިވަނީ ގުދުރަތީގޮތުން އުފެދިފައިވާ ބިމެއް، ވަށައިގެން ފެން އޮވެފައި ބޮޑު ދިޔައިގައި ފެނުގެ ލޮނުގަނޑަށްވުރެ މަތީގައި އޮންނަ ތަންތަނުގެ ގޮތުގަ އެވެ.