ރާއްޖޭގައި އެންމެ ތިމާވެއްޓާއި ރައްޓެހި ރިސޯޓުގެ ގޮތުގައި ކުޑަދޫ ތަރައްގީކޮށް ހުޅުވަން ތައްޔާރު ވެއްޖެއެވެ.

އަންނަ ޑިސެމްބަރު އެއްވަނަ ދުވަހު ހުޅުވުމަށް ހަމަޖައްސާފައިވާ މިރިސޯޓަކީ ހުރަވަޅިން ޅ އަތޮޅުގައި ތަރައްގީކުރާ ރިސޯޓެެކެވެ.

އެ ރިސޯޓުން މައުލޫމާތުދިން ގޮތުގައި އެއީ އެންމެ ތިމާވެއްޓާ ރައްޓެހި ރިސޯޓަކަށް ހެދުމަށް ރިސޯޓު ތަރައްގީ ކުރިއިރު ބޭނުންކޮށްފައިވާނީ އެހިސާބުގައި ގުދުރަތީ ގޮތުން ހެދޭ ގަސްތަކެވެ.

މީގެ އިތުރަށްވެސް ރިސޯޓަކީ ތިމާވެއްޓާ ރައްޓެހި ރިސޯޓަކަށް ހެދުމަށްޓަކައި ޕްލާސްޓިކާއި، ކާބަން އެމިޝަން ވީހާވެސް ކުޑަކުރުމުގެ ގޮތުން އެ ރިސޯޓުގައި ބޭނުންކުރާ ބޯފެން ތައްޔާރު ކުރަނީ އަމިއްލައަށް ޑީސެލިނޭޓްކޮށްގެނެވެ. އަދި ފެން ބަނދުކުރެވިފައި ހުންނަނީވެސް ބިއްލޫރި ފުޅީގައެވެ.

ރިސޯޓުގައި ދެފަންގިފިލާއަށް އިމާރާތްކޮށްފައިވާ ޖުމްލަ 15 ވިލާ ހަދާފައި ހުރިއިރު ހުރިހާ ވިލާއެއްގެ މަތީގައި ޖުމްލަ 984 ސޮލާ ޕެނަލް ހަރުކޮށްފައިވެއެވެ. މި ސޯލާ ޕެނަލްތައް ބޭނުންކޮށްގެން ދުވާލެއްގެ މައްޗަށް 300 ކިލޯވޯޓުގެ ކަރަންޓު އުފައްދާ މުޅި ރިސޯޓަށް ކަރަންޓް ދެވޭނެ ކަމަށްވެސް ރިސޯޓުން ވަނީ ބުނެފައެވެ.

ކާއެއްޗެހިން ކުރާ އިސްރާފު މަދުކުރުމަށް ވީހާވެސް ގިނައިން ރާއްޖެއިން ބާނާ މަހާއި، ސީފުޑް ބޭނުން ކުރުމަށް ހަމަޖއްސާފައިވާ ކަމަށް ރިސޯޓުން ވަނީ ބުނެފައެވެ. އަދި މީގެއިތުރަށް ރޮސީޓުގައި ހޮޅިއާއި ބަދިގޭ ސާމާނުގައިވެސްް އެއްވެސް ވަރަކަށް ޕްލާސްޓިކު ބޭނުން ނުކުރުމަށާއި ވީހާވެސް ގިނައިން ބައޯޑީގްރޭޑަބަލް ތަކެތި ބޭނުން ކުރާނެ ކަމަށްވެސް ރިސޯޓުން ބުނެފައިވެއެވެ.

ކުޑަދޫ ރިސޯޓަކީ އާކިޓެކްޗަރަލް ޑައިޖެސްޓުން 2019 ވަނަ އަހަރުގެ އެންމެ ރީތި ޑިޒައިންތަކުގެ ރިސޯޓުގެ ލިސްޓުގައި ހިމެނިފައިވާ ރިސޯޓެކެވެ.