މިސްކިތުގައި އިން އިރު ވެސް އަހަރެންނަށް ކުރެވުނީ އެހެން ކަހަލަ އިހުސާސްތަކެކެވެ. ބުނަން ނޭނގޭ އިހުސާސްތަކެކެވެ. އެ އިހުސާސްތައް ކުރަމުން ދިޔައީ ކީއްވެގެން ކަމެއް ޚުދު އަހަރެންނަކަށް ނުއެނގެއެވެ. އެނގޭހާ ވެސް ކަމަކީ އެހެން ދުވަސްދުވަހާ އެ ހުކުރު ދުވަސް ތަފާތުކަމެވެ. ނޭނގެނީ ތަފާތުވާ ސަބަބެވެ.

އިމާމު މީހާ މެމްބަރުގައި ހުރެ ދެމުން ދިޔަ ޚުތުބާ ކަނުލާ އަޑު އަހަން އިން އަހަރެންނަށް ވިސްނާ ލެވުނީ އަހަރެންގެ ފަހަތުގައި އޮތް މައްޔިތާއަށެވެ. އިމާމު މީހާގެ ޚުޠުބާގައި ބުނަމުން ދިޔައީ ކޮންމެ މީހަކީ ވެސް މަރުވާނެ މީހެކެވެ. އެ މަރުގެ ރަހަ ދެކޭނޭ މީހެކެވެ. އެ ރަހަ އެ މައްޔިތާ ވެސް އެ ވަނީ ދެކެފައެވެ. ފަހަތުގައި އެ އޮތީ އެ ހަށިގަނޑެވެ. އަހަރެންނަށް ވިސްނާ ލެވުނީ އަމިއްލަ ނަފުސާމެދުއެވެ. އަހަރެން ވެސް މަރުވާނެއެވެ. ކޮންމެ ވެސް ދުވަހަކު ދިރިތިބީން އަހަރެންނަށް ވެސް ކަށުނަމާދު ކުރާނެއެވެ. އޮތީ އެ ދުވަހަކަށް ތައްޔާރުވުމެވެ. އެ ރަހައިގެ ވޭން ލުއިވޭތޯ ބެލުމެވެ.

ހުކުރު ނަމާދުގެ ސަލާން ހަމަ ދިނުމާއެކު އެކި ދިމަދިމާއިން މީހުންތައް ތެދުވާން ފެށިއެވެ. އެކަކަށްވުރެ ކުރިން އަނެކަކު ފޭބޭތޯއެވެ. ހީވަނީ ކޮންމެހެން ދާންޖެހޭ މާ މުހިންމުތަކެއް އަދި އޮތްހެނެވެ. އެތަނަކަށް ދިއުމަށް ލަސްވެގެން އުޅޭ ހެނެވެ.

އެންމެންގެ ސަމާލުކަން ހުއްޓުނީ ސްޕީކަރުތަކުގެ އަޑަށެވެ.

"ރ. ކިނޮޅަހު، ހިތަށްފިނިވާގޭ ޝަހީމާ ހަސަންގެ މައްޗަށް ކުރެވޭ ކަށު ނަމާދު، މި ވަގުތު މި މިސްކިތުގައި އޮތް ވާހަކަ ދަންނަވާލަން. އެންމެހާ ބޭފުޅުން މި ކަށުނަމާދުގައި ބައިވެރިވުމަކީ އާއިލާގެ ވަރަށް ބޮޑު އެދުމެއް" ބަރު އަޑަކުން އިމާމު މީހާ ބުނެލިއެވެ. އެ ހިސާބުން ބައެއް މީހުންގެ ޙަރަކާތްތައް ބަދަލުވިއެވެ. ދަރިފުޅު ގޮވައިގެން މިސްކިތުން ފައިބަން ދިޔަ ދިއުން މަޑުޖައްސާލިއެވެ. ގިނަ ބަޔަކު އެ ނަމާދުގައި ބައިވެރިވެ މިސްކިތުގައި މަޑުކުރީތީވެ ފައިބަން ނުކެރުނީ ތޯއްޗެކެވެ.

އަހަރެން މަޑުކުރީމެވެ. އެ މަޑުކުރުމުން ހިތަށް ވެރިވީ ޚިޔާލުތައް ވީ އިތުރެވެ. ރ.ކިނޮޅެހޭ ބުނުމުން ހިތަށް ކުރި އަސަރުވީ ބޮޑެވެ. އެ ރަށުގައި އަހަރެންނާ ގުޅުން ހުރި މީހަކު އުޅޭނެއެވެ. މަންމަ ގަބޫލު ނުވި ނަމަވެސް އެމީހަކާ އަހަރެންނާ ވަތްކެއް ނުކުރެވޭނެއެވެ. އެ މީހަކު ކޮންމެ ވެސް ދުވަހަކުން އަހަރެން ހޯދާނަމެވެ. އެ މީހަކާ ބައްދަލުކުރާނަމެވެ.

ނަމާދު ފެށިއްޖެއެވެ. ތަކުބީރުތަކާއެކު ކުރެވުނު ނަމާދު ދެތިން މިނެޓުން ނިމިއްޖެއެވެ. އެ ކުޑަ ވަގުތުކޮޅަށް މަޑުކޮށްލަން ބައެއް މީހުން އުޒުރުވެރި ވަނީ އަޅެ ކީއްވެ ހެއްޔެވެ؟ އެ މީހުން މަރުވާ ދުވަހު ކުރެވޭ ނަމާދުގައި ގިނަ ބަޔަކު ބައިވެރިވާން އެ މީހުން ނޭދެނީ ހެއްޔެވެ؟ ނޫނީ އެ ދުވަސް އަންނާނެކަމަށް ގަބޫލު ނުކުރެވެނީ ހެއްޔެވެ؟ ނޫނެކެވެ. އެދުވަސް އަންނާނެއެވެ.

އެދުވަހަށް ވެވޭނީ މިއަދު ވީ ތައްޔާރެކެވެ. އަހަރެން ގެއަށް ދިޔައީ ހިތަށް އަރައިފައިބަމުން ދިޔަ ޚިޔާލުތަކުން ރޫހަށް ދިރުން ގެންނަމުންނެވެ.

ގެއަށް ވަން އިރު މަންމަ ހުރީ ކާން ތައްޔާރުކޮށްފައެވެ. އަހަރެންނާއެކު މަންމަ ވެސް ކާން އެރިއެވެ.

"މިއަދު ކިނޮޅަހު މީހަކު މަރުވެގެން އުޅުނު" މަންމަގެ މޫނަށް ބަލަހައްޓައިގެން އިނދެ އަހަރެން ބުނީމެވެ. މަންމަގެ މޫނަށް އައި ކުލަވަރުން ކަމެއް ގޯސްވެއްޖެކަމުގެ އިހުސާސް އަހަރެންނަށް ކުރެވުނެވެ.

"ކިހިނެއް ދަރިފުޅަށް އެނގުނީ؟" މަންމަ ސުވާލުކުރިއެވެ.

"ކަށު ނަމާދުގައި ބައިވެރިވީމާ އެނގުނީ. ނަމާދު ފެށުމުގެ ކުރިން އެ ނަމާދުގައި ބައިވެރިވުމަށް އެދުނު އިރު އެއީ ކާކުކަން ބުނި" އަހަރެންނަށް އެނގުނު ގޮތް އަހަރެން ބުނީމެވެ.

"ދަރިފުޅަށް އެނގޭތަ އެއީ ކާކުކަން؟" މަންމަ ސުވާލުކުރިއެވެ.

"ނޫން. ނޭނގެ. އެއީ އަނެއްކާ ކާކު؟ މަންމަ ދަންނަ މީހެއްތަ؟" ހިތް އަވަސްވެފައި އިން އަހަރެންނަށް އަހައިލެވުނެވެ.

"އާނ.. ދަންނަ މީހެއް. އެއީ ދަރިފުޅުގެ ދޮން މަންމަ" އިސްދަށަށް ޖަހައިގެން އިނދެ މަންމަ ބުންޏެވެ. އަހަރެންނަށް ހީވީ ހޫނު ފެންއެއްޗެއް ގަޔަށް އަޅާލިހެންނެވެ. ހިތުގެ ވިންދު އަވަސްވެ، މުޅި މީހާ ހާސްވާގޮތްވިއެވެ. އެއަށްވުރެ ބޮޑަށް ދެރަވިއެވެ. ބައްޕަ ކުރާނެ ހިތާމަ އަހަރެންނަށް އިހުސާސްކުރެވުނެވެ. އެ ފުން އިހުސާސްތަކާއެކު އެތައް ވާހަކައެއް އަހަރެން މަންމައާ ހިއްސާކުރީމެވެ.

(ނުނިމޭ)