ސިޔާސީ މައްސަލަތަކުގައި ކޮންޓްރިބިއުޓަރެއްގެގޮތުން ސީއެންއެންއަށް މައުލޫމާތުދެއްވާ މާކް ލެމޮންޓް ހިލް، އިސްރާއީލު ކުށްވެރިކޮށް ވާހަކަ ދެއްކެވުމުން، ސީއެންއެންއިން އޭނާއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލް ކޮށްފިއެވެ.

މާކް ލެމޮންޓް ހިލްއަކީ އެމެރިކާގެ ޓެމްޕަލް ޔުނިވަރސިޓީގެ މީޑިއާ ސްޓަޑީޒް ޕްރޮފެސަރެކެވެ.

އދގައި ތަގްރީރު ކުރައްވަމުން އޭނާވަނީ، ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ސަރުކާރުން ރާވައިގެން ހިންގާ ޖަރީމާތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި އިސްރާއީލުން މަސައްކަތް ކުރަމުން ގެންދަނީ ނަސްލެއް ނެތިކޮށްލުމަށް ކަމަށްވެސް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ސީއެންއެންގެ ތަރުޖަމާނު ނެރުނު ބަޔާނުގައި ބުނެފައިވަނީ، މާކް ލެމޮންޓް ހިލްއާއެކު ހަދާފައިވާ އެއްބަސްވުން މިހާރު ބާތިލްކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، އެއްބަސްވުން ބާތިލްކުރި ވަކި ސަބަބެއް ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.

އެކަމަކު، ސީއެންއެންއިން މިފިޔަވަޅު އެޅީ، މާކް ލެމޮންޓް ހިލް ދެއްކެވި ވާހަކަތަކާ ގުޅިގެން އެމެރިކާގެ އެންޓި-ޑިފަމޭޝަން ލީގާއި، އެހެންވެސް ގްރޫޕްތަކުން އެވާހަކަތަކާ ދެކޮޅުހަދާން ފެށުމުންނެވެ.

އދއިން އިއްޔެ ފާހަގަކުރި ފަލަސްތީނުގެ އެއްބައިވަންތަ ދުވަހުގެ ބައްދަލުވުމުގައި ތަގްރީރު ކުރައްވަމުން ލެމޮންޓް ވަނީ، ފަލަސްތީނު މިނިވަން ކުރުމަށްވެސް ގޮވާލައްވާފައެވެ. އެގޮތުން އޭނާ ވިދާޅުވެފައިވަނީ "ކޯރުން ފެށިގެން ކަނޑާ ހަމައަށް" ފަލަސްތީނު މިނިވަން ކުރުމަށެވެ.

އެމެރިކާގެ ޖަމާއަތްތަކުން ބުނަނީ "ކޯރުންފެށިގެން ކަނޑާހަމައަށް" މާނައަކީ އިސްރާއީލުވެސް ނެތިކޮށްލުން ކަމަށެވެ. އަދި ފަލަސްތީނުގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަ ކުރަނީވެސް ބައިބައިވުމާއި ނަފުރަތު އުފެއްދުމުގެ ބޭނުމުގައި ކަމަށް ބުނެފައި ވެއެވެ.

މާކް ލެމޮންޓް ހިލްވަނީ، އދގެ ބައްދަލުވުމުގައި އޭނާ ކުރެއްވި ތަގްރީރު ސޯޝަލް މީޑިއާގައި ދިފާއު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، އޭނާގެ މަގްސަދަކީ ނަފުރަތު އުފެއްދުން ނޫން ކަމަށާއި، ފަލަސްތީނު މިނިވަން ކުރުމަށް ގޮވާލެއްވީ ތަނެއް ނުވަތަ ބަޔަކު ނެތިކޮށްލުމަށްވެސް ނޫން ކަމަށެވެ.

"އެއީ، ފަލަސްތީނާއި އިސްރާއީލުވެސް ހިމެނޭގޮތުން އިންސާފަށް ގޮވާލި ގޮވާލުމެއް. އަޅުގަނޑުގެ ވާހަކައިގައި އެކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ. ފަލަސްތީނުގެ މިނިވަންކަމަށް އަޅުގަނޑު ސަޕޯޓްކުރަން. އިސްރާއީލުގެ ސިޔާސަތުތަކާއި އަމަލުތައް އަޅުގަނޑު ވަރަށް ބޮޑަށް ކުށްވެރިކުރަން. ޔަހޫދީން މެރުމާއި، ނަފުރަތު އުފެއްދުމަށް އަޅުގަނޑު ތާއީދެއް ނުކުރަން" މާކް ލެމޮންޓް ހިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

ސީއެންއެންއިން މާކް ލެމޮންޓް ހިލްގެ އެއްބަސްވުން ބާތިލްކުރުމުން، އެމެރިކާގެ ސިޔާސީ ފަރާތްތަކާއި، ނޫސްވެރިންނާއި އަދި ފަލަސްތީނަށް ތާއީދުކުރާ އެމެރިކާގެ އެކްޓިވިސްޓުންވެސް ގެންދަނީ އެކަން ކުށްވެރި ކުރަމުންނެވެ. އަދި ބުނަމުންގެންދަނީ ސީއެންއެންގެ އެ އަމަލަކީ ލަދުވެތި އަމަލެއް ކަމަށެވެ. އިސްރާއީލުގެ ކަނާތުފިޔައިގެ ގްރޫޕްތަކުގެ ފިއްތުންތަކަށް ސީއެންއެން ދީލާލާތީ އެކަންވެސް ކުށްވެރި ކޮށްފައި ވެއެވެ.