އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރާ ފުލަމްގެ ކޯޗަކަށް ކްލައުޑިއޯ ރަނިއޭރީ ހަމަޖައްސައިފި އެވެ.

2016 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ލެސްޓާ ސިޓީއަށް ހޯދައިދިން އިޓަލީގެ ރަނިއޭރީ ފުލަމްގެ ކޯޗަކަށް ހަމަޖެއްސީ އެމަގާމުގައި ހުރި ސްލަވިސާ ޖޮކަނޮވިޗް މަގާމުން ދުރުކުރުމަށްފަހު އެވެ.

ފުލަމްއާ ރަނިއޭރީ ހަވާލުވިއިރު، އެޓީމު އޮތީ ތާވަލުގެ ފުލުގައި 5 ޕޮއިންޓާއެކު އެވެ.

ރަނިއޭރީގެ އިރުޝާދުގެ ދަށުން ލެސްޓާ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 2016 ވަނަ އަހަރުގެ ސީޒަނުގައި 10 ޕޮއިންޓުގެ ލީޑަކާއެކު ހޯދިއިރު، ދުނިޔޭގެ އެންމެ މޮޅު ކޯޗުގެ މަގާމުވެސް އެ އަހަރު ލިބިފައިވަނީ ވެސް އޭނާއަށެވެ. އަދި އޭނާ ވަނީ އެ އަހަރު ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗުގެ މަގާމުވެސް ހޯދާފައެވެ.

އެކަމަކު 2017 ވަނަ އަހަރުގެ ސީޒަނުގައި ލެސްޓާއިން ދެއްކި ދަށް ކުޅުމާއެކު އޭނާ ވަނީ އެ އަހަރުގެ ފެބްރުއަރީ މަހު މަގާމުން ވަކިކޮށްފައެވެ. މިކަމާ ގުޅިގެން ލެސްޓާގެ މެނޭޖުމަންޓަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ.