އާސަހަރާގައި ޖަމާއަތްތެރިއެއްގެ ގޮތުގައި 13 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރި ޖަމާއަތްތެރިއަކު، ފޭސްބުކްގައި އިސްލާމިކް މިނިސްޓްރީ ބަދުނާމުކޮށް ލިޔެފައިވާތީ އޭނާ ވަޒީފާއިން ވަކި ކުރުމަށް ނިންމައި އެމުވައްޒަފަށް އެކަން އަންގައިފިއެވެ.

ވަޒީފާއިން ވަކިކުރަން ނިންމައި އެކަން އަންގާފައި ވަނީ، ޖަމާއަތްތެރިއެއްގެ ގޮތުގައި އާސަހަރާގައި ކަށުކަމާކެމީގެ މަސައްކަތްތައް ކުރަމުން އަންނަ ހދ ކުޅުދުއްފުށީ ރިއޯ އަހުމަދު މުނައްވަރު މުހައްމަދަށެވެ. ވަޒީފާއިން ވަކިކުރާނެ ކަން އަންގައި އިސްލާމިކް މިނިސްޓްރީން ފޮނުވި ލިޔުމުގައި ބުނެފައި ވަނީ، އޭނާ ވަޒީފާއިން ވަކިކުރުމަށް ނިންމާފައި ވަނީ، ފޭސްބުކުގައި އޭނާ ލިޔެފައިވާ ވާހަކަތަކުގެ ސަބަބުން މިނިސްޓްރީ އާއި ވެރިންނާއި މުވައްޒަފުން ބަދުނާމު ވާތީ ކަމަށެވެ.

މުނައްވަރު ބުނީ އޭ ފޭސްބުގައި ލިޔުނީ މިނިސްޓްރީގެ ވެރިއަކު އޭނާ ހާޒިރުކޮށް އުޅެނީ މީހަކާއި ހިތާވެގެންތޯ އެހުމުން އުފެދުނު ހިތްހަމަ ނުޖެހުމުގައި ކަމަށެވެ. އޭނާ ފޭސްބުކުގައި ލިޔެފައި ވަނީވެސް އެހެން އެހި ވާހަކަ ކަމަށް މުނައްވަރު ބުންޏެވެ.

މުނައްވަރު ބުނީ އެމައްސަލައިގައި އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު އޭނާގެ ބަޔާން ނަގައި އަނގަބަހުން ނަސޭހަތްތެރި ވުމަށްފަހު، ކުއްލިއަކަށް މިއަދު ފޮނުވީ ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރެއް ކަމަށެވެ. އޭގައި އަންގާފައި ވަނީ ކުރިންވެސް އަނގަބަހުން ނަސޭހަތްތެރިިވި މައްސަލައިގައި ޖަވާބުދާރީ ވުމަށް ކަމުގައިވެސް އޭނާ ބުންޏެވެ.

" އަޅުގަނޑު ޤަބޫލެއް ނުކުރަން އެއްމައްސަލައިގައި ދެ އަދަބެއް ދެވޭނެ ކަމަކަށް. އެ ޕޯސްޓު ލިޔުނީވެސް ހާޟިރުކޮށްފައި އުޅެނީ މީހަކާއި ހިތާވެގެންތޯ އެހުމުން. އަޅުގަނޑު ދެންނެވި އެވާހަކަ އަަހަނީ ކޮން ހައިސިއްޔަތަކުންތޯ. ނުދެވުނު އެކަމަށް ޖަވާބެއް." މުނައްވަރު ބުންޏެވެ.

2007 ވަނަ އަހަރުން ފެށިގެން ސަހަރާގައި ޖަމާއަތްތެރިނގެ އިސް މީހެއްގެ ގޮތުގައި މުނައްވަރު މަސައްކަތް ކުރި އިރު 2017 ވަނަ އަހަރުން ފެށިގެން އޭނާ ވަނީ އިސް ޒިންމާތަކުން އެއްފަރާތްކޮށްފައި ކަމަށް ވެސް މުނައްވަރު ބުންޏެވެ.

މުނައްވަރު ބުނީ ސަހަރާގައި މީހުންގެ ކަށުކަމާއި ކެމީގެ ކަންކަން ކުރާއިރު ރައްކާތެރި ކަމުގެ ގޮތުން ބޭނުން ކުރާނޭ އެކަށީގެންވާ ވަޞީލަަތްތައްވެސް ދީފައި ނުުހުންނަ ކަމަށެވެ. އެހެންކަމުންއެ ފަދަ ޝަކުވާތައް އޭނާ ހުށައަޅާ ކަމަށާއި އެހެން ނަމަވެސް ޖަވާބެއް ނުލިބޭ ކަމަށެވެ. އޭނާ ބުނީ އޭނާ ވަޒީފާއިން ވަކިކުރަން ނިންމާފައި ވަނީ ފޭސްބުކުގައި ޕޯސްޓެއް ޖެހުމަށް ވުރެ ބޮޑަށް ރައީސް ޔާމީނުގެ ސަރުކާރަށް ތާއީދު ނުކޮށްގެން ކަމަށް ބެލެވޭ ކަމަށެވެ.