ޑރ އަފްރާޝީމްގެ އަލީގެ މަރުގެ މައްސަލައިގައި ލިބިވަޑައިގެންފައިވާ ގިނަ މައުލޫމާތު ފުލުހުންގެ އިދާރާގައިވެސް ހުންނާނެ ކަމަށާއި އެމައްސަލައިގައި ކޮމިޝަނަށާއި މަޖިލީހަށް އެމައުލޫމާތު ދެއްވާނެ ކަމުގައި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ރިޔާޒު މިހެން ވިދާޅުވީ، އަވަސް އޮންލައިންގެ އަވަސް ހުކުރަށް ދެއްވި ބަސްދީ ގަތުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރިޔާޒު ވިދާޅުވީ، މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އަފްރާޝިމްގެ މަރުގެ މައްސަލައިގައި އެމަނިކުފާނާއި ސުވާލު ކުރައްވައިފި ނަމަ އެމައުލޫމާތު ހިއްސާކުރައްވާނެ ކަމަށެވެ.

އެެހެން ނަމަވެސް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ގިނަ މައުލޫމާތު ފުލުހުންގެ އިދާރާގައިވެސް ހުންނާނެ ކަމުގައި ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ، ކޮމިޝަންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން އެމައްސަލަ ބަލައި، މައުލޫމާތު ހިއްސާކުރެއްވުމަށް އެދިވަޑައިގެންފިނަމަވެސް މައުލޫމާތު ހިއްސާކުރައްވާނެ ކަމަށެވެ.

ރިޔާޒު ވިދާޅުވީ ޑރ އަފްރާޝީމްގެ މަރުގެ މައްސަލައިގައި އެނގިވަޑައިގެންފައިވާ މައުލޫމާތު އެކަށީގެންވާ ޕްލެޓްފޯމެއްގައި ހާމަކުރައްވާނެ ކަމުގައި ވިދާޅުވުމުން އާއްމު ބައެއް ފަރާތްތަކުން ކުރިމަތި ކުރާ ބައެއް ސުވާލުތަކަކީ އެއްވެސް ޒިންމާދާރު ކަމެއް ނެތް ސުވާލުތަކެއް ކަމަށެވެ.

އަދި އެމަނިކުފާނު ޕޮލިސް ކޮމިޝަނަރު ކަމުން ރިޓަޔާކުރެއްވި އިރު ޑރ އަފްރާޝީމް އަލީގެ މަރުގެ މައްސަލައަކީ ތަހުޤީޤު ނުނިމިއޮތް މައްސަލައެއް ކަމަށާއި އެހެން ކަމުން އޭގެ ފަހުން މަޤާމުތަކަށް ވަޑައިގެންނެވި ބޭފުޅުންނަށް މާ ރަނގަޅަށް އެމައުލޫމާތު ލިބިވަޑައިގެންފައި ވާނެ ކަމުގައިވެސް ޤަބޫލު ކުރައްވާކަމުގައި ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ، މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް އެމަނިކުފާނު އިތުބާރު ކުރައްވާ ކަމަށާއި އަދި ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން އެކަންކަން ރަނގަޅަށް ކުރިޔަށް ގެންދެވޭނެ ކަމަށްވެސް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

ޑރ އަފްރާޝީމް އަލީގެ މަރުގެ ފަހަތުގައި ވާ މީހުންނާއި އެކަމުގެ ސަބަބުތައް އެނގުމަށް އާއްމުން ނުހަނު ބޭނުން ވެފައި ވާއިރު، އެމައްސަލައިގައި ކުރީގެ ސީޕީ އަބުދުﷲ ރިޔާޒު ދައްކަވާނެ ވާހަކަފުޅަކަށް ގިނަ ބަޔަކު އިންތިޒާރުކޮށްގެން، ތިބޭތާ އެތައް އަހަރެއް ފާއިތުވެއްޖެއެވެ.

އަދި ރިޔާޒަށް ލިބިވަޑައިގެންފައިވާ މައުލޫމާތު އެކަށީގެންވާ ޕްލެޓްފޯމެއްގައި ހާމަކުރައްވާނެ ކަމުގައި ވިދާޅުވެ ދުވަސްތައް ދިގުލައިގެންދާތީވެސް އާއްމުންގެ ނުރުހުމާއި ފާޑުކިޔުންތައް ރިޔާޒަށް ވަނީ އަމާޒުވެފައެވެ.

މަޝްހޫރު ދީނީ އިލުމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލީ އެމަނިކުފާނު ދިރިއުޅުއްވި ހެންވޭރު ފުންވިލު ގޭގެ ސިޑި މަތިން ހަމަލާދީ 2012 އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައެވެ.

އެމައްސަލައިގައި ކުށް ސާބިތުވާކަމަށް ނިންމީ ހ ލޮބީ ހުސައިން ހުމާމްގެ މައްޗަށެވެ. އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް ޝަރުއީ ހުރިހާ މަރުހަލާއެއް ނިންމައި މިހާރު އޮތީ ތަންފީޒު ކުރުމުގެ މަރުހަލާގައެވެ.