މ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން މުޅި އަތޮޅަށް ބޭއްވި ފޯރިގަދަ ވޮލީ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން މަޑުއްވަރީ ޒުވާން ޖީލުން ހޯދައި އަންހެން ބައިގެ ޗެމްޕިއަންކަން ވޭވަށުން ހޯދައިފިއެވެ.

މަޑުއްވަރުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި މުލީ ވޮލީ ޓީމާ ވާދަކުރި މެޗު ކާމިޔާބުކޮށްގެންނެވެ. މުލީ ވޮލީ ކޯޓުގައި ކުޅުނު މިމެޗު މަޑުއްވަރިން ކާމިޔާބުކުރީ ފަސޭހަ ކަމާއި އެކު 3 ސެޓް 1 ސެޓުންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މަޑުއްވަރީ ޒުވާން ޖީލުގެ ރިޟްވާން މުޙައްމަދުއެވެ.

އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ވޭވަށު ދިރުން ހޯދީ ފައިނަލް މެޗުގައި ކޮޅުފުށީ ޒުވާނުންގެ ޖަމްއިއްޔާއާ ވާދަކުރި މެޗު ކާމިޔާބުކޮށްގެންނެވެ. މުލީ ވޮލީ ކޯޓުގައި ކުޅުނު މިމެޗު ވޭވަށުން ކާމިޔާބުކުރީ ފަސޭހަ ކަމާއި އެކު ސީދާ ތިން ސެޓުންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ވޭވަށު ދިރުމުގެ އައިމިނަތު ނަހުލާއެވެ.

އަތޮޅު ވޮލީ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޒަންގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު ރަނަރަޕް ޓީމަށްވަނީ 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ

ފިރިހެން އަދި އަންހެން ޑިވިޒަންގައި ހަތް ޓީމެއް މި އަހަރު ވަނީ ވާދަކޮށްފައެވެ.