ނުކިޔަވާ އުޅެވޭނެ ނަމަ ކިހައި ރަނގަޅު ހެއްޔެވެ؟ އޭރުން ކިޔަވާކަށް ނުޖެހޭނެއެވެ. އެ ކަމުގައި ވަގުތު ދުއްވާލާކަށް ވެސް ނުޖެހޭނެއެވެ. ފާސްނުވެގެން އުޅޭކަށް ވެސް ނުޖެހޭނެއެވެ. މަންމަމެން ހިތްހަމަ ނުޖެހިގެން ތިބޭކަށް ވެސް ނުޖެހޭނެއެވެ. އެކަމަކު އެކަން ނުކޮށް ވާކަށް ނެތެވެ.

ހަނދާން އެބަ ހުއްޓެވެ. އަހަރެން ފާސް ނުވާތީ މަންމަ ކުރި ޝަކުވާތައް މިހާރު ވެސް އައިސް ކަންފަތުގައި އެބަ ހިފައެވެ. އެ އަޑު އެބަ ގުގުމައެވެ.

"ކީއްވެތަ ތިހެން ތި އުޅެނީ. ބަލަ ކިޔެވީމާ ފައިދާ ވާނީ ހަމަ ދަރިފުޅަކަށްނު. ކިޔެވުމަކީ ހަމައެކަނި ފޮތް ކިޔުމެއް ނޫން. އިތުރު ހަރަކާތްތަކުގައި ބައިވެރިވަނީކީ ވެސް ކިޔެވުން" އަހަރެންނަށް ވިސްނުވައި ދިނުމަށްޓަކައި މަންމަގެ ދުލުން އެންމެ ގިނައިން ބުނާ ޖުމުލައަކީ އެއީއެވެ. އެކަން އަހަރެންނަށް ވިސްނުނު ނަމަވެސް ކިޔެވުމާމެދު މާ ބޮޑު ޝައުގުވެރިކަމެއް އަހަރެންނެއް ނުހުރެއެވެ. އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެވެއެވެ. ވަކި ޚާއްޞަކޮށް އިތުރު ހަރަކާތްތަކުގައި ބައިވެރި ވުމަކީ ފޫހި ކަމެކެވެ. އަހަރެންގެ ތައުލީމީ ފުރަތަމަ މަރުހަލާ ނިންމާލީ އެއްވެސް އިތުރު ހަރަކާތެއްގައި ބައިވެރި ނުވެއެވެ.

އޯލެވެލް ނިންމި ދުވަހެވެ. ފަހު އިމްތިހާނު ހެދުމަށްފަހު ގެއަށް އައިސް ޔުނިފޯމު ވެސް ނުބާލައި ސައިބޯން އިނދެ މަންމައާ އަނގަތެޅީމެވެ.

"ދެނެއް ނުކިޔަވާނަން. މި ހިސާބުން މި ނިމުނީ. އޯލެވެލް ނިމުމުން ހީވީ ބޮލުން ބައެއް ނެއްޓިގެން ދިޔަހެން. އެހައިވެސް ލުއިވެއްޖެ. މިއީ ކުރާވަރު ކަމެއް ނޫން" މަންމަ ގާތުގައި އަހަރެން ބުނީމެވެ.

"ތިހާ ބުރަކޮށް ކުރިއްޔާ ހުރިހާ މާއްދާއަކުން ފާސްވާނެތާ" އަހަރެންގެ ވާހަކަތަކަށް މަންމަ ޖަވާބުދިނެވެ.

"ކިޔަވާ ހިތްވާ މާއްދާތަކުން ފާސްވާނެ. ކިޔަވާ ހިތް ނުވާ މާއްދާތަކުން ވާނެ ގޮތެއް ބުނާކަށް ނޭނގެ" އަހަރެން ޖަވާބު ދިނީމެވެ.

"ކޮންމެ މާއްދާއަކީ ވެސް ކިޔަވަން އުޅުނީމާ ކިޔަވާ ހިތްވާނެ މާއްދާއެއް. ކިޔަވާ ހިތްވާނީ ކުދިންނާ ގުޅުގެން އެކި ހަރަކާތްތަކުގައި ވެސް ބައިވެރިވެގެން. ތިގޮތަށް އެކަނި ގޭގައި އިންނަން ލޯބި ކުރަންޏާ ކިޔަވާ ހިތެއް ނުވާނެ. ކިޔެވުމަކީ ޖާދޫއެއް ނޫނިއްޔާ" މަންމަގެ ވާހަކަތަކުން ފާޑަކަށް އަހަރެންނަށް ކުރީ މަލާމާތެވެ.

"ހިސާބަކީ އަހަރެން އެހައި ކިޔަވާ ހިތްވާ މާއްދާއެއް ނޫން. ކޮމާސް ދެކެ އަދި މާ ފޫހިވޭ. ކިޔަވާ ހިތްނުވަންޏާ ކިހިނެއް ކިޔަވާނީ. މަންމަ ބުނީތީ މި ކިޔެވީ ވެސް. އެހެން ނޫންނަމަ މި ކަމެއް ނުކުރީސް" އަހަރެން ކިޔެވި ސަބަބު މަންމަ ގާތުގައި ބުނީމެވެ. އެއީ އަބަދުވެސް ބުނާ ވާހަކައެކެވެ. އަހަރެން ކިޔެވީ ކިޔަވާ ހިތަކުންނެއް ނޫނެވެ. އެކަން ކުރަން މަޖުބޫރު ވުމުންނެވެ. އެ ނޫން ގޮތެއް ނެތުމުންނެވެ.

"އަހަރެން ބުނެގެން ވެސް ކިޔެވިނަމަތާ؟ އެކަމެއް ވެސް ކޮށެއް ނުދެވުނެއްނު. ތިބުނީވިއްޔާ ފާހެއް ނުވާނޭ. ޔަގީން ކަމެއް ނެތޭ. ދެން ކޮބާ ކިޔެވިފައި؟" މަންމަގެ ހިތްހަމަ ނުޖެހުން މޫނުމަތިން ވެސް ފާޅުވިއެވެ.

"ދެން މި ހިސާބުން މި ނިމުނީ. މަގޭ ކިޔެވުން ވެސް މި ނިމުނީ. ދެނެއް ނުކިޔަވާނަން" އަހަރެން ބުނީމެވެ.

"ދެން ކޮން ކަމެއް ކުރާނީ؟" މަންމަ ސުވާލު ކުރިއެވެ.

"ގޭގައި ހުންނާނީ" ވިސްނާލުމެއް ނެތި އަހަރެން ޖަވާބު ދިނީމެވެ.

"ކާކު ޚަރަދުކުރާނީ؟ ކިހިނެއް އުޅޭނީ؟" މަންމަ ސުވާލުކުރިއެވެ.

"އަހަރެން އަމިއްލައަށް ފައިސާ ހޯދާނީ" އަހަރެން ޖަވާބު ދިނީމެވެ.

"ކިހިނެއް؟" މަންމަ އަނެއްކާ ވެސް ސުވާލުކުރިއެވެ.

"ކޮންމެ ވެސް ތަނަކުން ވަޒީފާއެއް ހޯދާނީ" ކުޑަ އިރުކޮޅަކު ވިސްނަން ހުރެފައި އަހަރެން ޖަވާބުދިނީމެވެ.

"ނުކިޔަވާ މީހުންނަކަށް ވަޒީފާއެއް ނުލިބޭނެ. އެހެންވީމާ ކިޔަވާށޭ މަންމަ ބުނަނީ. އެކަން ކުރަން މަންމަ އާދޭސްކުރީ ހަނާއަށް ޓަކައި. އެކަމަކު ހަނާއަކަށް އެކަމެއް ނުވި" އޯލެވެލް ނިންމި ދުވަހު މަންމައާ ކުރު ޒުވާބެއް ކުރެވުނު ނަމަވެސް އަހަރެންގެ ވިސްނުން ބަދަލެއް ނުވިއެވެ.

(ނުނިމޭ)