ފަށައިގަތުން

ކޮއިމަލާގެ ނަމުގައި ހިންގި ސިޔާސީ ވެބްސައިޓެއްގެ ހަނދާން އަދިވެސް ވަރަށް ގިނަބަޔަކު ހުންނާނެއެވެ. އެއީ ސިޔާސީ ވާދަވެރިންގެ ޝަޚުސު ކަތިލުމަށް ރައީސް ޔާމީނު ހިންގެވި ސައިޓެކެވެ. އޭގައި އެންމެ ބޮޑަށް ދިމާކޮށް ބެހިފައި ހުރީ އޮނަރަބަލް ގާސިމް އިބްރާހީމާއެވެ.

އެދުވަސްވަރު ދިވެހި ރައްޔިތުންނަށް އެއްކަމެއް ކަށަވަރުވެގެން ދިޔައެވެ. ރައީސް ޔާމީނަށް ގައުމުގެ އެންމެހައި ބާރުތައް މިލްކުވާ ދުވަހެއްގައި އޮނަރަބަލް ގާސިމް އިބްރާހީމަށް ހަދައިލާނެ ގޮތެވެ. އެއީ ރައީސް ޔާމީނު ސިއްރު ކުރައްވައިގެން ހުންނެވި ކަމެއްވެސް ނޫނެވެ. ގުޅީ އީސާ ކަލޭފާނަށް ހަސަން ފަރީދު ހެއްދެވިހެން ލުނބޮޔަކުން ހުތްފެލައިލާ ބީދައިން ތޮށިގަޑަކަށް ހަދައިލާނަމޭ އޮތީ ވިދާޅުވެފައެވެ. އެންމެ ދެކެން ބޭނުންވާ ދުވަހަކީ ނާށިގަޑު ހިފައިގެން މަގުމަތީގައި ގާސިމް އިބްރާހިމް ސަލާންޖަހަން ހުންނަވާ ދުވަސް ކަމަށްވެސް އޮތީ ވިދާޅުވެފައެވެ.

ރައީސް ޔާމީނު މިގައުމުގައި ވެރިކަން ކުރައްވައިފިއެވެ. އަދިވެސް ވެރިކަމުގައި އެހުންނެވީ ޔާމީނެވެ. އެހެންވީމާ ގާސިމް އިބްރާހީމް ފެލާލައި ހަލާކުކޮށް ބަރުބާދު ކުރުމުގެ ހުވަފެން ހަގީގަތަކަށް ހެއްދެވުނުތޯ އަދި އެކަމަށް ކިހާވަރަކަށް މަސައްކަތް ކުރެވުނުތޯ ބަލައިލުމަކީ މުހިއްމު ކަމެކެވެ. މިކަންތަކުގެ ތެރެއިން އެންމެފަހުން ކުޅިފަސް ލިބުނީ ކާކަށްތޯ ބަލައިލުންވެސް މުހިއްމެވެ.

ޔާމީނު ވެރިކަމަށް ގެނައުން

ދެހާސްތޭރައިގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު ގާސިމް ނިންމެވީ ދެވަނަ ބުރުގައި އެއްވެސް ބޭފުޅަކަށް ތާއީދުނުކޮށް ހުންނެވުމަށެވެ. އެގޮތަށް ނިންމެވީ ޔާމީނަކީ ކާކުކަމާއި ޔާމީނު ބޭނުންފުޅުވެގެން އުޅުއްވަނީ ކޮންކަމެއްކަން ގާސިމަށް އެނގިވަޑައިގަންނަވާތީއެވެ. ގާސިމްގެ މި ނިންމެވުން ބަދަލުކުރައްވައި ޔާމީނަށް ތާއީދު ކުރައްވަން ގަސްތުކުރެއްވީ ވަރަށް ގިނަ ބޭފުޅުން އެކަމަށް އެދިވަޑައިގަތުމުންނެވެ. ޚާއްސަކޮށް ރައީސް މައުމޫނާއި އެމަނިކުފާނުގެ އާއިލާއެވެ. ގާސިމް އިތުބާރު ކުރެއްވީ މައުމޫނަށެވެ. ޔާމީނަކަށް ނޫނެވެ.

ކޮންމެއަކަސް ޔާމީނަށް އެ އިންތިޚާބު ކާމިޔާބު ކުރެއްވުނީ ގާސިމްގެ އެހީގައެވެ. އެކަމުގައި އެއްވެސް ޝައްކެއްނެތެވެ. މަގާމުގެ ހުވާކުރެއްވުމުގެ ކުރީން ގާސިމަށް ސަލާމަތާއި ރައްކާތެރިކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންގެ ކުރިމަތީގައި ޔާމީނު ދެއްވިއެވެ. ގާސިމަށް ކުރިން ތަޖުރިބާކުރައްވަން ޖެހިވަޑައިގެންނެވި ހިތްދަތިކަން ދެން އަލަކުން ތަޖުރިބާކުރައްވަން ޖެހިވަޑައިނުގަންނަވާނޭ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވިއެވެ. މި ޔަގީންކަން ދެއްވާފައި ޔާމީނު ދެން ކަންތައްކުރެއްވީ އެވިދާޅުވިގޮތަށް ބާވައެވެ. ނޫނެކެވެ. ކަންތައް ކުރެއްވީ އެޔާ މުޅިން އިދިކޮޅަށެވެ.

ޔާމީނުގެ ރޭވުންތައް ތިލަވެގެން އައުން

އޮނަރަބަލް ގާސިމް އިބްރާހީމާ ދެކޮޅަށް ރައީސް ޔާމީނުގެ ނުބައި ރޭވުންތައް ރައްޔިތުންނާ ހަމަޔަށް ތިލަވެގެން އަންނާކަށް ގިނަ ދުވަސްތަކެއް ނުނެގިއެވެ. ދެހާސް ސާދައިގެ މަޖިލިސް އިންތިޚާބާ ހަމައިން ހުރިހާކަމެއް ތިލަވެގެން އަތުވެއްޖެއެވެ. ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ކުރިމަތިލި ބޭފުޅުން ފޭލްކޮށްލުމަށްޓަކައި ކޯލިޝަނުގެ ތެރެއިން ޔާމީނު ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޖުމްހޫރީ ޕާޓީއަށް ވަރަށް ގިނަ ގޮނޑި ގެއްލުނެވެ.

މަޖިލީހަށް މެންބަރުން އިންތިޚާބުވުމަށްފަހު ގާސިމް އިބްރާހިމް އަނެއް މަޅީގައި ޖެއްސުމަށް ދެން ޔާމީނު ކުރެއްވި ކަމަކީ މަޖިލީހުގެ ރައީސްކަމަށް ގާސިމް ކުރިމަތިލެއްވުމަށް އެދިވަޑައިގަތުމެވެ. މަޖިލީހުގެ ރައީސަކަށް ގާސިމް ކުރިމަތިލެއްވީމާ ޔާމީނުގެ ބާރުގައި މަޖިލީހުގެ ރައީސްކަމަށް ގެނައީ ޕީޕީއެމްގެ ތެރެއިން އަބްދު ﷲ މަސީހެވެ.

އެހިސާބުން ކޯލިޝަނުގައި ރެނދުލައި ފަޅަފަޅައިގެން ހިގައްޖެއެވެ. ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގެންނެވި ވަރަށް ގިނަ މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ ސްލޮޓުތަކުގައި ކެބިނެޓަށާއި ސަރުކާރުގެ އެކި މަގާމުތަކަށް ވަޑައިގެންނެވި ބޭފުޅުންނަށް އެކިކަހަލަ ދަޅަ ދައްކަވައިގެން ޕީޕީއެމަށް ވައްދަވައިފިއެވެ. ބޭނުމަކީ ގާސިމްގެ އާރާއި ބާރު ކުޑަކޮށްލުމެވެ.

ބޮޑު މަންޒަރު ވަރަށް ސާފުކޮށް ފެނިވަޑައިގަންނަވާތީ ގަދަ ހިފުމަކަށް ވަޑައިގަންނަވަން ގާސިމް ބޭނުންފުޅެއް ނުވިއެވެ. އެމަނިކުފާނު އިޚުތިޔާރު ކުރެއްވީ ސުލްހައެވެ. މަޑުމައިތިރިކަމެވެ. އެކަމަކު ރައީސް ޔާމީނު އެފުރުސަތުވެސް ގާސިމަށް ނުދެއްވިއެވެ. ރޭވުންތަކުގެ ދެވަނަ ފިޔަވަހި ކާމިޔާބުކުރެވެން އޮތީ ސިޔާސީ މައިދާނުގައި އިދިކޮޅު ލީޑަރެއްގެ ގޮތުގައި ގާސިމް ހުންނަވައިގެން ކަމަށްވާތީ ރައީސް ޔާމީނު ބާރުއެޅުއްވީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިކޮށް ގާސިމް ދެމިހުންނެވުމަށެވެ.

ގާސިމްގެ ވިޔަފާރިތަކާ ދިމާކުރުން

މި ރޭވުންތަކުގެ ދެވަނަ ފިޔަވަހީގައި ރައީސް ޔާމީނު ދިމާކުރެއްވީ ގާސިމްގެ ވިޔަފާރިއާއެވެ. ވުޖޫދުގައި ނުވާކަންކަން އުފަން ކުރައްވައިގެން ދައުލަތުގެ އެކިއިދާރާތައް މެދުވެރިކޮށް ޔާމީނު ފެއްޓެވީ ގާސިމްގެ ވިޔަފާރި ބަގަރޫޓުކޮށްލުމުގެ މަސައްކަތެވެ. މިގޮތުން އެކި ބަހަނާތަކުގައި ގާސިމްގެ ވިޔަފާރިތައް ބޮޑެތި އަދަދުތަކުން ޖުރިމާނާކުރަން ފެށިއެވެ. ކޯޓު މަރުހަލާ ނިމެންދެން މަޑުކުރުމެއްވެސް ނެތި ގާސިމްގެ ކުންފުނިތަކުގެ އެކައުންޓުތައް ފްރީޒް ކުރިއެވެ. މުވައްޒަފުންނަށް މުސާރަ ދެވޭނެ މަގުވެސް ބަންދުކޮށް އެތައް ހާސް އާއިލާއެއް ބިކަކުރުމުގެ މަޝްރޫއެއް ފެއްޓެވިއެވެ.

ޖުރިމާނާކޮށްގެން އެކައުންޓުތައް ފުރީޒްކޮށްގެން ވަރަށް އަވަހަށް ވިލާ ގްރޫޕް އިނދަޖައްސައިލެވިދާނެ ކަމަށް ޔާމީނު ހީފުޅުކުރެއްވިއެވެ. އެކަމަކު އެހެނެއް ނުވިއެވެ. ނެރެން ބޭނުންވި ފުރިހަމަ ނަތީޖާއެއް ނުނެރެވުނެވެ. އެހެން މެދުވެރިވި ސަބަބަކީ އެކަންކަމަށް ގާސިމް ހުޝިޔާރުވެ ހުންނެވުމާއި ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ޔާމީނު ބޭނުންފުޅުވާހާ ކަމެެއް ބޭނުންފުޅުވާ ސްޕީޑުގައި ކުރެއްވޭގޮތް ނުވުމެވެ. ހުރިހާ އިދާރާތަކުގެ ފުރިހަމަ ބައިވެރިވުން އެދިވަޑައިގަންނަވާ ގޮތަކަށް އެބީދައިން ލިބިވަޑައިނުގެންނެވުމެވެ.

އޮނަރަބަލް ގާސިމް އިބްރާހީމުގެ ސިޔާސީ ހަޔާތް ނިންމާލުމަށްޓަކައި މަޖިލީސް ބޭނުންކުރައްވައިގެން ޒާތްޒާތުގެ ގާނޫނުތައްވެސް ފާސްކުރައްވައި ތަސްދީގު ކުރެއްވިއެވެ. އުމުރުން ފަސްދޮޅަސް ފަސް އަހަރުވީމާ ރައީސްކަމަށް ކުރިމަތިނުލެއްވޭ އިސްލާހަކީ މީގެ ތެރެއިން ކަމެކެވެ. ޖުރިމާނާތައް ނުދެއްކެވީމާ ގާސިމްގެ މުދަލާއި ގެދޮރު ނީލަން ކިޔުމުގެ ރޭވުމެއްވެސް ގެންގުޅުއްވިއެވެ. އެކަމަކު އެ ރޭވުމާ އެއްގޮތަށް ކަންކަން ނުކުރެވުނީ ގާސިމްގެ ހުޝިޔާރުކަމުންނެވެ. ތަފްސީލުތައް ދިގުކަމުން އެބައި ދޫކޮށްލީއެވެ.

ގާސިމް ޖަލަށްލުން

މިނިވަންކަންމަތީގައި ގާސިމް ހުންނެވުމަކީ ރައީސް ޔާމީނުގެ ރޭވުންތައް ޗޮކުންދާން މެދުވެރިވާ ސަބަބުކަމަށް ދެކިވަޑައިގެން ދެން ޔާމީނު ދިމާކުރެއްވީ ދިގު މުއްދަތަކަށް ގާސިމް ޖަލަށް ލެއްވުމަށެވެ. ޕާޓީއެއްގެ ލީޑަރުގެ ހައިސިއްޔަތުން ޕާޓީގެ އެއްވުމެއްގައި ޕާޓީގެ މެންބަރުންނާ މުޚާތަބުކުރައްވައި ޕާޓީގެ ޕޯޑިއަމުގައި އޮނަރަބަލް ގާސިމް އިބްރާހިމް ދެއްކެވި ވާހަކަފުޅެއްް ޖިނާއީ ކުށަކަށް ހަދައިގެން ދައުލަތުގެ މުވައްސަސާތައް މެދުވެރިކޮށް ގާސިމް ހައްޔަރުކުރިއެވެ. ވަރަށް އަވަސް އަރުވާލައިގެން ކޯޓު މެދުވެރިކޮށް ޖަލު ހުކުމެއްވެސް އިއްވައިފިއެވެ. މިހުކުމެއް އިއްވީ އާލާސްކަންފުޅާ ގާސިމް ހަސްފަތާލުގައި އޮންނަވަނިކޮށެވެ.

މިހުކުމެއް އިއްވުމުގެ ދެ ބޭނުމެއް އޮތެވެ. އެއްބޭނުމަކީ ޖަލުގެ ތޭރިތަކުގެ ތެރޭގައި ބާއްވައިގެން ގާސިމްގެ ވިޔަފާރިއާއި ގާސިމް ބަރުބާދުކުރުމެވެ. ދެވަނަ ބޭނުމަކީ މަޖިލީހުގައި ގާސިމް އިންނެވި މާމިގިލީ ދާއިރާގެ ގޮނޑި ގެއްލުވައިލުމެވެ. ގާސިމް އާލާސްކަންފުޅާ އުޅުއްވުމުގެ ސަބަބުން ޖަލު ގޮޅިޔަކަށް ނުގެންގޮސް ފަރުވާޔަށް ބޭރަށް ފޮނުވަން ރައީސް ޔާމީނަށް މަޖުބޫރުވީ އެތެރެޔާއި ބޭރުގެ ފިއްތުންތައް ބޮޑުކަމުންނެވެ. އެއީ ޔާމީނާއި ޔާމީނުގެ ހަނދޭގިރި ރަތަފަންދޫ އަޒްލީނުގެ ހެޔޮފުޅުކަމުން ކުރެެއްވި ކަމެއް ނޫނެވެ.

ފަރުވާޔަށްފަހު ގާސިމް އެނބުރި ރާއްޖެވަޑައިގެން ޖަލުގެ ގޮޅިޔަަށް ނުލެއްވޭނެކަން ކަށަވަރުވީމާ ދެން ޔާމީނު ދިމާކުރެއްވީ ގާސިމުގެ އާއިލާއާއެވެ. ގާސިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ހައްޔަރުކޮށް ސަރިޔަތަކާ ނުލައި އެތައް މަސްދުވަހަކު ޖަލުގައި ބޭއްވީ އެހެންވެގެންނެވެ. ދޭތެރެދޭތެރެއިން ގާސިމްގެ އޮފީސްތަކަށް ފުލުހުން ފޮނުވައިގެން ފާސްކޮށް ދައުލަތުގެ މުވައްސަސާތަކުގެ މީހުން ގާސިމްގެ ރިސޯޓުތަކަށް ފޮނުވައިގެން ބިރުދައްކައި ހުއްދަތައް ބާތިލުކޮށް ވިޔަފާރި ހުއްޓުވަން ޔާމީނު ނުކުރައްވާކަށް ހަމައެއްކަމެއްވެސް ނެތެވެ.

އިންތިޚާބު ބޯމަތިވުން

ގާސިމް އިބްރާހިމް ބަރުބާދުކޮށް މުދަލާއި ގެދޮރު ނީލަންކިއުމުގެ ކަންތައް ރައީސް ޔާމީނު ހީފުޅުކުރެއްވިހާ ފަސޭހައިން ނުކުރެވުވީމާ ދެން ޚިޔާލުކުރެއްވި ކަމަށް ފެންނަނީ ރިޔާސީ އިންތިޚާބަށްފަހު އާބާރަކާއެކު އެމަސައްކަތް ނިންމައިލުމަށެވެ. އަސްލު ސޫރަ ފެންނާނީ އިންތިޚާބަށްފަހު ކަމަށް ވިދާޅުވީ އެހެންވެގެންނެވެ. އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައި މަޖިލީސް ތަޅުއަޅުވައި ކޯޓުތައް ހިސާރުކޮށް ކިރިޔާވެސް އަޑެއް އިއްވައިލާ މީހަކު ވިއްޔާ ފުލުހުން ފޮނުވައިގެން ތަޅައިރޯނާގެންނެވުމުގެ ސަގާފަތެއް ގާއިމުކުރެވުނީމާ ޔާމީނު ހީފުޅުކުރެއްވީ ނިކަން ފަސޭހަކޮށް އިންތިޚާބުވެސް ކާމިޔާބުކުރެވިދާނޭ ކަމަށެވެ.

ޔާމީނު ވިދާޅުވަމުންގެންދެވީ އެއްވެސް މީހަކު އެމަނިކުފާނު އަންޑަރއެސްޓިމޭޓް ނުކުރުމަށެވެ. މިހެން ވިދާޅުވާއިރު އެމަނިކުފާނު ހުންނެވީ ރައްޔިތުންގެ ބާރާއި އިދިކޮޅު ސިޔާސީ ލީޑަރުންގެ ބާރު އަންޑަރއެސްޓިމޭޓް ކުރައްވައިގެންނެވެ.

ރާއްޖެއިން ބޭރުގައި ހުންނަވައިގެން ގާސިމް އިބްރާހިމް ގެންދެވީ ރައްޔިތުންނަށް މެސެޖުތައް ދެއްވަމުންނެވެ. ޔާމީނަކީ ކާކުކަން ވިދާޅުވެދެއްވަމުންނެވެ. މިކަން ހުއްޓުވައިލެވިއެްޖެނަމަ ގާސިމްގެ ވާހަކަފުޅު ރައްޔިތުންނާ ހަމަޔަށް ނާންނާނޭ ކަމަށް ޔާމީން ހީފުޅު ކުރެއްވިއެވެ. ގައިދީން ޕްރޮމޯޓްކުރާ ޓީވީތައް ހުއްޓުވާނަމޭ ބުނެ އެކި މުވައްސަސާތައް މެދުވެރިކޮށް ބިރު ދައްކައިގެން ގާސިމްގެ އަމިއްލަފުޅު ޓީވީންވެސް އެމަނިކުފާނުގެ އަޑާއި މަންޒަރު ގެނައުން ޔާމީނު ހުއްޓުވިއެވެ. އެކަމަކު ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ގާސިމް ގެންދެވީ ރައްޔިތުންނަށް މެސެޖު ދެއްވަމުންނެވެ. އެކަން ހުއްޓުވައެއް ނުލެވުނެވެ.

ގާސިމްގެ ހެޔޮފުޅުކަމުން ޖޭޕީގެ ސްލޮޓްތަކުގައި މަގާމުތަކަށް އައި މީހުން ބޭނުން ކުރައްވައިގެން ކެނޑިނޭޅި ގާސިމްގެ ޝަޚުސު ކަތިލަމުންގެންދިޔައިމާ ރިޔާސީ އިންތިޚާބުގައި ގާސިމްގެ ނުފޫޒެއް ނޯންނާނެކަމަށް ޔާމީނު ހީފުޅު ކުރެއްވިއެވެ. މިގޮތުން ޔާމީނު އެންމެ ގިނައިން ބޭނުންކުރެއްވި ކަމަށް ފެންނަނީ އިކޮނޮމިކް މިނިސްޓަރު ސައީދާއި އެންވައިރުމަންޓު މިނިސްޓަރު ތޯރިގެވެ.

ރައްޔިތުން ނޫނެކޭ ބުނުން

ރިޔާސީ އިންތިޚާބުގެ ނަތީޖާ ނިކުތީ ޔާމީނު އަންދާޒާ ކުރެއްވި ގޮތަކަށް ނޫނެވެ. ބޮޑުތަނުން ރައްޔިތުން ވަނީ ޔާމީނަށް ނޫނެކޭ ބުނެފައެވެ. ދެން ހެއްދެވޭނެ ހަމައެއްގޮތެއްވެސް ނެތި ހުރިހާ ދޮރެއް ޔާމީނަށްޓަކައި ބަންދުވެއްޖެއެވެ. ޔާމީނުގެ މުށުތެރެއިން ހުރިހާ މުވައްސަސާއެއް ދޫވެ މިނިވަންވެއްޖެއެވެ. މުވައްސަސާތަކުގެ ވެރިން ބިރުފަހަނަޅައިފިއެވެ. އެހެންވީމާ ދެންފެނުނީ ކޯޓުތަކަށް އުނދުޅި ބާނުއްވައިގެން ޔާމީނު ކުރެއްވިހާ ކަމެއް އެކޮޅުކޮޅުންޖެހޭން ފެށިތަނެވެ.

ގާސިމް އިބްރާހިމް ދެންދުވަހަކުވެސް ރާއްޖޭގެ ފަސްގަޑުގައި ފައިބީއްސަވާ ނުލައްވާނެއޭ ރާއްޖެއަކަށް ނޭރޭނެޔޭ އެރިޔަކަ ނުދޭނަމޭ ޔާމީނު ކިތަންމެ ގިނައިން ވިދާޅުވެފައިވިޔަސް ގާސިމް އިބްރާހިމް ރާއްޖެއަށް ވަޑައިގެންފިއެވެ. އެމަނިކުފާނުގެ ދަރިކަލުންވެސް ޖަލުން މިނިވަންވެއްޖެއެވެ. ގާސިމް އިބްރާހީމްގެ މައްޗަށް އިއްވި ޖަލު ހުކުމްވެސް ބާތިލްވެއްޖެއެވެ. ހުކުމް ބާތިލްވުމާއެކު މާމިގިލީ ދާއިރާގެ ގޮނޑީގައި އެމަނިކުފާނު އަލުން އިށީދެވަޑައިގެންފިއެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުކަމާވެސް ހަވާލުވެވަޑަައިގެންފިއެވެ.

މަސީހޭ ކިޔުނު މީހަކު ރައްޔިތުންގެ މަޖިލީހުގައި ބަހައްޓައިގެން އެތަން ރައީސް އޮފީހުގެ ސެކްޝަނަކަށް ހަދައިގެން އުޅުންވެސް ނިމުމަކަށް އައިސް މަޖިލީހުގެ ގިނަ މެންބަރުންވެގެން އެ މަސީހު ރިޔާސަތުން ބޭރުކުރާކަށްވެސް ދުވަސްތަކެއް ނުނެގިއެވެ. އެމަގާމަށް އޮނަރަބަލް ގާސިމް އިބްރާހިމް އިންތިޚާބުވެސް ކޮށްފިއެވެ. އެކަންކުރީ ރިކޯޑް އަދަދަކަށް މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ތިޔަ ވިދާޅުވެވުނީ ރަގަޅަށެވެ. ގާސިމް އިބްރާހީމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ލިބިވަޑައިގަތީއެވެ. ކޯލިޝަން ރޫޅި ހުރިހާ އެގްރިމަންޓުތައް އިރާލައި ގަޓުދައްކަން ޔާމީނު ފެއްޓެވި ހިސާބަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ވަޑައިގަތުމަށް ގާސިމް ދެހާސް ސާދައިގައި މަސައްކަތް ކުރެއްވި ހިސާބެވެ. އެކަމަކު ރައީސް ޔާމީނުގެ ދައުރު އަދި ނުނިމެނީސް ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމުގައި ޔާމީނު ހުންނަވަނިކޮށް ގާސިމް އިބްރާހީމް ވަނީ މަޖިލީހުގެ ރިޔާސަތަށް ވަޑައިގެންފައެވެ. އެކަން ހުއްޓުވުމަށް ކުރީފަހަރު މަސައްކަތް ކުރެއްވި ބީދައިން އަލުން މަސައްކަތް ކުރެއްވޭނެ މަގު އޮތީ ބަންދުވެފައެވެ. އާރާއިބާރު ލުހިގެންވާ ހާލު ހިންދިރުވާލުން ނޫން އެހެންކަމެއް ކުރެއްވޭން ނެތިފައެވެ.

ގާސިމަށް ކުޅިފަސް ލިބިވަޑައިގަތުން

ގާސިމް އިބްރާހީމް ބަރުބާދުކޮށް ހަލާކުކޮށްލުމަށް ޔާމީނު ކުރެއްވި މަސައްކަތް ދަރުބާރު ފެކްޝަނާއެކު ވަނީ ބަރުބާދުވެގެން ނިމިފައެވެ. ގާސިމް އިބްރާހީމްގެ ގެދޮރާއި މުދާތައް ނީލަންކިޔައި ހުތްފެލައިލި ލުނބޯ ތޮށިގަޑަކަށް ހެދުމުގެ ހުވަފެން ނާކާމިޔާބުވި އިންތިޚާބާއެކު ވަނީ ބިލާހަކަށްވެފައެވެ. ނާށިގަޑާއިގެން މަގުމައްޗަށް ސަލާންޖަހަން ގާސިމް ނެރުމަށް ކުރި އުއްމީދު ވަނީ ފަނޑުވެގެން ނިވިގެންދިޔަ ވެރިކަމުގެ އާރާއިބާރާއެކު ނިވިފައެވެ. އަލުންބަލުން ދެން އެމަސައްކަތް ކުރެވޭނެ އެއްގޮތެއްވެސް ނެތި އަމިއްލަޔަށް ފޭހުނު އިލޮށިގަޑު ވަނީ އަމިއްލަ ލޮލަށް ހެރި ނިމިފައެވެ.

އޮނަރަބަލް ގާސިމް އިބްރާހީމާ ދެކޮޅަށް ޔާމީނު ފެެއްޓެވި ކަންތައްތަކުގައި އެންމެފަހުން ވަރަށް ސާފުކޮށް ކުޅިފަސް ހޯއްދަވާފައި ވަނީ ގާސިމެވެ. ބޮޑުތަނުން ފޭލްވެގެންދިޔައީ ޔާމީނެވެ. ހުތްފެލައިލި ތޮށިގަޑަކަށްވެގެން އާރެއްބާރެއް ނެތި މުލިއާގެއާއި ހިލާލީގެއިން ނިކުންނަން މިޖެހުނީ ޔާމީނަށެވެ. މުސާރަނުދެވޭ މީހުންގެ ކައިރީގައި ނުތިބެ ސަރުކާރުގެ ކުންފުނިތަކަށް އައުމަށް ގާސިމްގެ މުވައްޒަފުންނަށް ގޮވާލެއްވި ޔާމީނަށް މިޖެހުނީ އެމަނިކުފާނުގެ އެންމެކައިރީގައި ތިބި އެހީތެރިންވެސް އޮޅިއޮޅިޔަށް ނިކުމެގެންގޮސް ކުނޫޒާއި މާފަންނުވިލާ ދޮށުގައި ކިޔޫހަދައިގެން ތިބި މަންޒަރު ބައްލަވަން ހުންނަވާށެވެ.

މިޒާތުގެ ކަންކަމީ ފަހުތިބީންނަށް ފިލާވަޅެކެވެ. މިކަހަލަ ވާހަކަތަކުގައި ކުލަޖައްސަން ތާރީޚު ލިޔާމީހުން ވަރަށް މޮޅުވާނެއެވެ. ރައީސް ޔާމީނުގެ ލެގަސީގައި ކުލަޖައްސާނީ އެމީހުންނެވެ. މިލިޔުން ލިޔާ މީހާއަށް ލިބޭ ހިތްވަރަކީ ރައީސް ޔާމީނުގެ ވެރިކަން އަދި ނުނިމެނީސް މިވާހަކަ ލިޔެ ޝާއިއުކުރުމެވެ. ޔާމީނުގެ ހިމާޔަތުގައި ވުޖޫދުކުރެވުނު އަބުރުގެ ގާނޫނުގެ ބިރުވެރިކަން އިހުސާސްނުކޮށް އެމަނިކުފާނުގެ ލެގަސީ އޮންނާނެގޮތާމެދު އެއްޗެއް ލިޔެ އާއެްމުކުރުމެވެ. ބޮޑާ ކިބުރުވެރި އަނިޔާވެރިއެއްގެ ވެއްޓުން ސިފަކުރުމެވެ.