ބަނގްލަދޭޝްއިން ހިމާޔަތް ހޯދާފައިވާ އެތައްހާސް ރޮހިންގާ މުސްލިމުން އަނބުރާ މިޔަންމާއަށް ފޮނުވާލަން ތައްޔާރުވަމުންދާތީ، އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ބުނެ އެހީދޭ ޖަމާއަތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ބަނގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކާއި، މިޔަންމާގައި އެހީގެ މަސައްކަތުގައި ހަރަކާތްތެރިވާ ބައިނަލްއަގްވާމީ 42 ޖަމާއަތަކުން ސޮއިކޮށް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ބަނގްލަދޭޝްގައި ތިބި ރޮހިންގާ މުސްލިމުން މިޔަންމާއަށް ފޮނުވާލަން އުޅެނީ އެކަމަށް ފުރިހަމައަށް ތައްޔާރުނުވެ ކަމަށާއި، އަދި އެކަމުގެ ފުރިހަމަ މައުލޫމާތުވެސް ރެފިއުޖީންނަށް ދީފައިނުވާ ކަމަށެވެ.

އޮކްސްފާމް، ވޯރލްޑް ވިޜަން އަދި ސޭވް ދަ ޗިލްޑްރަންފަދަ ޖަމާއަތްތަކުން ސޮއިކޮށްފައިވާ މި ބަޔާނުގައި ބުނެފައިވަނީ، ރެފިއުޖީންވެސް ތިބީ އެކަމާ ވަރަށް ބޮޑަށް ބިރުގެންފައި ކަމަށެވެ. އަދި އެމީހުން އެނބުރި މިޔަންމާއަށް ހިނގައްޖެނަމަ ކަން ވެގެން ހިނގައިދާނެގޮތުގެ ކަންބޮޑުވުން ރެފިއުޖީންގެ މެދުގައި ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

"އެމީހުން ފިލައިގެން ބަނގްލަދޭޝްއަށް އައީ ފުރާނައިގެ ސަލާމަތަށް އެދިގެން. ބަނގްލަދޭޝްއިން އެމީހުންނަށް ރައްކާތެރިކަން ދީފައިވާތީ އެމީހުން އެކަމަށް ޝުކުރުވެރިވޭ. އެކަމަކު އެނބުރި މިޔަންމާއަށް ހިނގައްޖެނަމަ ވާނެ ގޮތަކާމެދު ތިބީ ބިރުގެންފައި" އެހީދޭ ޖަމާއަތްތަކުގެ ބަޔާނުގައި ބުނެފައި ވެއެވެ.

އދއިން ބުނެފައިވަނީ، ރޮހިންގާ މުސްލިމުން ދާންއޮތް ރާހައިން ސްޓޭޓްވެސް އަދި ރައްކާތެރި ނޫން ކަމަށެވެ. މުސްލިމުން އެނބުރި އަންނާން އުޅޭތީ ބުދިސްޓުންވަނީ ރާޚައިން ސްޓޭޓްގައި މުޒާހަރާވެސް ކޮށްފައެވެ.

ރޮހިންގާ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ރާޚައިން ސްޓޭޓަށް 2017 ވަނަ އަހަރުގެ އޮގަސްޓްމަހު މިޔަންމާ ސިފައިން އަރައި، ބުދިސްޓުންނާ ގުޅިގެން ހިންގި ލާއިންސާނީ ޖަރީމާތަކާހެދި ފިލައިގެން 720،000 އަށްވުރެ ގިނަ މުސްލިމުން އަވަށްޓެރި ބަނގްލަދޭޝްއަށް ގޮސްފައި ވެއެވެ.

މިޔަންމާ ސިފައިން މުސްލިމް އަންހެނުން ޖަމައީގޮތެއްގައި ރޭޕްކުރުމާއި، މީހުން މެރުމާއި، މުސްލިމުންގެ އަވަށްތަކުގައި ހުޅުޖަހައި އެންދުމުގެ ބޮޑެތި ޖަރީމާތައް ހިންގާފައިވާއިރު، މިޔަންމާ ސިފައިންގެ މި ޖަރީމާތައް ތަހްގީގު ކުރެވެން ޖެހޭނޭ ކަމަށް އދގެ އޮފިޝަލުންވެސް ވިދާޅުވެފައި ވެއެވެ.

ބަނގްލަދޭޝްގައި ތިބި ރޮހިންގާ މުސްލިމް ރެފިއުޖީން މިޔަންމާއަށް އަނބުރާ ގެންދިއުމާ ގުޅޭގޮތުން ބަނގްލަދޭޝްއާއި މިޔަންމާއިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔައަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. އެ އެއްބަސްވުމުގެ ދަށުން މިހިނގާ ނޮވެމްބަރުމަހުގެ މެދުތެރޭގައި ރެފިއުޖީން އަނބުރާ ގެންދިއުމުގެ މަސައްކަތް ފެށޭނޭ ކަމުގެ އިޝާރާތެއް ދެގައުމުންވެސް ދީފައި ވެއެވެ.

އެކަމަކު، އދގެ އިންސާނީ ހައްގުތަކުގެ ޚާއްސަ މަންދޫބު ޔަންގީ ލީ ވަނީ، އަވަސް އަރުވާލައިގެން މިކަން ނުކުރުމަށް ގޮވާލައްވާފައެވެ.

ރޮހިންގާ އެކްޓިވިސްޓުންވެސް ގެންދަނީ މިކަން ހުއްޓުވުމަށް ގޮވާލަމުންނެވެ. އެކްޓިވިސްޓުން ބުނަނީ، ރާޚައިން ސްޓޭޓްގެ މެދުތެރޭގައި މުސްލިމުން އުޅެމުންދާ ރެފިއުޖީ ކޭމްޕެކޭ އެއްގޮތަށް މިޔަންމާއިން ދަނީ ކޭމްޕްތައް ޖަހައި މުސްލިމުން އެ ކޭމްޕްތަކުގައި ބަންދުކޮށްގެން ގެންގުޅެން ރާވަމުން ކަމަށެވެ. ރާޚައިން ސްޓޭޓްގައި މީގެ ހަ އަހަރުކުރިން ހަދާފައިވާ ރެފިއުޖީ ކޭމްޕްގައި ވަރަށް ނިކަމެތި ހާލުގައި 120،000 މުސްލިމުން މިހާރުވެސް އުޅެމުންގެންދެއެވެ.