މުޖުތަމައުގެ އެކިފަންތިއާއި ގިންތީގެ އެކިބޭފުޅުންނާ ބައްދަލު ކުރެއްވުމުގެ ތެރެއިން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިމިގެންދިޔަ އޮކްޓޫބަރުމަހުގެ ފަނަރަވަނަ ދުވަހު ރާއްޖޭގެ ޒުވާން ވިޔަފާރިވެރިންގެ ތެރެއިން އެންމެ ކުރީސަފުގައި ހިމެނިވަޑައިގަންނަވާ ހަތަރު ފަސްބޭފުޅަކާ ބައްދަލު ކުރައްވައިފައެވެ. ވިޔަފާރިއާއި އިގްތިސާދާ ގުޅޭގޮތުން އާސަރުކާރުގެ ވިސްނުން ހުރިނެތްގޮތް އިބޫވަނީ މިބައްދަލުވުމުގެ ބައިވެރިންނާ ހިއްސާ ކުރައްވައިފައެވެ.

މިބައްދަލު ކުރެއްވުމަށްފަހު ސޯޝަލް މީޑިއާގައި ފާޑުކިޔުމުގެ ވަރަށްބޮޑު އޮއިވަރެއް އުފެދިގެންދިޔައެވެ. އިބޫ ބައްދަލުކުރެއްވީ ހަގީގަތުގައިވެސް ޒުވާން ވިޔަފާރިވެރިންނާތޯ ނޫނީ މިރާއްޖޭގެ މުއްސަނދި މަހުޖަނުނުންގެ ދަރިންނާތޯ ސުވާލުކޮށް ބައެއް މީހުން ސޯޝަލް މީޑިއާގައި ފަތިވަރުތަކެއް އެމުނިއެވެ. ބައްޕަގެ ވާރުތަ މުދަލުން މުއްސަނދިވި ކުދިންނާ އިންތިޚާބީ ރައީސް ބައްދަލު ކުރެއްވީއޭ ވެސް ބައެއް މީހުން ލިޔުނެވެ.

މިޒާތުގެ ވާހަކަތަކަށް ރައްދުދީފައި އެއްޗެއް ލިޔާންކަމަށް ހިތުލައިގެން ހުއްޓައި ތަންކޮޅެއް އަވަދިނެތި އުޅޭންޖެހި ހަނދާނުންވެސް ކައްސާލައިފައި ވަނިކޮށް ކުއްލިއަކަށް މިއަދު އަލުން ހަނދާންވެގެން ގަލަން ހިއްލައިލީއެވެ. ދެން އެންމެ ރަގަޅެވެ. ޒުވާން ވިޔަފާރިވެރިންނަކީ ކޮބައިބާވައެވެ. އެއީ ވަޒީފާއަދާކޮށްގެން ފައިސާކޮޅެއް ޖަމާކޮށްގެން ވިޔަފާރިއެއް ފަށައި ބޮލުގައި ނުރަޖެހުމުގެ ކުރިން މިލިޔަނަރަކަށްވާ ކޮންމެ މީހެއް ބާވައެވެ. ނޫނީ މިރާއްޖޭގައި ފަހަކަށް އައިސް މުއްސަނދިވުމުގެ އެންމެ އާއެްމު ގޮތް ކަމަށްވާ ވައްކަންކޮށްގެން މިލިޔަނަރަކަށްވާ ކޮންމެ ޒުވާނެއް ބާވައެވެ. އެހެންނޫނީ ވިޔަފާރިތައް މެނޭޖުކޮށް ހިންގުމުގައި ހަރަކާތްތެރިވާ ކޮންމެ ޒުވާނެއް ބާވައެވެ.

ކޮންމެގޮތަކަށް ފަށައިގެން ފުޅާކުރި ކޮންމެ ވިޔަފާރިއެއްކަމުގައިވިޔަސް އެވިޔަފާރިއެއް ކޮންޓްރޯލްކޮށް ހިންގުމުގައި ހަރަކާތްތެރިވާ ޒުވާނެއްވިއްޔާ އެއީ ޒުވާން ވިޔަފާރިވެރިއެކެވެ. މިގޮތުން އިންތިޚާބީ ރައީސް އިބޫ ބައްދަލު ކުރެއްވީ ޒުވާން ވިޔަފާރިވެރިންނާއެވެ. އެއީ ރާއްޖޭގެ ބޮޑެތިބޮޑެތި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނެވެ. ރާއްޖޭގެ އިގްތިސާދުގެ މުގުލުގައި މިހާރު ތިބި ސިކުނޑިތަކެވެ. އެކަމަށް އިންކާރު ކުރެވޭނޭ އެއްވެސް ހަމައެއް އުސޫލެއް ނޯންނާނެއެވެ. މަހުޖަނުންގެ ދަރީންނަށްވުން އެއީ އެހެން ވާހަކައެކެވެ. އަމިއްލަ މަސައްކަތުން ފެށި ވިޔަފާރިއަކަށް ނުވުމަކީވެސް އެހެން ވާހަކައެކެވެ.

މަހުޖަނެއްގެ ދަރިޔަކަށްވުމަކީ ތާއަބަދު ބައްޕަގެ ހިޔަނީގައި ހުރުމަށް މަޖުބޫރުކުރާ ސަބަބެއް ނޫނެވެ. އަމިއްލަ ވިސްނުމާއި ހުނަރުގެ އެހީގައި ބާކިއްލާތައް އާކޮށް ބޮޑެތިބޮޑެތި ކަންތައްތަކަށް ފައިނެގުން މަނާކުރާ ސަބަބެއްވެސް ނޫނެވެ. އަދިކިޔެއްތަ އަމިއްލަ ޝަޚުސިއްޔަތުގެ މައްޗަށް ބްރޭންޑްކޮށް ބާވިޔަފާރިތައް އާކޮށް ފުޅާކުރުމަށް އެޅޭ ހުރަހެއްވެސް ނޫނެވެ. އެއީވެސް މިނިވަނުންނެވެ. ކިޔަވައިގެންތިބި އިލްމީ ސިކުނޑިތަކެވެ. ވިޔަފާރީގެ ހުނަރުވެރިންނެވެ. އެކަން އެދަނީ ސާބިތުކޮށް ދައްކަމުންނެވެ. އެހެންވީމާ ފިނިފެންމަލުގެ ދާންމަތީގައި ބޮޑެތިކޮށްފައި ތިބި މަހުޖަނުންގެ ދަރީންނޭ ބުނެފައި އެފަދަ ޒުވާނުންނަކީ ދެނެގަތުމާއި ތައުރީފު ހައްގުވާ ބައެއް ނޫންކަމަށް ހީކުރުމަކީ ވަރަށް ދެކޮޅު ނުޖެހޭ ވަރަށް ހެއްވާ ކަމެކެވެ.

އިންތިޚާބީ ރައީސާއި އެދުވަހު ބައްދަލުކުރެއްވި ހަތަރު ފަސް ޒުވާން ވިޔަފާރިވެރިންގެ ތެރެއިން އެބޭފުޅެއްގެ ހުނަރާއި ވިސްނުންތެރިކަން ކޮންމެ ދުވަހަކު އަޅުގަޑަށް އެންމެ ގާތުން ފެންނަ ބޭފުޅަކީ ވިލާ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ސިޔާދު ގާސިމެވެ. އެއީ އުމުރުން ތިރީހުގެ ކުރީކޮޅުގެ ޒުވާނެކެވެ. އެކަމަކު އެޒުވާނާގެ ވިޔަފާރީގެ ތަޖުރިބާ ވަރަށް ބޮޑެވެ. ވިޔަފާރީގެ ސިކުނޑި ވަރަށް ބޮޑެވެ. ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ގްރޫޕުކަމަށްވާ ވިލާގްރޫޕުގެ ހުރިހާ ވިޔަފާރިއެއް ހިންގުމާ ހަވާލުވެވަޑައިގެން އެހުންނެވީ މޮޅު ބައްޕައެއްގެ ދަރިއަކަށްވެގެނެއް ނޫނެވެ. އެކަމަށް އެންމެ ގާބިލް ބޭފުޅަކީ އެއީކަމަށް މުޅި ވިލާއަށްވެސް އިއްތިފާގު ވެވިގެންނެވެ.

ބައްޕަޔަކު ފަށާ ވިޔަފާރިއަކާއި ދަރިން ހަވާލުވެގެން އެވިޔަފާރި އިތުރަށް ފުޅާކޮށް ވިލާތަކާ ހަމަޔަށް އުފުލުމަކީ ދުނިޔޭގައި ވަރަށް އާއްމު ކަމެކެވެ. ދުނިޔޭގެ ކޮންމެ ގައުމަކުންވެސް އެންމެ ބޮޑެތި ވިޔަފާރިވެރިންގެ ގޮތުގައި ގިނައިން ފެންނާނީ ބައްޕަޔަކު ނުވަތަ ކާފަޔަކު ފަށައިދިން ވިޔަފާރިއެއްގެ މަތީގައި އިތުރު ފަންގިފިލާތައް އަޅައިގެން އާއުސްމިންތަކަކަށް ވާސިލްވެފައިވާ ވިޔަފާރިވެރިންނެވެ. ފޭސްބުކަކާއި ސްނެޕްޗެޓަކާއި މައިކްރޯސޮފްޓަކާއި މިހެންގޮސް ޒަމާނީ ދޮރުދޮރުން ދެމިގަނެގެން އަމިއްލަޔަށް ބިލިއަނަރުންނަށްވެފައިވާ މީހުން ނެތެކޭ ނުދަންނަވަމެވެ.

ރާއްޖެއަށް ބެލިކަމުގައިވިޔަސް މިވަގުތު ވިޔަފާރީގެ މައިދާނުން ގިނައިން ފެންނަނީ ސުމަކުން ފަށައިގަތް މީހުންނެވެ. އެކަމަކު ކުރިޔަށް އޮތްތަނުގައި މިކަން ވަރަށް ބޮޑަށް ބަދަލުވެގެންދާނެއެވެ. މިހާރު ގާއިމުކުރެވިފައިވާ ވިޔަފާރިތައް އެކި ދިމަދިމާލަށް ފުޅާކޮށް ބަދަލުވަމުންދާ ދުނިޔޭގައި އެކިގޮތްގޮތަށް ބަދަލުކުރަމުންދާނީ ވިޔަފާރިވެރިންގެ ދަރީންނެވެ. މިހާރުވެސް އެ އޮއިވަރު އޮތީ ފެށިފައެވެ. ބައްޕަގެ މަސައްކަތުން އެއްމިލިޔަން ޑޮލަރަށް ފުޅާކުރި ވިޔަފާރި ދިހަ މިލިޔަނަށް އަދި އެއްބިލިޔަނުގެ ވިޔަފާރި ދެބިލިޔަނަށް ބަދަލުވަމުންދާތަން އެފެންނަނީ މިދެންނެވި ޒުވާނުންގެ ހުޝިޔާރުކަމާއި ވިސްނުންތެރިކަމުންނެވެ. މިކަންކަން ފެންނާނީ ބަލަން އުޅޭ ބަޔަކަށެވެ.

ވިލާ ގްރޫޕުގެ އެމްޑީ އިބްރާހިމް ސިޔާދު ގާސިމް މިދޭތެރެއިން ޖަލަށްލައިގެން ރައީސް ޔާމީނު އުޅުއްވުމުގެ ސަބަބަކީވެސް އިބްރާހިމް ސިޔާދުގެ ވިޔަފާރީގެ ހިކުމަތެވެ. ވިލާ ގްރޫޕަށް ގޮތެއް ހަދައިލަން ފުރުސަތު ލިބެން އޮތީ އިބްރާހިމް ސިޔާދަށް ގޮތެއް ހަދައިގެން ކަމަށް ޔާމީނަށްވެސް ގަބޫލު ކުރެއްވިގެންނެވެ.

އިބްރާހިމް ސިޔާދު ޖަލުގައި އޮންނެވިއިރު އެދެއްކެވި ހިތްވަރާއި ސާބިތުކަމަކީވެސް އެމަންޒަރު ދުށްމީހުން އަޖައިބުވާން ޖެހުނު ކަމެކެވެ. މުއްސަނދި ބައްޕަޔަކު އަރާމާއި އުފަލުގައި ބޮޑުކޮށްފައިވާ ދަރިޔަކު މުޅިން އަލަށް ވޭނާއި ދަތިކަން އިހުސާސްކުރަން ޖެހުމުން އިސާހިތަކު ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ހަލާކުވެ ބަރުބާދުވެގެން ހިގައިދާނެކަމަށް ބައެއް މީހުން ހީކުރުން އެކަށީގެންވެއެވެ. އެކަމަކު އިބްރާހިމް ސިޔާދުގެ ފަރާތުން ފެނުނީ ތަފާތު މަންޒަރަކެވެ. ފެނުނީ ހިތްވަރާއި ސާބިތުކަމެވެ. ވިޔަފާރީގެ ތެރެއިން ކެތްތެރިކަމާއި ހިކުމަތްތެރިކަން ކިތަންމެ ރަގަޅަކަށްވެސް އިބްރާހިމް ސިޔާދު ވަނީ ހާސިލް ކުރައްވާފައެވެ.

މިސަބަބުތައް މިހެން ހުރުމާއެކު އަޅުގަޑަށް ކަށަވަރުވެ ޔަގީންވާ ކަމަކީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އޮކްޓޫބަރު ފަނަރަ ވަނަ ދުވަހު ބައްދަލު ކުރެއްވީ ދިވެހި ޒުވާން ވިޔަފާރިވެރިންނާ ކަމެކެވެ. ރާއްޖޭގެ ވިޔަފާރިއާއި އިގްތިސާދު މިހާރުވެސް ކޮންޓްރޯލްކުރަމުންދާ އާ ޖީލެއްގެ ވިޔަފާރިވެރިންނާ ކަމެވެ. ދިވެހިރާއްޖޭގައި މަހުޖަނުން މަދެއް ނޫނެވެ. އަދި މަހުޖަނުންގެ ދަރިންވެސް މަދެއް ނޫނެވެ. މަހުޖަނުންގެ ދަރިންނާ ބައްދަލުކުރާނަމަ އެއީ އެތައްހާސް ބައެކެވެ.