ވިޔަފާރީގެ ރޮގުން އިސްމަގާމުތަކުން އަންހެނުން ފެނުމަކީ އުންމީދެއް ކަމުގައި ދިވެހިބަހުގެ އެކަނޑަމީގެ ނައިބު ރައީސް ރާފިޔާ އަބުދުލް ގާދިރު ވިދާޅުވެއްޖެ.

ރާފިޔާ މިހެން ވިދާޅުވީ ވިމެން އެންޓަޕްރިނިއަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވިއަމް) ގެ ފަރާތުން ބޭއްވި ކަސަބު ގަތަން ދަސްކޮށްދޭ ކޯހުގެ ނިންމުން ފާހަގަ ކުރުމަށް ހޮޓެލް ޖެން ގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވިއަމްގެ ފަރާތުން ހިންގި ކަސަބު ގަތަން ދަސްކޮށްދޭ ކޯސް ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮސްދެއްވާ ބައިވެރިންނަށް ހަދާނީ ލިޔުން ބައްސަވާދެއްވީ މިނިސްޓަރ އޮފް ހައުސިން ޑިވެލޮޕްމެންޓް އައިމިނަތު އާތިފާ އެވެ.

ކަސަބު ބޯވަޅު ގަތަން ދަސްކޮށްދޭ މިކޯހަކީ އުވިގެންދާ ސަގާފީ މަސައްކަތްތައް ދިރުވާ އާލާކުރުމުގެ މަގުސަދުގައި ވިއަމް އިން ކުރިޔަށް ގެންދިޔަ ކޯހެކެވެ. ކޯހުގައި ބައިވެރިންނަށް ކިވައިދެއްވީ ކަސަބު ބޯވަޅު ގެތުމުގެ ތަޖްރިބާކާރު ދެބޭފުޅުން ކަމުގައިވާ ސަރީފާ މުހައްމަދާއި، އާސިފާ މުހައްމަދެވެ. ނޮވެންބަރުމަހުގެ 12 ވަނަ ދުވަހު ފެށުނު މި ކޯހުގައި ރާއްޖޭގެ ނުވަ އަތޮޅަކުން 30 އަންހެނުން ވަނީ ބައިވެރިވެ ކޯސް ފުރިހަމަކޮށްފައެވެ.

ވިމެން އެންޓަޕްރިނިއަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވިއަމް) އިން ބުނީ، ކަސަބު ބޯވާޅު ގެތުމުގެ ދެވަނަ ބުރެއް އަންނަ ޑިސެންބަރު 10 ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. ވިއަމް އަކީ ވިޔަފާރީގައި ކުރިއަށްދާން ބޭނުންވާ އަންހެނުންނާއި ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުން ތަމްސީލް ކުރާ ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ޖަމިއްޔާ އެވެ.