އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ސިޔާސީ މަގާމުތަކަށް ކުރާ ޚަރަދު ކުޑަކުރައްވާނެކަމަށް ޔަގީންކަން އެބައޮތްކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް މިހެން ވިދާޅުވީ އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުގައި ބަންޑާރަނާއިބް ހިމަނައިގެން 23 ވުޒާރާ އުފެއްދުމަށް ނިންމާފައިވާކަމަށް ކޯލިޝަންގެ ބައެއް އިސްވެރިންނާއި ހަވާލާދީ ނޫސްތަކުގައި ޝާއިއުކޮށްފައިވާ ޚަބަރުތަކާއި ގުޅިގެން، އިއްތިހާދުގެ ސަރުކާރަށް އަމާޒުކޮށް ބައެއް ފަރާތްތަކުން އަމާޒުކުރަމުންދާ ފާޑުކިޔުންތަކާ ގުޅިގެންނެވެ. ޚާއްސަކޮށް އިއްތިހާދުގެ ސަރުކާރާއި ގުޅޭގޮތުން ހަގީގަތެއްނެތް ވާހަކަތައް ފަތުރަމުންދާ މަދު މީޑިއާތަކަކުން އެ ވާހަކަތައް އޮޅޭގޮތަށް މައުލޫމާތު ފަތުރަމުންދާތީ އެކަމާއި ގުޅޭގޮތުންނެވެ.

ޚަރަދު ކުޑަކުރަން އަންނަ އިއްތިހާދުގެ ސަރުކާރުގައި 23 ވުޒާރާ އުފައްދާ، ސިޔާސީ މަގާމުތަކަށް އެތައްފައިސާއެއް ޚަރަދުކުރާނެކަމަށް ބުނެ އެފަަދަ މީޑިއާތަކުން ފަރުތަމުންދަނީ ކަނޑައެޅިގެން ގޯސް މައުލޫމާތުތަކެއްކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ސިޔާސީ މަގާމުތަކަށް ކޮންމެ މަހަކު އެތައްސަތޭކަ މިލިއަން ރުފިޔާއެއް ޚަރަދު ކުރަމުން ގެންގޮސްފައިވާއިރު، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ސިޔާސީ މަގާމުތަކަށް ކުރާ ޚަރަދު އެ އަދަދަށްވުރެ ބޮޑަށް ދައްކުރައްވާނެކަން ޔަގީންކަމަށެވެ.

އިބޫ ސޯލިޙްގެ ވެރިކަމުގައި ގިނަ ވުޒާރާތަކެއް އުފެއްދިނަމަވެސް، ރައީސްޔާމީންގެ ސަރުކާރުން އެކި ނަންމުގައި އުފައްދާފައިވާ އެތައް ސިޔާސީ މަގާމުތަކެއް، އައު ސަރުކާރުގައި އުވިގެންދާނެކަމަށް އިއްތިހާދުގެ ބައެއް އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. ޚާއްސަކޮށް ކޮންމެ ވުޒާރާއަކަށް ރައީސްޔާމީންގެ ސަރުކާރުން ލައްވާފައިވާ އެތައް ކޯޑިނޭޓަރުންނަކާއި، ކޮންމެ ވުޒާރާއެއްގައި ތިއްބެވި އެތައް ސްޓޭޓް މިނިސްޓަރުންނަކާއި، ނާއިބުގެ އަދަދު މަދުވާނެކަަމަށް އެބޭފުޅުން ވިދާޅުވެފައިވެއެވެ.

އިއްތިހާދުގެ ސަރުކާރެއްގައި، ޒުވާނުންނަށް ޚާއްސަ ވަޒީރަކާއި، ކުޅިވަރަށް ޚާއްސަ ވަޒީރަކާއި، ތާރީޚީ ކަންކަމަށް ޚާއްސަ ވުޒާރާއެއް އުފައްދާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އިއްތިހާދުގެ ސަރުކާރުގެ 22 ވުޒާރާއަށް ޕާޓީތަކުން ހުށައަޅާ ނަންތައް ފޮނުވުމަށް އިންތިޚާބީ ރައީސް މިހާރު ޕާޓީތަކަށް އަންގާފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ކުރިން ކުރެވުނު ތަޖްރިބާތަކުގެ އަލީގައި އިއްތިހާދުގެ ސަރުކާރެއް ކާމިޔާބުކަމާއެކު ހިންގުމަށް މިފަަހަރު ހުރިހާ ވުޒާރާއެއްގައިވެސް އިއްތިހާދުގެ ހުރިހާ ޕާޓީތަކަށް ނިސްބަތްވާ ބޭފުޅުން ތިއްބަވާނެގޮތަށް ކަންކަން ވަނީ ހަމަޖައްސާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގައި 40 ޕަސެންޓް އެމްޑީޕީއަށް ދީފައިވާއިރު، 25 ޕަސެންޓް ޖުމްހޫރީ ޕާޓީއަށް، ރައީސް މައުމޫނަށް 20 ޕަސެންޓް އަދި އަދާލަތަށް 15 ޕަސެންޓް ދިނުމަށް އެއްބަސްވެފައިވާކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

އިއްތިހާދުގެ ލީޑަރުންގެ އެއްބަސްވުން އަދި ހާމަކޮށްފައިނުވާއިރު، އިބްރާހިމް މުހައްމަދު ސާލިހް މަގާމުގެ ހުވާކުރެއްވުމުގެ ކުރިން ލީޑަރުން އެއްބަސްވެފައިވާކަންކަން ހާމަކުރުމަށްވެސް ބައެއް ބޭފުޅުން ގެންދަވަނީ ގޮވާލައްވަމުންނެވެ.