އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރުގެ ހަތްވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ މުނަސަބަތުގައި ބާއްވާ ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.

އޭސް ހަޑްވެއާގެ މާފަންނު އަދި ހެންވެއިރުގައި ހުންނަ ފިހާރައިގައި މިޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މިއަދުން ފެށިގެން ކުރިއަށް އޮތް ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގައި 300 ރުފިޔާއިން ފެށިގެން މަތީގެ ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވާލެވޭ ފަރާތްތަކަށް އެފް ސެވަން މޮޓޯ ސައިކަލެއް ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ. މީގެ އިތުރުން މި ޕްރޮމޯޝަންގައި 70 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓް ދިނުމަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.

މިޕްރޮމޯޝަންގައި ލިބެން ހުންނަ ތަކެތީގެ ތެރޭގައި ސުކޫލު ކުދިންގެ ދަބަހާއި، ލަންޗް ބޭގް، ލަންޗް ބޮކްސް، ފެންފުޅި އަދި ތަފަތު ވައްތަރުގެ ސްޓޭޝަނަރީ ފަދަ ތަކެތި ހިމެނިގެން ދިއުމަކީ މިޕްރޮމޯޝަން ހާއްސަވާ ސަބަބެއް ކަމަށްވެސް އޭސް ހާޑްވެއާ އިން ވަނީ މައުލޫމާތު ދީފަ އެވެ.

އޭސް ހާޑްވެއާގެ ދެ ފިހާރައިގައި ކުރިއަށްދާ ޕްރޮމޯޝަންގެ އިތުރުން ސޯސަލް މީޑިއާގައި ވެސް ހާއްސަ ޕްރޮމޯޝަނެއް ވަނީ ފަށާފަ އެވެ. ކޮމެންޓާއި ލައިކް ދިނުމުން ސޯޝަލް މީޑިއާ ޕްރޮމޯޝަންގައި ބައިވެރިވެވޭއިރު ސޯޝަލް މީޑިއާ ޕްރޮމޯޝަންގައި ނަސީބުވެރި ފަސް ފަރާތަކަށް މުޅި އަހަރު ދުަވަހުގެ ތެރރޭގައި ކުރާ ވިޔަފާރިން 20 އިންސައްތަ ޑިސްކައުންޓް ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ.

ހަމަ އެހެންމެ މުޖުތަމައުގެ ކަންކަމުގައި ބައިވެރިވެ، މުޖުތަމައުގެ ތަރައްގީ އާއި ކުރިއެރުމަށް މަސައްކަތް ކޮށްދިނުމުގެ ގޮތުން މި ޕްރޮމޯޝަންގައި ވިއްކާ ކުޑަކުދިންގެ ކުޅޭ ސާމާނުން ލިބޭ އާމްދަނީގެ އިންސައްތަ އެއް އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށްވެސް އޭސް ހާޑްވެއާ އިން ވަނީ ބުނެފަ އެވެ.

އޭސް ހާޑް ވެއާގެ ވިޔަފާރި ރާއްޖޭގައި ފެށިގެން ދިޔައީ އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަނޭޝަނަލް އާއި ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޯ-ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވެވުނު އެއްބަސް ވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން އޭސް ހާޑްވެއާގެ ފުރަތަމަ ފިހާރަ ރާއްޖޭގައި ހުޅުވާފައިވަނީ 20 ޑިސމްބަރު 2011 ގައެވެ. އަދި ދެވަނަ ފިހާރަ ހުޅުވާފައިވަނީ 19 ޑިސެމްބަރު 2013 ގަ އެވެ.