ބްރެޒިލްގެ އުއްމީދީ މިޑްފީލްޑަރު ފަބީނިއޯ ހޯދުމަށް ފްރާންސްގެ ޕީއެސްޖީން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިއަހަރު ލިވަޕޫލްއާ ގުޅުނު ފަބީނިއޯއަށް އެޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ލިބިފައިވަނީ މަދު މެޗަކުއެވެ. އޭނާ މިހާތަނަށް ލިވަޕޫލްއަށް ކުޅެދީފައިވަނީ އެންމެ 7 މެޗެވެ.

ރިޕޯޓުތައް ބުނާގޮތުން ފަބީނިއޯ ހޯދުމަށް ޕީއެސްޖީން މަސައްކަތް ކުރާއިރު، އެޓީމުން އޭނާ ގެންދަން ބޭނުންވަނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ލިވަޕޫލުން އޭނާ ޕީއެސްޖީއަށް ދޫކުރާނީ 44.3 މިލިއަން ޕައުންޑުގެ އަގަކަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެކަމަކު ދާދިފަހުން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފައިވަނީ ފަބީނިއޯގެ އިތުރުން އެޓީމުގެ މިޑްފީލްޑަރު ނަބީ ކެއިޓާ ހޯދީ ދުރުވިސްނުމެއްގެ ދަށުން ކަމަށާއި، އެ ދެ ކުޅުންތެރިންނަކީވެސް ޓީމަށް މުހިންމު ދެކުޅުންތެރިން ކަމަށެވެ.

2013 ވަނަ އަހަރު މޮނާކޯއާ ގުޅުނު ފަބީނިއޯއަކީ އެޓީމުގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. މޮނާކޯ ދޫކޮށް އޭނާ ލިވަޕޫލްއަށް ބަދަލުވީ މިއަހަރުގެ މެއިމަހު، 39 މިލިއަން ޕައުންޑުގެ އަގަކަށެވެ.