މިނިވަން މުއައްސަސާއަކަށް ވުރެ ބޮޑަށް ޒާތީ މުއައްސަސާއަކަށް އިލެކްޝަންސް ކޮމިޝަން ބަދަލުވެގެން ހިގައްޖެ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފި އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް އިލެކްޝަންސް ކޮމިޝަނުން އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށްފައިވަނިކޮށް އިންތިހާބުގައި ބޭނުންކުރި ވޯޓް ކަރުދާސްތައް ނައްތާލުމުން ކަންތައްތަކެއް ހިންގާފައިވާ ކަން އެނގިގެން ގޮސްފައިވާ ކަމަށެވެ.

ވޯޓް ކަރުދާހާ ގުޅޭ މައްސަލައެއް ޕޮލިހަށް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނަށް އެނގިފައި ނުވާ ކަމަށް އެކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެފައިވާތީ އެކަމަށް ރައްދުދެެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ޝަރީފް ކަނޑައެޅިގެން އިތުރުުފުޅު ހައްދަވަމުން ގެންދަވާ ކަމަށެވެ. ވޯޓު ކަރުދާހުގެ މައްސަލައަކީ ރައްޔިތުންނާ ގުޅިފައިވާ މައްސަލައަކަށްވާތީ ބެލެންޖެހޭ މައްސަލައެއް ކަމަށާއި މައްސަލަ ބެލެން ޖެހޭނެ ކަމަށާއި ޝަރީފް މިއަދު ވާހަކަ ދައްކަވަނީ ދެފަހަރު ދެ ގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.

އަބްދުރަހީމް ވިދާޅުވީ ރިޔާސީ އިންތިހާބު އިއުލާން ކުރިތާ ދެތިން ދުވަސް ފަހުން އިލެކްޝަންސް ކޮމިޝަން ބަދަލުވެފައި ވަނީ ދައުލަތުގެ މުއައްސަސާއަކަށް ވުރެ ބޮޑަށް އިންތިހާބު ކާމިޔާބު ކުރެއްވި ފަރާތްތަކަށް މަސައްކަތް ކޮށްދޭ މުއައްސަސާއެއްގެ ގޮތުގައި ކަމަށެވެ. ޕީޕީއެމްއާ ދެތެރޭ އިލެކްޝަންސް ކޮމިޝަނުން މިއަދު އަމަލުކުރަމުން ގެންދަނީ ވެސް ވަރަށް ޒާތީ ގޮތަކަށް ކަމަށާއި ޕީޕީއެމްއަކީ ވެސް ރަޖިސްޓަރީ ކޮށްގެން ހިންގާ ޕާޓީ އަކަށްވާއިރު އެގޮތަށް އަމަލުކުރެވިގެން ނުވާނެ ކަމަށެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ވެސް ޕީޕީއެމުން ވަރަށް ފުރިހަމައަށް ތައްޔާރު ވަމުން ގެންދާ ކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ އެޕާޓީއަކީ އިންތިހާބުތައް ކާމިޔާބު ކުރުމުގައި ވަރަށް ކުޅަދާނަ ޕާޓީއެއް ކަމަށެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް އަދި މިހާތަނަށް ޕީޕީއެމަށް ދައުވަތު ދީފައި ނުވާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. ނަމަވެސް އިބްރާހީމް މުހައްމަދު ސޯލިހް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ޔާމީނަށް ދައުވަތު ލިބިފައިވާ ކަަމަށާއި ރަސްމިއްޔާތުގައި ބައިވެރިވުމާ މެދު ގޮތް ނިންމާނީ އެމަނިކުފާނު ކަމަށްވެސް ވިދާޅުވި އެވެ.

އަބްދުރަހީމް އިތުރަށް ވިދާޅުވީ ޕީޕީއެމްއަކީ ދިވެހިރާއްޖޭގައި މިވަގުތު އޮތް އެންމެ މެންބަރުން ގިނަ ޕާޓީ ކަމަށާއި އެހެންކަމުން ޕީޕީއެމަށް ފައިސާ ނުދީ އެހެން ޕާޓީ ތަކަށް ފައިސާ ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޕީޕީއެމްގެ މިހާރު ލީޑަޝިޕާ މުއާމަލާތު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނަމުން ގެންދާތީ އެކަމުން އެނގިގެން ދަނީ މިނިވަން މުއައްސަސާކަށް ވުރެ ބޮޑަށް ޒާތީ މުއައްސަސާއަކަށް އެކޮމިޝަން ބަދަލުވެގެން ދިއުން ކަަމަށްވެސް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްއާ މުއާމަލާތު ކުރުން ހުއްޓާލީ އެޕާޓީން އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި ޕީޕީއެމް ނޫން ބަޔަކު ކޮންގްރެސްގައި ވޯޓްލާފައިވާތީ ކޮންގްރެސް ބަލައިނުގަތުމަށް އެ ކޮމިޝަނުން ނިންމާފައިވާތީއާއި ޕީޕީއެމް އަލުން ރައީސް މައުމޫނާ ހަވާލުކުރުމަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

ރިޔާސީ އިންތިހާބާ ގުޅިގެން ޕީޕީއެމްގެ ބައެއް މެންބަރުންގެ ފާޑު ކިޔުންތަކާއި ބޮޑެތި ތުހުމަތުތަކެއް އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް އަމާޒުވެފައިވީ ނަމަވެސް ކޮމިޝަންގެ މެންބަރުން ގެންދަވަނީ އެ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވަމުންނެވެ.