"ނުކިޔަވާ މީހުންނަކަށް ވަޒީފާއެއް ނުލިބޭނެ. އެހެންވީމާ ކިޔަވާށޭ މަންމަ ބުނަނީ. އެކަން ކުރަން މަންމަ އާދޭސްކުރީ ހަނާއަށް ޓަކައި. އެކަމަކު ހަނާއަކަށް އެކަމެއް ނުވި" އޯލެވެލް ނިންމި ދުވަހު މަންމައާ ކުރު ޒުވާބެއް ކުރެވުނު ނަމަވެސް އަހަރެންގެ ވިސްނުން ބަދަލެއް ނުވިއެވެ.

އޯލެވެލް ނަތީޖާ ލިބުނެވެ. ހީކުރި ގޮތާ ޚިލާފަށް އަހަރެން ފާސްނުވަނީ އެންމެ މާއްދާއަކުންނެވެ. ކޮމާސް ފިޔަވާ ހުރިހާ މާއްދާއަކުން ފާސްވިއެވެ. ލިބުނު ނަތީޖާމެދު އަހަރެން އުފާވިއެވެ. ފާސްވީތީ ޝުކުރުވެރި ވެވުނެވެ. އެ ނަތީޖާ ހިފައިގެން ގެއަށް ދިއުމުން އެ ދުވަހު މަންމަގެ ވާހަކަތައް ހުރީ ބަދަލުވެފައެވެ.

"ދަރިފުޅުގެ މި ނަތީޖާވެސް ރަނގަޅު. އެކަމަކު ރަނގަޅަށް ކިޔެވި ނަމަ ތިއަށްވުރެ މާ ރަނގަޅު ނަތީޖާއެއް ހޯދުނީސް. މައްސަލައަކީ އެންމެ ފަހު ވަގުތު ކިޔަވަން އުޅެވުނުކަން" ނަތީޖާ ރަނގަޅު ނުވި ސަބަބު މަންމަ ބުނެދިނެވެ.

"ދެން ވެސް ރަނގަޅު ނަތީޖާއެއް ހޯދާނަމަ ކުރިޔާލާ ތައްޔާރުވާންވީ. އޭރުން ކާމިޔާބު ވާނެ. އޭލެވެލްގެ ނަތީޖާ ރަނގަޅު ކުރަންވާނެ. ހިތްވަރު ކޮށްލަނިކޮށް ދަރިފުޅަށް ވާނެ" މަންމަގެ ވާހަކައިން ހާމަކުރީ އާ އުންމީދެކެވެ. މަންމަ ދެކެން ފެށީ އެހެން ހުވަފެނެކެވެ. އަހަރެން ކިޔެވުމުގައި ސިއްކަ ޖެހެން ނެތްކަން ހާމަކުރިއެވެ.

"އަދި އޭލެވެލް ވެސް ހަދަންވީ؟" އަހަރެން ސުވާލުކުރީމެވެ.

"ދެން ކުރާ ސުވާލު؟ ބަލަ ނުކިޔަވާ އުޅެވޭތަ؟" މަންމަ ވެސް ކުރީ ސުވާލެކެވެ. އަނެއްކާ ވެސް އެ ކަމަށް ބޯގާނަން ޖެހުނީއެވެ. އިތުރަށް ކިޔަވަން ޖެހުނީއެވެ. ރަނގަޚު ނަތީޖާއެއް ހޯދުމުން މާ ގޯހެވެ. ފާސް ނުވިނަމަ މި ސަކަރާތާ ކުރިމަތިލާކަށް ނުޖެހުނީހެއެވެ.

އަހަރެން އޭލެވެލް ހެދީމެވެ. ހެދި ހުރިހާ މާއްދާއަކުން ފާސްވިއެވެ. އެވަރުން އަހަރެން ހިތްހަމަ ޖެހުނެވެ. އެ ހިތްހަމަ ޖެހުމާއެކު ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކިޔެވުމުން ސަލާމަތްވުމުގެ ހިތްހަމަ ޖެހުމެވެ. ގޭގައި އޮވެވޭނެތީވެ ލިބުނު ހިތްހަމަ ޖެހުމެވެ.

ނަމަވެސް އަހަރެންނަށް އޮވެވުނީ ދުވަސް ކޮޅަކުއެވެ. މަންމަގެ ޝަކުވާ ތަކުރާރުވާން ފެށިއެވެ. އެއްވެސް ކޯހެއް ނުހަދައި ގޭގައި އޮންނާތީއެވެ. އޭލެވެލް ހަދައި ހުރިހާ މާއްދާއަކުން ފާސްވެގެން މަތީ ތަޢުލީމު ހާސިލުކުރަން ނޫޅޭތީއެވެ. ހިތަށް އެރިއެވެ. ފާސްނުވި ނަމައެވެ. އޭރުން ގައިމު އެ ޝަކުވާއެއް ނުއިވޭނެއެވެ. އޯލެވެލް އިން ފާސްނުވިނަމަ އޭލެވެލް ހަދާކަށް ނުޖެހުނީހެވެ. އޭލެވެލް އިން ފާސް ނުވިނަމަ ދެން އެ ބުނާ ޑިޕްލޮމާ ހަދާކަށް ހިތަކަށް ވެސް ނައީހެވެ. ޑިޕްލޮމާ ހަދާ ނިމޭއިރު ޑިގްރީ ހަދަން ވެސް ބުނާނެ ތޯއްޗެކެވެ. މިއީ ނިމުމެއް އޮތްކަމެއް ނޫނެވެ.

މިއަދު މި ދުނިޔެއަކު މަންމައެއް ނެތެވެ. ނަމަވެސް މަންމަ ބޭނުންވި ޑިގްރީ ހެދިކަމުގެ ލިޔުން އަހަރެން އަތުގައި އެބަ އޮތެވެ. އެކަމަކު އެ ދުވަހު މަންމަ ބުނި ވާހަކަ ތެދަކަށް ނުވިއެވެ. އަހަރެންނަށް ކިޔެވިއްޖެއެވެ. ވަރަށް ކިޔެވިއްޖެއެވެ. ނަމަވެސް ވަޒީފާއެއް ނުލިބުނެވެ. ކޮންމެ ތަނަކުން ވެސް އިންޓަވިއު ކުރުމަށްފަހު ބުނަނީ ނުހޮވޭ ވާހަކައެވެ. އެކަމަކު އަހަރެންގެ އަތުގައި އޮތީ ވެސް ހަމަ އެ ފެންވަރުގެ ފާހެކެވެ. ހަމައެކަނި ތަފާތަކީ މަންމައަށްޓަކައި ކިޔެވިކަމެވެ. އެ ކިޔެވުމުން ފައިދާ ނުކުރާންވީ ސަބަބެއް އަހަރެންނަކަށް ނުވިސްނުނެވެ. ބޭނުމަކީ ފާސްވުން ނޫން ހެއްޔެވެ؟ އެކަން ވެއްޖެއެވެ. އެކަމަކު ވަޒީފާއެއް ނުލިބުނެވެ. ކިހައި ދެރަހެއްޔެވެ؟ މަންމަ ދުނިޔޭގައި ހުރި ނަމަ އަހަހަރެންގެ ވާހަކަތައް މަންމަ ވެސް ގަބޫލުކުރީހެވެ.

-- ނިމުނީ --