ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދަނގެތީ ދާއިރާއަށް ކުރިމަތިލައްވަން ގަސްތުނުކުރައްވާކަމަށް އެ ދާއިރާ މިހާރު ތަމްސީލްކުރައްވާ އިލްހާމް އަހުމަދު ވިދާޅުވެެއްޖެއެވެ.

އިލްހާމް މިކަން އިއުލާނުކުރެއްވީ ވީޓީވީން މިއަދު ގެނެސްދިން "މެހެމާންސަރާ" ޕްރަގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަން ބޮޑުވެ 8 މަސްދުވަސް ވަންދެން ޖަލުގައިވެސް ހޭދަކުރައްވާފައިވާ މެންބަރު އިލްހާމް އަހުމަދު ވިދާޅުވީ ދަނގެތީ ދާއިރާގެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން ހުންނާނެކަން ގަބޫލުކުރައްވާކަމަށާ ދާއިރާއަށް ބޭނުންވާ ގިނަ ކަންކަން ހުރީ ނުކުރެވިކަމަށެވެ. ނަމަވެސް ދާއިރާއަށް ބޭނުންވާ ކަންކަން ކޮށްދިނުމަށާއި، މުޅި ގައުމާއި ދިވެހި ރައްޔިތުންގެ ހެވާ ލާބައަށްޓަކައި މަސައްކަތް ކުރައްވާފައިވާނެކަމަށް އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ 2019 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާނެކަމަށާ ނަމަވެސް މިހާރު ފުރުއްވަމުން ގެންދަވާ ދަނގެތީ ދާއިރާގެ ގޮނޑިއަށް ކުރިމަތިލެއްވުމަށް ގަސްތުނުކުރައްވާކަމަށެވެ. އެހެންނަމަވެސް 2019 ވަނަ އަހަރު ކޮންމެ ދާއިރާއަކުން މަޖިލީހަށް އިންތިޚާބުވީނަމަވެސް، ދަނގެތީ ދާއިރާއަކީ އަބަދުވެސް އަމިއްލަ ދާއިރާއެއްކަމުގައި ދެކޭނެކަމަށެވެ.

"އަޅުގަނޑު ގަސްތެއް ނުކުރަން ދަނގެތީ ދާއިރާއަށް ކުރިމަތިލާކަށް. ދާއިރާގެ ރައްޔިތުން އަަޅުގަނޑާއި ދޭތެރޭ ބެހެެއްޓެވި ގާތްކަމާއި ދެއްވި އެހީތެރިކަމަށް ޝުކުރު ދަންނަވަން. ކުރިއަށް އޮތްތާ ކޮންމެ ދާއިރާއެއްގެ މަޖިލީސް މެންބަރަކަށް ހުރިކަމުގައިވީނަމަވެސް، ދަނގެތީ ދާއިރާއަކީ އަޅުގަނޑުގެ ދާއިރާއެއްކަމުގައި ބަލާނަން." މެންބަރު އިލްހާމް ވިދާޅުވިއެވެ.

ޑީއާރުޕީއާއި، ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީގެ ވަރަށް އިސް މަގާމުތަކެއްވެސް ފުރުއްވާފައިވާ މެންބަރު އިލްހާމް ވިދާޅުވީ ސިޔާސީ މައިދާނުގައި ދެވަނަ ދައުރެއް ދެއްވީ ދަނގެތީގެ ރައްޔިތުންކަމަށާ އެހެންކަމުން އެ ރައްޔިތުންނަށް އަބަދުވެސް ޚާއްސަ ޝުކުރެއް އޮންނާނެކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީސް މިއަދު އޮތީ ހަމައަކަށް އެޅިފައިކަމަށާ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވެރިކަމާއި ހަވާލްވެވަޑައިގަތުމަށްފަހު މި ދައުރުގައި ބާކީ އޮތް މަސްދުވަސްތަކުގެ ތެރޭގައި ކޮށްދެއްވެން ހުރި ކޮންމެކަމެއް މަޖިލީސްތެރިން ކުރާނެކަމަށެވެ.

އިލްހާމް ވިދާޅުވީ ކުރިއަށް އޮތް މަޖިލީސް އިންތިޚާބުގައި ނިކުންނާނެ ދާއިރާއެއް އަދި މުޅިން ފައިނަލް ނުކުރާކަމަށާ ނަމަވެސް ކުރިމަތިލައްވާނީ "ޓަފް" ދާއިރާއަކަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން ހަމަ ޓަފް ދާއިރާއަށް އަޅުގަނޑު ނިކުންނާނަން. ރައްޔިތުންގެ މަޖިލީހުން އަޅުގަނޑު ފެނިގެންދާނެ. އިންޝާﷲ." އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ ގައުމުގެ މަސްލަހަތުގައި އަބަދުވެސް މަސައްކަތް ކުރާނެކަމަށާ ގައުމު ހަލާކުކޮށްލާތަން ބަލަން ނުހުރެވޭނެކަމަށެވެ.

"ގައުމަށް ބޮޑުކަމެއް ދިމާވެއްޖެނަަމަ އަޅުގަނޑަށް ނުހުރެވޭނެ އިނގޭތޯ އަޅުގަނޑު ނިކުންނާނަން." އިލްހާމް ވިދާޅުވިއެވެ.

މި ޕްރަގްރާމްގައި ވާހަކަދައްކަވުން އިލްހާމް ވިދާޅުވީ ރައީސް ޔާމީން ކަންކުރިގޮތަށް ކަންކަން ނުކޮށް، ކުޅެގެން ވޯޓުން ބަލިކުރުމަށް ވާދަވެރިންނަށް ގޮވާލައްވާކަމަށެވެ. ޕްރައިމަރީއަކަށް ބިރުނުގަންނަކަމަށާ ޕްރައިމަރީގައި ވާދަކޮށް ޓިކެޓް ނުލިބޭނެ ދާއިރާއެއް މާތްﷲގެ އިރާދަފުޅުން ނުހުންނާނެކަމަށެވެ. އޭނާއަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރި މީހެއްކަން ރައްޔިތުން ގަބޫލުކުރާނެކަމަށާ މާލޭގެ ދާއިރާއަށް ކުރިމަތިލާންޖެހުނަސް ފަސް ނުޖެހޭނެކަމަށް އިލްހާމް ވިދާޅުވިއެވެ.

"އަޅުގަނޑު މިހުރީ ފީޑްގައި ކުޅެގެން މޮޅުވާން ތައްޔާރަށް. ތިމާގެ މޮޅުކަމަކީ ފީލްޑްގައި ކުޅެގެން މޮޅުވުން. އަޅުގަނޑު ރެޑީ. އަޅުގަނޑު ރެޑީ މާދަމާވެސް ޕްރައިމަރީއަކަށްދާން. ޖެހިލުމެއްނުވޭ. ޕްރިމަރީއަކަށްދިޔަސް އަޅުގަނޑު ނަގާނަން ކޮންމެ ދާއިރާއެއްވެސް. އިންޝާﷲ، ﷲގެ ވާގިފުޅާއެކު. ރައްޔިތުން ގަބޫލުކުރާނެ އަޅުގަނޑަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާނެ މީހެއްކަން. އަޅުގަނޑު ދާއިރާވެސް ބަދަލުކުރަން ރެޑީ. އަޅުގަނޑަށް ކެރޭނެ މާލޭގެ ދާއިރާއަކަށްވެސް ކުރިމަތިލާން. ރައްޔިތުން ބަލައިގަންނާނެ. ރައްޔިތުންނަށް އެނގޭނެ އަޅުގަނޑު މަސައްކަތް ކުރާނެކަން." އިލްހާމް ވިދާޅުވިއެވެ.