އެކި މީހުން މި ދުނިޔެއާ މެދު ދެކެނީ އެކި ގޮތަށެވެ. ބައެއް މީހުންނަށް މި ވަރުގެ ތަނެއް ނެތްއިރު އަނެއް ބަޔަކަށް މިއީ އެއްވެސް ތަނެއް ނޫނެވެ. ބައެއް މީހުން މި ތަން ދެކެ އިންތިހާއަށް ލޯބިވާއިރު އަނެއް ބަޔެއްގެ ހިތުގައި މި ތަނާމެދު އޮތީ ނަފުރަތާއި ރުޅިވެރިކަމެވެ. ރަމީޒަކީ އެ ނަފުރަތާއި ރުޅިވެރިކަމުގައި މާޔޫސްވެފައިވާ މީހެކެވެ. އޭނާއަށް ގަބޫލުކުރެވިފައިވަނީ މިއީ އެއްވެސް އުފަލެއް ނެތް ތަނެއްގެ ގޮތުގައެވެ. އެއްވެސް އުންމީދެއް ނެތް ގޯއްޗެއް ކަމުގައެވެ.

"އަހަރެން ކަހަލަ މީހަކާ ގުޅުން ބާއްވާތީވެ ހަމަ ހައިރާންވަން. ސައިނާއަށް އަހަރެންނަކީ ކާކުކަން އަދި ތި ނޭނގެނީ. އެނގުނީމާ ތި ގޮތަކަށް ވެސް ވާހަކައެއް ނުދައްކާނެ ތޯއްޗެ" ރަމީޒު މުޚާތަބުކުރީ އޭނާއާ ވާހަކަދައްކަމުން ދިޔަ ސައިނާއަށެވެ. އެއީ ރަމީޒާ ގާތް ގުޅުމެއް ބާއްވާ ޒުވާނެކެވެ. ރަމީޒުގެ ހިތުން ޚާއްޞަ ޖާގައެއް ދެވިފައިވާ ކުއްޖެކެވެ.

"ނޫން. ތިހެނެއް ނުވާނެ. ރަށުން ބޭރުން އަންނަ މީހުންނަށް އަހަރެމެން އަދާކުރާ މެހުމާނު ދާރީއަކީ މިގޮތަށް ދެތިން މަސް ވިޔަސް ކެނޑިގެންދާނެ މެހުމާނު ދާރީއެއް ނޫން. އަހަރު ދެ އަހަރު ވިޔަސް މި ގުޅުން މިގޮތަށް އޮންނާނެ. އެކަމަކު އެއީ އަހަރެން ދުނިޔޭގައި ހުރިނަމަ" ސައިނާގެ ވާހަކަ ރަމީޒު މެދުކަނޑާލިއެވެ.

"ކީއްވެ ތިހެން ތިބުނީ. ހާދަ އަވަހަކަށް މަރުވާން ތި އުޅެނީ؟"

"މަރުގެ ވާހަކަ ދައްކާނެއްނު. ރަމީޒުގެ ދުލުން އެންމެ ގިނައިން ބުނަނީ އެ ވާހަކަވިއްޔާ. ހަގީގަތަކީ މަރަކީ އެއްވެސް މީހަކަށް ހިފެހެއްޓޭނެ އެއްޗެއް ނޫން. މާދަމާ ވެސް މަރުވެދާނެ" ސައިނާ ޖަވާބު ދިނެވެ.

"ތިއީ ތެދެއް. ހިތަށް އަރާ އަހަރެމެން ކަހަލަ އުންމީދު ގެއްލިފައިވާ މީހުންގެ ފަހަތުން އަވަހަށް މަރު އަންނާނެ ނަމައޭ" ރަމީޒު ހިތަށް އައި ވާހަކަތައް ސައިނާއާ ހިއްސާކުރިއެވެ.

"ތިހެން ނުބުނޭ ރަމީޒު. އުންމީދު ކަނޑާލައިގެން ތި އުޅެނީ އަމިއްލައަށް. ރަމީޒު ތި އުޅެނީ އަމިއްލައަށް ބަލިކަމަށް ހެދިގެން. ރަމީޒު ބޭނުންވަނީ މީހުންނާ ވަކިން އުޅެން. އެކަރިވާން. އަހަރެންނާ ތި ވާހަކަ ދައްކާ ގޮތަށް މި ރަށު އެހެން މީހުންނާ ވެސް ވާހަކަ ދައްކަބަލަ. މަށަށް ޔަގީން މިރަށު ކޮންމެ މީހަކު ވެސް ރަމީޒާ ވާހަކަދައްކާނެކަން. ރަމީޒު އަތުގައި ފައިސާ އެބަހުރި. ތަނަވަސްކަން އެބަހުރި. އާއިލާ އެހައި ރަނގަޅު. ދެން ކޮންކަމެއްތަ މަދީ؟ ތިގޮތަށް ވިސްނުމަކީ ގޯހެއް" ސައިނާގެ ވާހަކަތައް ރަމީޒަކަށް ގަބޫލެއް ނުކުރެވުނެވެ.

"މަދީ؟ އަހަރެންގެ ނެތީ އުންމީދެއް. އަހަރެންނަށް ވާ ގޮތް އެނގޭނީ ހަމަ އަހަރެންނަށް. ސައިނާއަށް ހުރިހާ ވާހަކައެއް ކިޔައިދޭހައި ހިތްވަރެއް އަހަރެންގެ ނެތް. އެކަމަކު ބޭނުން ނަމަ އަޑު އަހާ" ރަމީޒުގެ މާޒީގެ ސަފުހާތަކުން ބައެއް އޭނާ ހުޅުވާލިއެވެ.

"އަހަރެން އެންމެ ކުޑަ އިރުއްސުރެ ވެސް އުޅުނީ ބަލިކޮށް. އަބަދު ވެސް އޮންނަން ޖެހުނީ ހޮސްޕިޓަލުގައި. މަންމަގެ ހުރިހާ ވަގުތެއް ހޭދަކުރީ އަހަރެންނަށްޓަކައި. އަހަރެންނަކީ ހިތުގެ މައްސަލަ ހުންނަ މީހެއް. ދެ ފަހަރަކު ހާޓްއެޓޭކް ޖެހުނު. އަހަރެންނަށް މި ގޮތް ދިމާވީ ކީއްވެ ކަމެއް ނޭނގެ. ހަގީގަތުގައި އަހަރެންނަކީ ކުޑަ ވަގުތު ކޮޅެއްގެ މެހުމާނެއް. އެހެންވީމާ އެހެން މީހުންނަށް އުނދަގޫ ކުރުމުގެ މާނައެއް ނެތެއްނު. އެހެން މީހުންނަށް ހަނދާނަކަށް ވާކަށް އަހަރެން ބޭނުމެއް ނޫން. ނަމަވެސް އަހަރެންނަށް އެނގޭ އަހަރެންގެ ހާލާމެދު މަންމައާއި ބައްޕަ ހިތާމަކުރާވަރު. އެ ކަންކަމަކަށް ނިމުމެއް ނުގެނެވޭނެ. އަހަރެން މިރަށަށް މި އައީ ވެސް އެ ހިތާމަތަކާ ދުރުވާން" ރަމީޒުގެ ވާހަކަ ކުރިއަށް ގެންދަން އޭނާއަށް އުނދަގޫވިއެވެ. އެ ވާހަކަތައް އަޑު އަހަން އިން ސައިނާ ފެށީ ހޭށެވެ.

"އައްދޭ. ތީ ދުނިޔެ މަތިން ފޫހިވެގެން އުޅޭ ސަބަބަކީ؟ ބަލަ އުފަލުގައި އުޅުމުން ތި ހިތާމައެއް ކުރާކަށް ނުޖެހޭނެއެއްނު. ތިއީ އަމިއްލައަށް ލިބިގަނެގެން އުޅޭ ހިތާމައެއްނު. ތިއަށްވުރެ މާ ހިތްދަތި ކަންކަން ދިމާވެފައިވާ މީހުން ވެސް އެ އުޅެނީ މާ އުފަލުގައި. އެ މީހުން ވެސް އުންމީދު މަރައެއް ނުލައި. މި ދުނިޔެ ދެކެ ފޫއްސެއް ނުވޭ" ސައިނާ އުޅުނީ ރަމީޒަށް ވިސްނައި ދެވޭތޯއެވެ.

(ނުނިމޭ)