ބައްޕަ ކުރާނެ ހިތާމަ އަހަރެންނަށް އިހުސާސްކުރެވުނެވެ. އެ ފުން އިހުސާސްތަކާއެކު އެތައް ވާހަކައެއް އަހަރެން މަންމައާ ހިއްސާކުރީމެވެ.

އަހަރެން ވެސް އެއްބަހެވެ. ކުށްވެރިއަކީ ބައްޕައެވެ. ބައްޕަގެ ކުށަކީ މަންމަ ދޫކޮށްލާފައި ދިއުމެވެ. އަހަރެންނާއި މަންމަ އެކަނިކޮށްލުމެވެ. ނަމަވެސް އެ ދުވަސް މާޒީވެ ހިނގައްޖެއެވެ. މިއަދު އަހަރެންނަކީ ކުޑަކުއްޖެއް ނޫނެވެ. ފާއިތުވީ 21 އަހަރު އަހަރެން މި އުޅުނީ ބައްޕަގެ އެއްވެސް އެހީއަކާ ނުލައެވެ. ބައްޕަވީ ތަނެއް އުޅުނު ތަނެއް ނުބަލަމެވެ. އަދި އެ ބުނާ ދޮންމަންމައަކާ އަހަރެން ދުވަހަކު ވެސް ވާހަކައެއް ނުދައްކަމެވެ. އެއީ ކާކުތޯ ވެސް ނުބަލަމެވެ. ބަލާކަށް ވެސް ނުޖެހެއެވެ. ނަމަވެސް ބައްޕަ ވާނީ ބައްޕަ އަށެވެ. މަންމަ ކިތަންމެ ނުރުހުނަސް އެ ބައްޕައާ އަހަރެން އޮތް ލޭގެ ގުޅުން ކަނޑައެއް ނުލެވޭނެއެވެ.

"އަހަރެން ބެނުން ބައްޕައާ ބައްދަލުކުރަން. އެންމެ ރަނގަޅުތަ؟" ވަރަށް ވިސްނުމަށްފަހު މަންމަގާތުގައި އަހަރެން އެހީމެވެ.

"ކީއްކުރަން؟" މަންމަ ސުވާލުކުރިއެވެ. އެ ސުވާލުގައިވާ އަސަރާއި ރާގުން ވެސް މަންމަ ހިތުގައި ޖެހުނުކަން އަހަރެންނަށް ޔަގީންވިއެވެ.

"ބައްޕަވީމާ" އަހަރެން ދިނީ ވަރަށް ކުރު ޖަވާބެކެވެ.

"ބަލަ އެ ބައްޕަ، ދަރިފުޅު ހޯދަން ނޫޅޭ އިރު ދަރިފުޅު ދިއުމުގެ މާނައަކީ ކޮބާ؟ ދަރިފުޅު ދިއުމުގެ ބޭނުމަކީ ކޮބާ؟" ލޮލުން ފޭދިގެން ދިޔަ ކަރުނަތަކާއެކު އަނެއްކާ ވެސް މަންމަ ސުވާލުކުރިއެވެ.

"ކޮންމެ މީހަކީ ވެސް ކުށް ކުރެވޭނެ މީހެއް. ބައްޕަގެ ކުށް އަހަރެންނަށް އެނގޭ. އެ ކުށަކަށް މަޢާފެއް ނުކުރެވޭނެ. އެކަމަކު އެއީ ބައްޕަ. އެކަން ބައްޕަ ހަނދާންނައްތައިލިކަން ހަނދާންކޮށްދޭން އަހަރެން ބޭނުން" އަހަރެންގެ ހިތުގައި ހުރި ބައެއް ވާހަކަތަކުން މަންމައަށް ޖަވާބު ދިނީމެވެ. މަންމަ އެއްބަސްވިއެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް ލިބިފައި ނުވާ ހުއްދައެކެވެ. އަހަރެން ބައްޕައާ ބައްދަލުކުރުމަކީ މަންމަ އެއްގޮތަކަށް ވެސް އެއްބަސްވި ކަމެއް ނޫނެވެ. ބައްޕައާމެދު އެ ނަފުރަތު އުފެދުނު ގޮތާއި އެކަމާ ނުގަބޫލުވާ ސަބަބު އަހަރެންނަށް އެނގެއެވެ. އެހުރިހާ ކަމަކާއެކު ވެސް އަހަރެންގެ ހިތުން ބައްޕައަށް ގޮވައެވެ. ކޮންމެ ވެސް ދުވަހަކުން ބައްޕާއޭ ކިޔާ ގޮވާލާނަމޭ އަހަރެންގެ ހިތް ބުނެއެވެ.

އަހަރެން ބައްޕައާ ބައްދަލު ކުރީމެވެ. އަހަރެންނަކީ ކާކުކަން ބުނެދިނީމެވެ. ބައްޕާއޭ ކިޔާ ވާހަކަ ވެސް ދެއްކީމެވެ. އެއީ އެގޮތަށް ވާހަކަދެއްކި ފުރަތަމަ ފަހަރެވެ. އަދި އެގޮތަށް މުޚާތަބުކުރާނެ އެންމެ ފަހު ފަހަރު ވެސް މެއެވެ. ބައްޕަ ހުރީ ބަސް ހުއްޓިފައެވެ. ވާނުވާ ނޭނގިފައެވެ.

އަހަރެން ދެރަވިއެވެ. ހިތާމަވެރި ވަގުތަކު އިތުރު ހިތާމައެއް ކުރިމަތި ކުރެވުނީތީއެވެ. އެކަމަކު އެ ނޫން ފުރުޞަތެއް ނުލިބޭނެކަން އަހަރެންނަށް އެނގެއެވެ. އެހެން ފުރުޞަތެއް އަހަރެން ބޭނުމެއް ވެސް ނޫނެވެ. އަހަރެން ދައްކަން ބޭނުންވި ހުރިހާ ވާހަކައެއް ބައްޕަ ގާތުގައި ދެއްކީމެވެ. މަންމައަށް ހެދިގޮތް ހަނދާން ކޮށްދިނީމެވެ. އަހަރެން އުޅުނު ހާލާއި މަންމަވީ ގުރުބާނީ އޮޅުން ފިލުވައި ދިނީމެވެ. ބައްޕަގެ ދުލުން ޗުއްޕޭ ވެސް ނުބުނެއެވެ. އިނީ ހިމޭންވެފައެވެ.

އެތައް ވާހަކައަކަށް ފަހު އެ ބައްޕައާ އަހަރެން ވަކިވީމެވެ. ޢުމުރު ދުވަހަށް އެ ބައްޕައާ އަލްވަދާޢު ކީމެވެ. ދެން ދުވަހަކު ވެސް ބައްދަލު ކުރަން ބޭނުން ނޫންކަމަށް ބުނެއެވެ. އެކަމާ މަންމަ ނޭދެ ކަމަށް ބުނަމުންނެވެ.

ހަޔާތަކީ ކުޑަ ހިނދުކޮޅެކެވެ. އެ ހިނދުކޮޅު ދުނިޔޭގައި އުޅުމަށް ފަހު ކޮންމެ މީހަކު ވެސް ނެތިގެންދާނެއެވެ. އެންމެ ލޯބިވާ މީހުންނާ ވަކިވާނެއެވެ. އަހަރެން އެންމެ ލޯބިވާން ޖެހޭ މީހާއާ އަހަރެން ވަކިވީ އެ މީހާ ދުނިޔޭގައި ހުއްޓައެވެ. އިރާދަކުރެއްވިއްޔާ ދެން އަހަރެން ދާނީ އެ މީހާގެ ޖަނާޒާއަށެވެ. އޭނާގެ ކަށު ނަމާދަށެވެ.

-- ނިމުނީ --