ކައިވެނި ކޮށްގެން މަންމަމެންގެ ގޭގައި ހުރި ކުޑަ ކޮޓަރީގައި އުޅޭށެވެ. ނަމަވެސް އަންހެނުން ބޭނުންވީ އަންހެނުން ގެއަށް އަހަރެން ބަދަލުވާށެވެ. އަންހެނުންގެ ގޭގައި އަހަރެން އުޅޭށެވެ.

މަންމަ އަހަރެންނަށް ވިސްނައި ދެވޭތޯ އުޅުނެވެ. މަންމަ ގާތުގައި އަހަރެން އުޅުމަށް ނަސޭހަތް ލައިދިނެވެ. އަހަރެން އެގެއިން ބަދަލު ނުވުމަށް މަންމަ އެދެމުން ދިޔައެވެ. ބައްޕަ ވެސް ބޭނުންވީ ހަމަ އެގޮތެވެ. ނަމަވެސް އަންހެނުންނާއި އޭނާގެ އާއިލާއިން ބޭނުންވީ އަހަރެން އެ ގެއަށް ބަދަލުވާށެވެ. އެ ގޭގައި ބޮޑު ހުސްކޮޓަރިއެއް ހުރުމާ ވެސް އެކުއެވެ.

އުޅޭނެ ތަނަކާމެދު އަހަރެން ވަރަށް ވިސްނީމެވެ. މަންމައާއި ބައްޕަ އެހައި ބޮޑަށް ދެކޮޅު ހަދާ ސަބަބާމެދު ވެސް ވިސްނީމެވެ. ނަމަވެސް އަބަދަކު އެގޮތަކަށް ނޫޅެވޭނެއެވެ. މަންމައާއި ބައްޕަ ފެންނަ ހިސާބަކުއެއް ނުތިބެވޭނެއެވެ. ދިރިއުޅުމަކީ އަދި މުޅިން ތަފާތުކަމެކެވެ. އަހަރެން ނިންމީ އަންހެނުންގެ ގެއަށް ބަދަލުވާށެވެ.

އަހަރެން ބަދަލުވީމެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މަންމަމެން ގެއަށް އަންނަމެވެ. ދުވަސް ކޮޅެއް ފަހުން މަންމައާއި ބައްޕަ ވެސް ހިތްހަމަ ޖެހުނެވެ. އަހަރެން ހިތްހަމަ ޖެހިފައި ހުންނާތީވެ އެ ހިތްހަމަ ޖެހުން މަންމައާއި ބައްޕައަށް ވެސް ދިޔައީ ލިބެމުންނެވެ.

ދެ މަސް ފަހެވެ. މީހަކު އައިސް ދިން ޚަބަރަކުން އަހަރެންގެ އަރުތެރޭ ހަބަރުގެ ހިތި ރަހަ ލައްވާލިއެވެ. އޭގެ ހިތިކަން ސިކުނޑިއަށް ފޯރިއެވެ. ގެއަށް އައިސް ވެދުވުނު އިރު މުޅި މީހާ އިނީ ރަތްވެފައެވެ. އިރުކޮޅެއް ނުވެ އަންހެނުން އައިސް ކޮޓަރިއަށް ވަނެވެ. ހަމަ ވަނުމާއެކު އަޑުގައި ނެތްތަނަށް އަހަރެންނަށް ހަޅޭއްލަވައި ގަނެވުނެވެ. ދެންވީގޮތެއް ޚުދު އަހަރެންނަކަށް ވެސް ނޭނގުނެވެ.

ހޭލެވުނު އިރު އަހަރެން އޮތީ މަންމަމެން ގޭގައެވެ. ދެ ލޯ ހުޅުވާލެވުނު އިރު ގާތުގައި ތިބީ މަންމައާއި ބައްޕައެވެ. ދެ މީހުންގެ ލޮލުގައި ވަނީ ކަރުނައެވެ.

"ދަރިފުޅާ... ކިހިނެއް ތި ހެދީ؟" މަންމަ ސުވާލު ކުރިއެވެ. އަހަރެން އޮތީ ލިބުނު ހައިރާންކަމާއެކު ދޭނެ ޖަވާބެއް ނޭނގިފައެވެ.

"ކިހިނެއް ވީ؟ ކީއްވެ މި ގޭގައި މި އޮތީ؟ އަނެއްކާ އެހެން ވީތަ؟" އަހަރެންނަށް ވެސް ކުރެވުނީ ސުވާލުތަކެކެވެ. އެ ސުވާލުތަކަށް މަންމަ ބޯ ޖަހާލިއެވެ. ގިސްލަމުން މަންމަ ރޯން ފެށިއެވެ.

"ދަރިފުޅުގެ އަންހެނުންނަށް ދަރިފުޅުގެ އަތުން ވަރަށް އަނިޔާ ކުރެވިއްޖެ. އަންހެނުން އޮތީ ހޮސްޕިޓަލުގައި" ބައްޕަ ބުނި ޖުމުލަތަކުން އަހަރެންނަށް ތެދުވެވުނެވެ.

"ނޫން ދަރިފުޅާ. ދަރިފުޅު ދިއުން ރަނގަޅެއް ނޫން. އެ ގޭ މީހުން އެ ތިބީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި. ދަރިފުޅުގެ އަތުން ދަރިފުޅުގެ އަންހެނުންނަށް ވަރަށް ގިނަ އަނިޔާތައް ކުރެވުނު. އެ އަނިޔާތަކަށް އަންހެނުން މަޢާފެއް ނުކުރާނެ. އަންހެނުން އޮތީ އައިސީޔޫގައި" އަހަރެންނަށް ކަންތައް ކުރެވުނު ގޮތް ބައްޕަ ކިޔައިދިނެއެވެ.

"ނޫން ބައްޕާ. އަހަރެން ކަމެއް ނުކުރަން. ނުކުރަން. އަހަރެން އަންހެނުންނަކަށް އަނިޔާއެއް ނުކުރަން. ނުކުރަން" އަހަރެންނަށް ރޮވޭ ގޮތްވިއެވެ.

"ދަރިފުޅަށް ވީގޮތް ދަރިފުޅަކަށް ނޭނގޭނެ. ކުރިންވެސް ދަރިފުޅަށް ވީހެން ވީ. އެ ހިނދުކޮޅު އައިމާ ދަރިފުޅަށް ހެދޭ ނުހެދޭއެއް ނޭނގުނީ.. މިއަދު ކުރާނެ ކަމެއް ނެތް. ދަރިފުޅު ނުދާތި. އެތަނަށް ހިނގައްޖެނަމަ އެމީހުން އަންނާނީ ރުޅި. އިތުރަށް އެކަން ގޯސްވާނީ" ބައްޕަ އެތައް ނަސޭހަތެއް ދިނުމުން އަހަރެން މަޑުކުރީމެވެ. ކިތަންމެ ދާން ބޭނުންވި ނަމަވެސް ގޭގައި އިނީމެވެ. ނަމަވެސް އެއީ އަހަރެންގެ އަންހެނުންނެވެ. އެންމެ ލޯބިވާ ފަރާތެވެ. އެ އޮތީ ހޮސްޕިޓަލުގައެވެ. އައިސީޔޫގައެވެ. އަހަރެންނާ ހެދިއެވެ. އަހަރެން ހިންދުރުވާލީމެވެ. އަލުން އޮށޯތީމެވެ. ދެ ލޯ މަރާލީމެވެ.

ތިން ހަފުތާ ފަހުން އަހަރެންނަށް ކޯޓަށް ދާން ކިޔެވެ. އަހަރެންނަށް ޝައްކުވި ކަންތައް ޔަގީންވިއެވެ. އަހަރެންގެ ދިރިއުޅުމުގައި ޖެހި ގޮތް މޮހެން ގާތްވެއްޖެކަން ގަބޫލުކުރެވުނެވެ. އެއީ ވާނެ ވެސް ގޮތެވެ. ކިތަންމެ ލޯބިން އުޅުނު ނަމަވެސް އަހަރެންނަށް ދެވުނީ އަނިޔާއެކެވެ. އެ އަނިޔާއަކަށް މަޢާފެއް ނުކުރާނެއެވެ. މަޢާފެއް ނުވެސް ކުރެވޭނެއެވެ. ނަމަވެސް އެއީ ގަސްތުގައި ކުރި ކަމެއް ނޫނެވެ. އަހަރެންނަށް އައި ހިނދުކޮޅަކުން ކުރެވުނު ކަމެކެވެ. އެ ހިނދުކޮޅުން މުޅި ދިރިއުޅުން އޮޔާލީއެވެ. ހަޔާތުގެ އޮޑި ގެނބުނީއެވެ. މިއީ އަހަރެންގެ ހާލެވެ. ޢުމުރުން 50 އަހަރަށް އެޅުނު އިރުވެސް މި އުޅެނީ މި ހާލުގައެވެ. މި ކަމުން ސަލާމަތް ނުވެގެންނެވެ.

-- ނިމުނީ --