ޖުމްހޫރީދުވަސް ފާހަގަކުރުން

މިއަދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތަށް ފަންސާސް އަހަރު ފުރުނު ދުވަހެވެ. މިދުވަހުގެ ހަރަކާތްތައް ވަރަށް ކުލަގަދަވާނެ ކަމަށް ހީކުރީމެވެ. އާރައީސަކު ހުވާކުރައްވާނެ ކަމަށް ހީކުރީމެވެ. ބޭރުގެ އިއްޒަތްތެރީންވެސް ބައިވެރިވެވަޑައިގެން ބޮޑު ޖަލްސާއެއް ބާއްވާނެ ކަމަށް ހީކުރީމެވެ. ޓީވީތަކާއި ރޭޑިއޯތަކުން ޚާއްސަ ޕްރޮގްރާމުތައް ހަދައިގެން ޖުމްހޫރީ ނިޒާމަކުން ދިވެހިރާއްޖެއާއި ދިވެހީންނަށް ލިބުނު އެއްޗަކާއި ނުލިބޭ އެެއްޗެއްގެ މައްޗަށް ވާހަކަ ދައްކާނެކަމަށްވެސް ހީކުރީމެވެ. އެކަމަކު އެއިން އެއްވެސްކަމެއް ނެތެވެ. ހަމަ އާދައިގެ ދުވަހެކެވެ. ގައުމުގެ ހަޔާތުގައި މުހިއްމު ދުވަހެއްކަމުގެ ކިރިޔާވެސް އިޝާރާތެއް ލިބެނީ ސިފައިންގެ މަގުމަތީ ހަރަކާތަކުންނެވެ.

މިހާ ވަނދުގޮތަކަށް ޖުމްހޫރީ ފަންސާސް މިދިޔައީ ސަރުކާރުގައި ހިތްވަރާއި ޖޯޝު ނެތުމުންކަމަށް ވެދާނެއެވެ. ރައީސްކަމުގައި އެހުންނެވީ ހަގީގަތުގައި މިއަދު ވެރިކަމުން ފައިބަންޖެހޭ މީހެކެވެ. ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނެފައިވާ މީހެކެވެ. އެހެންވީމާ ގައުމުގެ ހަޔާތުގައި މިގޮތަށް އަންނަ ދުވަސް ދުވަސް ވެރިމީހާއަށް މިހާރު މުހިއްމެއް ނުވާނެއެވެ.

ދައުރުގެ ތަންކޮޅެއް ކުރީކޮޅު މީސްމީހުންގެ އުފަންދުވަސް ފާހަގަކުރުންފަދަ އާދައިގެ ކަންކަމަށްވެސް މިސަރުކާރުން އޮތީ ހަވާ އަރުވައިފައެވެ. ބުރިޖު ހުޅުވުންފަދަ ކަންކަމަށްވެސް ސާޅީސް މިލިއަނުން ފަންސާސް މިލިއަނުން ޚަރަދުކޮށްގެން ހަވާ އޮތީ އަރުވައިފައެވެ. އެކަމަކު ޖުމްހޫރީ ފަންސާސް އައިއިރު ހަވާ ސަރުކާރުގެ ވައި އޮތީ ގޮސް ނިމިފައެވެ. މިފަދަ ގައުމީ ދުވަސް ދުވަސް ފާހަގަކުރުމަށް އިސްވާ ހޯމް މިނިސްޓްރީ އޮތީ އިންތިޚާބުގައި ލިބުނު ނަތީޖާގެ ސަބަބުން އަދިވެސް ބަލިއެނދުގައެވެ.

ހޯމް މިނިސްޓަރު ރަތަފަންދޫ އަޒްލީނާއި ޑެޕިއުޓީ މިނިސްޓަރު ފިޔޯރީ ސިއްދީގު ފަދަ މީހުންގެ ކިބައިގައި ގައުމީ ހިތްވަރެއް އަމްދުން ނެތީއެވެ. އެހެންވީމާ ޖުމްހޫރީ ފަންސާސް ވަނދުވާނެތާއެވެ. ކޮންމެއަކަސް މިއީ ވަރަށް ބޮޑަށް ލަދުވެތިވާންޖެހޭ ކަމެކެވެ. ބޮޑެތި މަގާމުތަކަށް އާދެވިފައި މިތިބީ ޖުމްހޫރީ ރަސްމަގުން ކުރި ދަތުރުގެ ސަބަބުންކަން ރޭކާލާނަމަ ހާދަހާވާ ރަގަޅެވެ.

ޖުމްހޫރީ ނިޒާމަށް މަގުފަހިވުން

މީސްމީހުންގެ އިހުމާލާއި ކަންކަމަށް ގާބިލްނޫންކަމުގެ ވާހަކަ ބާއްވާފައި ދުވަހުގެ ވާހަކަ ދައްކަމާ ބަހީއެވެ. ދިވެހިން މިހާރު ތަޖުރިބާކުރަމުން މިދަނީ ދެވަނަ ޖުމްހޫރިއްޔާއެވެ. އެއީ ވެލާނާގޭ އިބްރާހިމް ނާސިރުގެ މޭސްތިރިކަމުގައި އެގާރަ ނޮވެމްބަރު 1968 ގައި ގާއިމުކުރި ޖުމްހޫރިއްޔަތެވެ. މިއަދު ފަންސާސް އަހަރު މިފުރުނީ އެޖުމްހޫރިއްޔަތަށެވެ. އޭގެ ކުރިންވެސް ކުޑަ ދުވަސްކޮޅަކަށް ޖުމްހޫރިއްޔަތުގައި ހުރިއްޔާ ހުރި ފޮނިކަމަކާއި ހިތިކަމެއް ދިވެހިން ތަޖުރިބާކުރިއެވެ. އެއީ އަތިރީގޭ މުހައްމަދު އަމީނުގެ މޭސްތިރިކަމުގައި އެކެއް ޖަނަވަރީ 1953 ގައި ގާއިމު ކުރެވުނު ޖުމްހޫރިއްޔަތެވެ. އެ ޖުމްހޫރިއްޔާ ދެމިއޮތީ އެއަހަރުގެ އެކާވީސް އޮގަސްޓާ ހަމައަށެވެ. ދެން އަނެއްކާވެސް ގާއިމު ކުރެވުނީ ރަސްކަމެކެވެ. ފުރަތަމަ ޖުމްހޫރިއްޔާއޭ ދިވެހިން ކިޔަނީ އަމީނުގެ ޖުމްހޫރީ ދައުރަށެވެ.

ޖުމްހޫރިއްޔަތޭ ކިޔައިގެން މިއަދު ހާސަރުތަކެއް ދަމާން އަޅުގަޑު މިފެށީ ދުވަސްދުވަހާއި ތާރީޚުތަކުގެ ލިސްޓެއް ލިޔާކަށް ނޫނެވެ. މަގްސަދަކީ ޖުމްހޫރީ ނިޒާމެއް ގެނައުމުގެ ބޭނުން ފުދުނުތޯ ބަހުސްކުރުމެވެ. ދިވެހިރާއްޖޭގައި އެތަކެއް ސަތޭކަ އަހަރަށް ދެމިގެންއައި ބޯދާ ރަސްކަމެއް އުވާލައި ޖުމްހޫރިއްޔަތެއް އިއުލާން ކުރާނީ މުހައްމަދު އަމީނު ވިޔަސް އަދި އެހެންމީހަކުވިޔަސް ސަބަބުތަކެއް ހުރެގެންނެވެ. މަގްސަދެއް އޮވެގެންނެވެ. އެމަގްސަދު ފުރިހަމަވީ ކިހާވަރަކަށްކަމާމެދު ވާހަކަ ދެއްކިދާނެއެވެ.

މުހައްމަދު އަމީނު ގެންނެވި ޖުމްހޫރީ ނިޒާމު އެންމެ އަށެއްކަ މަހުން ފޭލްވެ އަނެއްކާވެސް ރަސްކަން އިއާދަވުމަށްފަހު ފަނަރަ އަހަރު އެގޮތުގައި ދިޔައެވެ. ދެން އެގާރަ ނޮވެމްބަރު 1968 ގައި ފެށުނީ އަނެއްކާވެސް ޖުމްހޫރިއްޔާއެކެވެ. މިފަހަރުވެސް އެކަންކުރާނީ ސަބަބުތަކެއް ހުރެގެންނެވެ. މިވަރުގެ ބަދަލެއް ވެލާނާގޭ އިބްރާހިމް ނާސިރު

ގެންނަވާނީ މަގްސަދެއް އޮވެގެންނެވެ. ނާސިރު ގެންނެވި ޖުމްހޫރިއްޔަތަށް މިއަދު ފަންސާސް އަހަރު ފުރުނުއިރު އެމަގްސަދު ހާސިލްވި މިންވަރާއިމެދު ވާހަކަ ދެއްކިދާނެއެވެ.

މުހައްމަދު އަމީނާއި އިބްރާހިމް ނާސިރުގެ މަގްސަދުތަކާއި ސިޔާސީ ހިކުމަތު އަމަލީގެ ވާހަކަދައްކަން އަޅުގަޑަކީ ކާކުބާވައެވެ. އެބޭފުޅުންގެ އަރިހުގައި އެމަންޒަރު ދެކޭން ދުނިޔޭގައި އަޅުގަޑެއް ނެތީމެވެ. އެހެންނަމަވެސް އެބޭފުޅުން ކުރެއްވި ކަންކަމާއި ބާރުއެޅުއްވި ކަންކަން އެނގޭން އެބަހުއްޓެވެ. އެކަންކަމާމެދު އެކިބޭފުޅުން ލިޔުއްވި ލިޔުންތައްވެސް ފެންނާން އެބަހުއްޓެވެ. މިކަންކަމާއި ތަކެއްޗަށް ރިއާޔަތްކުރީމާ އެބޭފުޅުންގެ މަގްސަދު ދެނެގަންނާކަށް ދައްޗެއް ނޫނެވެ. ޖުމްހޫރިއްޔަތަކަށް އެބޭފުޅުން ޝައުގުވެރިވެވަޑައިގެންނެވި ސަބަބު ދެނެގަތުމަކީ ދަތިކަމެއް ނޫނެވެ. މިކަންކަމަށް ވިސްނާފައި އަޅުގަޑު ދޫކުރާ ރައުޔަކީ ތާރީޚު ދިރާސާ ކުރައްވާ ބައެއް ބޭފުޅުންގެ ފިކުރު ފަހަރުގައި ޚިލާފުވެދާނޭ ކަމެކެވެ. އެހެންވިޔަސް ފަރުވާލެއްނެތެވެ.

އަމީނުގެ ޖުމްހޫރިއްޔާ

އެކެއް ޖަނަވަރީ 1953 ގައި މުހައްމަދު އަމީނު ޖުމްހޫރިއްޔަތެއް އިއުލާން ކުރެއްވީ ދިވެހިރާއްޖޭގެ ރަސްކަމުގެ ސިންގާސަނާ ފަޅަށް ހުންނަތާ އަހަރުތަކެއް ފަހުންނެވެ. ދައުލަތުގެ އެންމެ އިސްވެރިޔަކަށް ހުންނެވި އަތިރީގޭ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު އަވަހާރަވެ އަދި އެކިލެގެފާނުގެ ބާރުގަދަ ދަރިކަލުން ހަސަން ފަރީދުވެސް އަވަހާރަވެ ވެރިކަމުގެ ނިޒާމުގެ ތެރޭގައި މުހައްމަދު އަމީނުގެ ނިންމެވުމަކަށް ނޫނެކޭ ބުނަންކެރޭވަރުގެ ހަމައެކަކުވެސް ނެތި މައިދާން ސާފުވުމުންނެވެ.

މުހައްމަދު އަމީނަކީ ބޭރު ކަރަކަރަޔާއި ވިލާތަށް ވަޑައިގެން އެތަންތަން ދެކެވަޑައިގެން ހުންނެވި ބޭފުޅެކެވެ. ޒަމާނީ ތަރައްގީގެ އަސަރު ދިވެހިރާއްޖެއަށް ގެންނެވުމަށް ބޭނުންފުޅުވި ބޭފުޅެކެވެ. އަންހެނުންނަށް ތައުލީމުގެ ފުރުސަތު ފަހިކޮށްދެއްވައި އަންހެނުން ބާރުވެރިކުރުމަށް ގަދައެޅުއްވި ބޭފުޅެކެވެ. ރާއްޖޭގެ ވެރިކަމުގެ މުޅި ނިޒާމަށް ޒަމާނީ އިސްލާހުތައް ތައާރަފްކުރައްވަން ބޭނުންފުޅުވި ބޭފުޅެކެވެ. ޒަމާނުއްސުރެ ދިވެހިން ގަބޫލުކުރަމުންއައި ވެރިކަމުގެ ބޯދާ ހަމަތައް ޒަމާނީ ދަވާދަކުން ގިރިޓީ ކުރައްވަން ބޭނުންފުޅުވި ބޭފުޅެކެވެ.

ދިވެހި ރަސްކަމަކީ ޒަމާނީ އެއްވެސް ސިފައެއްނެތް ބޯދާ ކަޓު ރަސްކަމެކެވެ. އެހެންވެ އަމީނުގެ ސިކުނޑީގައި ކުރެހިފައިވާ ތަސްވީރުގައި ކުލަޖެއްސުމަށް އެކަހަލަ ރަސްކަމެއް ބޭނުމެއް ނުވިއެވެ. ރަސްކަމަކީ އެތަސްވީރުގައި ކުލަޖެއްސުމަށް އޮތް ހުރަހެކެވެ. އަތޮޅުތަކަށް ނިސްބަތްވާ މީހުންނަށް ކޮންމެވެސް ކަހަލަ ބާރުތަކެއް ދީގެން ވެރިކަމުގެ ނިޒާމަށް ޕްރޮވިންސްތަކެއްގެ ސިފަ ގެނެސްގެން ކަންކަން ކުރެވެން އޮތީ ޖުމްހޫރިއްޔަތެއް ގެނެސްގެންނެވެ. އަމީނަކީ އާކަމެއް ނުކުރެވުނިއްޔާ ކޮން މޮޅުކަމެއްހޭ މިބަހަށް ތަބާވެވަޑައިގެންނަވި ބޭފުޅެކެވެ. ޖުމްހޫރިއްޔަތަކީ ދިވެހިރާއްޖެއާއި ދިވެހީންނަށް އާއެއްޗެކެވެ. އެގޮތުން އާކަމެއް ކުރައްވައިގެން ތާރީޚުގެ ތެރެއަށް ވަދެވަޑައިގަތުމަށް އަމީނު ބޭނުންފުޅުވީއެވެ. މިހުރިހާ ކަމެއް އެކަތިފަހަރުން ކުރެވެން އޮތީ ޖުމްހޫރިއްޔަތެއް ގެނެސްގެންނެވެ. އެހެންވެ އެބަދަލު ގެންނެވީއެވެ. އެއީ އަމީނު ނޫން އެހެން މީހަކަށް އެނިޒާމު ކަމުގޮސްގެން ވަކާލާތުކޮށްގެން ގެނައި ބަދަލެެއް ނޫނެވެ. އެކަން ވަރަށް ސާފެވެ.

މުހައްމަދު އަމީނަކީ ކަންކަން ކުރެއްވުމުގައި ހާލަތާއި ވަގުތަށް ރިއާޔަތް ކުރެއްވި ބޭފުޅެއް ނޫނެވެ. ދުވަސްވަރަކީ ދެވަނަ ބޮޑުހަނގުރާމައިގެ ތަދުމަޑުކަމުން އަރައިނުގަނެވި ދިވެހިން ހާންތިކަންމަތީގައި ތިބި ދުވަސްވަރެވެ. މީންކަމަކަށް ނުބައްލަވައި ޖުމްހޫރީ ދަރުބާރު ބާއްވަވައި ކާނިވާ މާހައުލެެއް ގެންނަވައި ނާޗަރަންގީގެ ސިފަތައް ގެންނަވައިފިއެވެ. ރައްޔިތުން މަގޫފަތް ކައިގެން ހައިހޫނުކަމުގައި ތިއްބައި އަރިސް ބައެއް އަންހެން ބޭފުޅުންނަށް ހަދިޔާ ކުރެއްވުމަށް ކާޑު ބަސްތާ ބަސްތާ ބައެއް ރަށްރަށަށްވެސް ފޮނުއްވައިފިއެވެ. އަމީނުގެ ސިއްހީ ހާލުކޮޅުވެސް އެހިސާބަށްދިޔައިރު އޮތީ ނާޒުކް ފައްތަރެެއްގައެވެ. ގިނައިން ހުންނަވަން ޖެހިވަޑައިގަތީ ސިލޯނުގައެވެ. މިހެންވީމާ ދެކޮޅުވެރީންނަށް ފުރުސަތުލިބި އަމީނުގެ ވެރިކަން ވައްޓާލައިފިއެވެ.

ސަބަބަކަށް ދެއްކީ އިގްތިސާދީ ދަތިކަމެވެ. އަމީނުގެ ވެރިކަން ނިމުނު ހާދިސާތަކުގެ ވާހަކަ ލިޔާކަށް ނެތީމެވެ. ކޮންމެއަކަސް އެވެރިކަން ނިމުނުގޮތަށް އަމީނުގެ ޖުމްހޫރިއްޔާވެސް ނިމިއްޖެއެވެ. ދިވެހީންނަށް އެޖުމްހޫރިއްޔާ ވެގެންދިޔައީ މަގޫފަތް ކަހަލަ ވަރަށް ހިތި އެއްޗަކަށެވެ. ގިނަ މީހުންނަށް ޖުމްހޫރިއްޔަތު ނެގުނީ ހަވާނަފްސަށް ހެއްލުމާއި ކުޅިވަރުގެ ނިޒާމެއްގެ ގޮތުގައެވެ. ތަބައީގޮތުން އެއީ އެކަންވާނެވެސް ގޮތެވެ. އެހެންވީމާ އަވަސްއަވަހަށް ރަސްކަމަކަށް އަލުން ރުޖޫއަވެގަތީއެވެ.

ނާސިރުގެ ޖުމްހޫރިއްޔާ

ރަސްކަމަކަށް އަލުން ރުޖޫއަވިޔަސް ދެން ފެނުނީ ބަރުލަމާނީ ސިފަތަކެކެވެ. ސަރުކާރު ހިންގެވުމުގައި ބޮޑުވަޒީރުގެ ދައުރާއި މިނިވަންކަން ބޮޑުވެފައި ރަސްގެފާނުގެ ދައުރު ރަމްޒީ އެއްޗަކަށް ބަދަލުވެގެންދިޔަ މަންޒަރެވެ. އެކަމަކު ހުރިހާ ކަމެއް ހިންގުން އޮތީ ރަސްގެފާނުގެ ނަންފުޅުގައެވެ. މިގޮތަށް ދެ ބޮޑުވަޒީރަކު ފެނިގެންދިޔައެވެ. އެއީ އިބްރާހިމް ފާމުލަދޭރިކިލެގެފާނާއި އިބްރާހިމް ނާސިރެވެ. އައްޑޫ ގަން އިނގިރޭސީންނަށް ސަތޭކަ އަހަރަށް ދިނުމަށް ކިލެގެފާނު ނިންމެވި ނިންމެވުމަކާ ގުޅިގެން އުފެދުނު ހައިޖާނުގެ ތެރޭގައި އެކިލެގެފާނަށް ބޮޑުވަޒީރުކަން ގެއްލި ދެން މަގާމަށް އިސްވެވަޑައިގަތީ ނާސިރެވެ.

ނާސިރަކީ ވަރަށް ޒުވާން ވަރަށް ހަރުދަނާ ވަރަށް ވިސްނުންތޫނު ބޭފުޅެކެވެ. ނަތީޖާއެއްގެ ގޮތުން ނާސިރު ވެވަޑައިގަތީ ސުޕަރ ބޮޑުވަޒީރަކަށެވެ. ދައުލަތުގެ އެންމެހައި ކަންކަންވެސް އޮތީ ސީދާ ނާސިރުގެ މުށުތެރޭގައެވެ. ރަސްކަމުގައި އިންނެވީ މުހައްމަދު ފަރީދެވެ. ބޯދާ ޚިޔާލުގެ ވަރަށް މުސްކުޅިފުޅު ބޭފުޅެކެވެ. އަޚުލާގީގޮތުން ނަމޫނާ ބޭފުޅެއް ނޫނެވެ. އެވާހަކައަކީ މިއަދުގެ މައުޒޫއަކަށްނުވާތީ ކުރުކޮށްލީއެވެ.

ނާސިރަކީ ވަރަށް ހިކުމަތްތެެރި ޗާލާކު ބޭފުޅެކެވެ. އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ވަރަށް ގިނަގުނަ ބަދަލުތައް ރާއްޖެއަށް ގެންނަވަން ނާސިރު ބޭނުންފުޅުވެއްޖެއެވެ. އެކިކަންކަމުގެ ފަންނީ މީހުން އުފައްދަވައި އިނގިރޭސި ތައުލީމު މުޅި ރާއްޖެއަށް އާއްމު ކުރައްވައިގެން ނޫނީ ޒަމާނީ އިގްތިސާދެއްގެ ބިންގާ ނޭޅޭނެކަން ނާސިރަށް ގަބޫލުފުޅު ކުރެއްވުނެވެ. ގިންތިއާއި ފަންތީގެ ތަފާތު ނައްތާލައްވައި އަތޮޅުތަކާއި މާލޭގެ ފަރަގު ކުޑަކުރުމަށްވެސް ނާސިރު ބޭނުންފުޅުވެއްޖެއެވެ. ހަމައެޔާއެކު މީހެއްގެ ނަންމަތީގައި ވެރިކަންކުރުމުގެ އެދުންކުޑަވެ ހުރިހާ ބާރުތަކެއް އަމިއްލަ ކުރައްވައިގެން އެކަކަށްވެސް ޖަވާބުދާރީ ނުވެ ވެރިކަން ކުރެއްވުމުގެ އެދުން ބޮޑުވެއްޖެއެވެ. މިކަން ކުރުމަށް އޮތީ އެންމެ މަގެކެވެ. އެއީ ރަސްކަން އުވާލައި ގަނޑުވަރުވެސް ތަޅާލައި މާބަގީޗާގެއަށް މުހައްމަދު ފަރީދު ފޮނުވާލައި ޖުމްހޫރިއްޔަތެއް ގާއިމު ކުރުމެވެ.

ފަންތިއާއި ގިންތީގެ ބޯދާ އުސޫލު އުވާލައި މާލެއާއި އަތޮޅުތެރޭގެ އިމްތިޔާޒުގެ ތަފާތު ނައްތާލުމަކީ ނާސިރުގެ ޖުމްހޫރީ ތަސައްވުރެވެ. އެއަށް އަމަލީ ސިފަގެނައުމުގެ ގޮތުންވިޔަސް އަދި އެނޫންގޮތަކުންވިޔަސް އަލުން ޖުމްހޫރިއްޔަތަކަށް ދިވެހިން ރުއްސުމަކީ އެހާފަސޭހަކަމެއް ނޫނެވެ. އަމީނު ގެންނެވި ޖުމްހޫރިއްޔާގެ ސަބަބުން ދިވެހިންގެ ކަރުބުޑުގައިލީ ހިތި ރަހަ ފަނަރަ އަހަރުވީއިރުވެސް ފިލައިގެނެއް ނުދެއެވެ. އެހެންވީމާ ނާސިރު ހެއްދެވީ ޒާތެއްގެ އުކުޅެކެވެ. ފެންނަ ނުފެންނަ ވޯޓެއް ނެގީއެވެ. ވެރިކަމަށް ގެންނަން ފެންނަ ބަދަލަކީ ކޮބައިތޯ ބެލުމަށް ދެއްކީ ދެވައްތަރެއްގެ ތަސްވީރެކެވެ. ދިވެހި ރުކަކާއި ތަރިއެކެވެ. ޖުމްހޫރިއްޔަތެކޭ ވިދާޅުނުވެ އަދި ޖުމްހޫރިއްޔަތަކަށް ލޮބީކުރުމެއްވެސް ނެތި ނާސިރު އެންގެވީ ދިވެހި ރުކާއި ތަރީގެ ތެރެއިން ރައްޔިތުން ބޭނުންވާ ރަމްޒެއް ނެގުމަށެވެ. ތަރިޔަކީ ރަސްކަމެވެ. ރުކަކީ ޖުމްހޫރިއްޔަތެވެ.

ތަރިޔަކީ އުޑުގައި ހުންނަ އެއްޗެއްކަމާއި ތަރި ނުބޭލޭނެކަން އެންމެނަށްވެސް އެނގެއެވެ. ދިވެހިރުކަކީ ދިވެހީންގެ ދިރިއުޅުމާއި ހުރިހާގޮތަކުންވެސް ގުޅިފައިވާ އެއްޗެއްކަމާއި އެޔާނުލައި ޖަޒީރާވަންތަ ދިރިއުޅުމެއް ނުލިބޭނެކަން އެންމެންވެސް ދަނެއެވެ. އެހެންވީމާ ތަރިބޭލުމަކީ ހަގީގަތެއް ނޫނޭ ހަގީގަތަކީ ދިވެހިރުކޭ ބުނެފައި ދިވެހިން ދިވެހިރުއް އިޚުތިޔާރުކޮށްފިއެވެ. ދިވެހިރުއް ނެގީމާ މިނެގުނު އެއްޗަކީ ޖުމްހޫރިއްޔަތެވެ.

ދިވެހިން ދެވަނަ ފަހަރަށް ޖުމްހޫރީ ނިޒާމަކަށް އެނބުރުނީ މިގޮތުންނެވެ. ކޮންމެހެން މި ދެނިޒާމުގެ މޮޅުކަމާއި ދެރަކަމާމެދު ބަހުސްކޮށް ދިރާސާކޮށްފައެއް ނޫނެވެ. ނާސިރުގެ ހިކުމަތްތެރިކަމުން ދިވެހިންނަށް އޮޅިގެންވިޔަސް ޖުމްހޫރީ ނިޒާމު އިޚުތިޔާރުކުރަން ޖެއްސީއެވެ. ދިވެހިން މިއަދު ފާހަގަކުރަމުންދާ ރަންޔޫބީލް ޖުމްހޫރިއްޔަތުގެ ބިންގާ އެޅުނީ މިގޮތުންނެވެ. އެ ބިންގަލުގެމަތީގައި ޖުމްހޫރިއްޔަތެއް އަލުން އިއުލާން ކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި އެގާރަ ނޮވެމްބަރު 1968 ގައި ނާސިރު ރިޔާސީ ދައުރެއް ފައްޓަވައިފިއެވެ.

ޖުމްހޫރިއްޔަތުގެ މޭވާ ހާސިލްކުރެވުނު މިންވަރު

ކޮންމެ މަގްސަދެއްގައި ކޮންމެފަދަ އުކުޅަކުން ގެނައި ޖުމްހޫރިއްޔަތަކަށް ވިޔަސް ނާސިރު އެގެންނެވި ޖުމްހޫރިއްޔާއަށް މިއަދު ފަންސާސް އަހަރު ފުރުނީއެވެ. މިމުއްދަތުގެ ތެރޭގައި ފަސް ބޭފުޅުން ރައީސްކަން ކުރައްވައިފިއެވެ. ހަވަނަ ބޭފުޅަކު ރައީސްކަމުގެ ހުވާކުރައްވަން ޖެހޭ ދުވަހަކީ މިއަދެވެ. އެހެންނަމަވެސް ދުސްތޫރީ ޚިލާފަކާއިހެދި އެބޭފުޅަކު ހުވާކުރެއްވުން ވަނީ ނޮވެމްބަރު ސަތާރައަށް ބަދަލުކުރެވިފައެވެ. ޒަމާނީ ވިސްނުމަކުން ވިސްނާއިރު ފާއިތިވެގެންދިޔަ ފަންސާސް އަހަރުގެ ތެރޭގައި މި ޖުމްހޫރިއްޔާގެ ސަބަބުން ދިވެހިންގެ ތެރޭގައި ހަމަހަމަކަން ގާއިމުކުރެވިފައިވޭބާވައެވެ. ޖުމްހޫރީމޭވާއަކީ ދިވެހިންނަށް ފޮނިއެއްޗަކަށް ހެދިފައިވޭބާވައެވެ. މިހިރީ މިއަދު ކުރާންޖެހޭ ސުވާލުތަކެވެ.

މިސުވާލުތަކުގެ ޖަވާބުގައި އަޅުގަޑަށް ދަންނަވަންޖެހެނީ އާދޭހެވެ. ޖުމްހޫރީމޭވާގެ ފޮނިކަން ދިވެހީންނަށް ލިބިއްޖެއެވެ. ހަމަހަމަކަންވެސް ލިބިއްޖެއެވެ. ދިވެހިންގެ ތެރޭގައިއޮތް ޒަމާންވީ އެންމެ ބޮޑު ބޭއިންސާފަކީ ބޭފުޅިޒަމްއެވެ. ޖުމްހޫރިއްޔަތުގެ ސަބަބުން ބޭފުޅިޒަމް ނެތިގެން ހިގައްޖެއެވެ. ވަކިއާއިލާއަކަށް ނިސްބަތްވާތީ ކިލެގެކަމާއި ދަރަޖަވެރިކަން ލިބުން ހުއްޓިއްޖެއެވެ. ކޮންމެ ރަށެއްގެ ކޮންމެ މީހަކަސް އެމީހެއްގެ ހުނަރާއި އިލްމުގެ އަލީގައި ކުރިބޯށިތަކާ ހަމަޔަށް ވާސިލްވުމުގެ ދޮރު ހުޅުވިއްޖެއެވެ. މިބަދަލުތައް އަވަސްވެގެންދިއުމުގެ ސިއްރަކީ ޖުމްހޫރިއްޔަތެވެ. ރަސްކަން ދެމިއޮތްކަމުގައިވީނަމަ އަދިވެސް ދިވެހީންނަށް އުޅެންޖެހުންގާތީ ބޭފުޅިޒަމްގެ ކަސްތޮޅުން ބަނދެވިގެންނެވެ.

ފާއިތުވި ފަންސާސް އަހަރުގެ ތެރޭގައި ވެރިކަންކުރެއްވި ހަމަކޮންމެ ބޭފުޅަކުވެސް ދިވެހީންގެ މެދުގައި ހަމަހަމަކަން ގާއިމުކުރެއްވުމުގެ މަގުގައި ފަހަތަކަށް ފިޔަވަޅެއް ނާޅުއްވައެވެ. ވަޑައިގެންނެވީ ކުރިޔަށެވެ. ވަޒީރުންގެ މަޖިލީހުގައި އަތޮޅުތެރޭގެ މީހުން ހިމެނުމަކީ މިހާރު އައިބުކަމެއް ނޫނެވެ. އެކަމަކު ނައިފަރު ޖަލާލުއްދީނާއި ކެލާ ރުޝްދީއަށް ވަޒީރުކަން ދިނުން އައިބުކަމަކަށްވެގެން އެވާހަކަ ދެކެވުނު އިރެއްވެސް ދިޔައެވެ.

ނާއިބުރައީސުންނަށް ވެސް މިހާރު ގިނައިން ވަޑައިގަންނަވަނީ އަތޮޅުތެރޭގެ ބޭފުޅުންނެވެ. އަދި އެންމެފަހުން އަލަށް ހަމަސީދާ އަތޮޅުތެރޭގެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށްވެސް އިންތިޚާބުވެއްޖެއެވެ. ދިވެހި ރައްޔިތުންގެ އަޑު އިއްވައި ޖުމްހޫރިއްޔަތުގެ އުސޫލުތަކަށް ވަކާލާތުކުރުމަށް ޖުމްހޫރީ ޕާޓީގެ ނަމުގައި ބޮޑު ސިޔާސީ ޕާޓީއެއްވެސް އެބައޮތެވެ. އަޅުގަޑު ޔަގީންކުރާގޮތުގައި މިއީ ހައްތާވެސް ޖުމްހޫރިއްޔަތުގެ މޭވާއެވެ. އެމޭވާ ހަމަފޮންޏެވެ. އެންމެނަށް ފުރުސަތު ހުޅުވިގެންވުމާއި ގާބިލްކަން ހުރިނެތް މިންވަރެއްގެ މައްޗަށް މަގާމުތައް ބެހިގެންދިޔުމާއި ޑިމޮކްރަސީގެ އުސޫލު ހިތި އެއްޗަކަށްވާންޖެހޭ ސަބަބެއްވެސް ނެތެވެ.

މިހެން ދަންނަވާއިރުވެސް މިކަންކަމާ ދެކޮޅުބަޔަކު އުޅެފާނެކަން ހަނދާނުން ކެހިގެނެއް ނުދެއެވެ. ދާދިފަހަކުންވެސް މީހަކު ފޮތެއް ލިޔުނު ވާހަކަ އެހީމެވެ. ރާއްޖެތެރޭ ގަބުޅި މައްމީހުންނަށް ބޮޑެތި މަގާމުތައް ދޭތީ ކޮންމެވެސް ރައީސަކާ ހިތާނުވެ އެފޮތުގައި ލައްކަވަރެއް ކޮށްފައި ހުއްޓޭ ކިޔާތީ އެހީމެވެ. މިކަމުން އެނގެނީ އިޖުތިމާއީ އަދާލަތާއި ޑިމޮކްރަސީއަކީވެސް އެންމެނަށް އެއްގޮތަކަށް ފެންނަ އެއްޗެއް ނޫންކަމެވެ. އެއަކު މައްސަލައެއް ނެތެވެ. ޚިޔާލު ތަފާތުވާންވާނެއެވެ.

ރާއްޖެތެރޭގެ މައްމީހުންނަށް މަގާމު ލިބުމަކީ މައްސަލައެއް ބާވައެވެ. އާކަމެއް ބާވައެވެ. ނޫނެކެވެ. އެންމެ އެވޭލާ ދުވަސްވަރުގެ ރަސްކަމުގައިވެސް އެއީ އޮތްކަމެކެވެ. ހަނދޭގިރިކަމާއި ބަނޑޭރިކަމާއި މިހެންގޮސް އެދުވަސްވަރުގެ ދަރަޖަވެރިކަން އުފުލިގެންވާ މަގާމުތަކުގައި ރާއްޖެތެރޭ މީހުން އުޅުނުލެއް މަދެއް ނޫނެވެ. އަދިކިޔެއްތަ ރަސްކަމުގެ ތަޚުތަށްވެސް ރާއްޖެތެރޭ މީހުން އަރާފޭބުމަކީ އޮތްކަމެކެވެ.

ރާއްޖެތެރޭ މީހުން ކުޅަނދު ހަމަނުވާކަމަށްވެގެން މަގާމުތަކަށްލުން ހުއްޓިފައިވާނަމަ ނުވަތަ މަދުކުރެވިފައިވާނަމަ އެކަމެއް ތައާރަފްވީ ހުރަވީ ޚާންދާނުގެ ރަސްކަމުގެ ފަހުކޮޅު ޝަމްސުއްދީނު ރަދުންނާ ހަމައިން 1902 ގައެވެ. އެއީ ހާޖީ އިމާދުއްދީނުގެ ރަސްކަން ނިމުމަކަށް ގެނައި ބަގާވާތެވެ. ފުވައްމުލަކު ނާއިބު ތުއްތު ހައްގުބަސް ވިދާޅުވެގެން މާއެނބޫދޫއަށް އަރުވާލުމާއި ބަގާވާތުގައި ގާނޫނީ ސިއްކަ ޖަހައިނުދީގެން އައްޑޫ އަލިދީދީ އަވަހާރަކޮށްލި ދުވަސްވަރެވެ. ކޮންމެއަކަސް މައްމީހުން އިލްމު އުނގެނުން މަނާވެ އަތޮޅުތެރޭގެ މީހުން ކުޅަނދު ހަމަނުވާކަމަށްވި ހިސާބަކީ އެއީއެވެ.

މިދެންނެވި އަސަރުތައް މުޅީން އުވި ނެތިގެންދިޔައީ އެ ޚާންދާނުގެ އެންމެފަހު ރަސްގެފާނު މުހައްމަދު ފަރީދުގެ ރަސްކަމާއެކު 1968 ގައެވެ. އެހިސާބަށްވެސް ކޮންމެވެސް އެއްސިފައެއްގައި އެއަސަރުތައް ދެމިގެން އައެވެ. މިއީ ހަގީގަތެކެވެ. އެހެންވީމާ އެކަހަލަ ރަސްކަމެއް ނިމި ޖުމްހޫރިއްޔަތެއް ގާއިމުވީކަމަށްޓަކައި އުފާކޮށް ފަޚުރުވެރިވުމީ އަޅުގަޑު ގަބޫލުކުރާގޮތުގައި ކޮންމެ ދިވެއްސަކުވެސް ކުރާންޖެހޭނޭ ކަމެކެވެ. ހަމަގައިމުވެސް ޖުމްހޫރިއްޔަތަށްޓަކައި އަޅުގަޑު ފަޚުރުވެރިވާ ސަބަބަކީ އެއީއެވެ. ނާލާއިގު ރަސްކަމެއް ނިމި ރައްޔިތުންގެ ގާނޫނީ ވެރިކަމެއް ގާއިމުވުމަކީ ހަގީގަތުގައިވެސް އުފާކުރަންޖެހޭ ކަމެކެވެ.

މިލިޔުން ނިންމައިލާނީ ރާއްޖޭގައި އެންމެފަހުން ރަސްކަންކުރި ހުރަވީ ޚާންދާނުގެ އެންމެ މައިގަޑު ސިފަ ބަޔާންކޮށްދީފައެވެ. މިދިވެހިރާއްޖެއަކީ އެޚާންދާނުގެ ކުންފުންޏެކެވެ. ކުންފުނި ހިންގީ ހިއްސާދާރުންކަމަށްވާ ޑިރެކްޓަރުންގެ ބޯޑަކުންނެވެ. ބޯޑު މެންބަރުންނަކީ ކިލެގެ ބޭކަލުންނެވެ. މެނޭޖިން ޑިރެކްޓަރަކީ ރަސްކިލެގެއެވެ. އެއީ ރަސްގެފާނެވެ. ދިވެހިރާއްޖޭގެ މުއްސަނދިކަމާއި ނަފާ ބެހެމުންދިޔައީ ކިލެގެ ބޭކަލުންގެ ގޭގޭގެ ސުފުރާ މައްޗަށެވެ. ރާއްޖޭގެ އެންމެ ބޮޑު އަތޮޅުކަމަށްވާ ބޮޑު ތިލަދުންމަތި އޮތީ އަތިރީގޭ ސުފުރާ މައްޗަށް ޚާއްސަވެފައެވެ. ދިވެހި ރައްޔިތުންނަކީ ރަސްކިލެގެ ބޭނުން ކުރައްވާ ބަހުރުވައިންނަމަ މަގޭ އަޅުތަކުންނެވެ.