އެމެރިކާގެ މޭޖާ ލީގުގެ ކްލަބެއް ކަމަށްވާ ނިއުޔޯކް ސިޓީ ދޫކޮށް ޖަޕާންގެ ވިސްލް ކޯބޭއަށް ބަދަލުވާން ސްޕެއިންގެ ތަޖުރިބާކާރު ފޯވާޑް ޑޭވިޑް ވިޔާ ނިންމައިފިއެވެ.

ޖަޕާންގެ ވިސްލް ކޯބޭއަކީ ވިޔާއާއެކު ބާސެލޯނާގައި ކުޅުނު ސްޕެއިންގެ މިޑްފީލްޑަރު އަންދްރެސް އިނިއެސްޓާ މިހާރު ކުޅެމުން އަންނަ ޓީމެވެ. ވިސްލް ކޯބޭއަށް ބަދަލުވާނެކަން ވިޔާ އިއުލާނުކުރިއިރު، އޭނާއާއެކު އެޓީމަށް ޖަރުމަންގެ ފޯވާޑް ޕޮޑޮލްސްކީވެސް ބަދަލުވާނެއެވެ.

އެތުލެޓިކޯ މެޑްރިޑް ދޫކޮށް 2014 ވަނަ އަހަރު ނިއުޔޯކް ސިޓީއަސް ބަދަލުވީ ވިޔާ ވަނީ އެޓީމަށް ކުޅެދިން 124 މެޗުގައި 80 ގޯލް ކާމިޔާބުކޮށްފައެވެ. އޭނާއަކީ އެޓީމަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިޔާއެވެ.

ވިޔާ ބުނީ އޭނާ ނިއުޔޯކް ސިޓީ ދޫކޮށްލާނީ މި އަހަރު ނިމުމުން، އޭނާގެ އެއްބަސްވުން ހަމަވުމުން ކަމަށެވެ.

ސްޕެއިންގެ ވެލެންސިއާގައި 5 ސީޒަން ހޭދަކުރި ވިޔާ ވަނީ އެޓީމަށް ކުޅެދިން 225 މެޗުގައި 129 ގޯލް ކާމިޔާބުކޮސްފައެވެ. އެއަށްފަހު ބާސެލޯނާއަށް ބަދަލުވުމަށްފަހު ވިޔާ ވަނީ 119 މެޗުގައި 48 ގޯލް ޖަހާފައެވެ.

މީގެ އިތުރުން އޭނާ ވަނީ ސްޕެއިންގެ ގައުމީ ޓީމާއެކު 2008 ވަނަ އަހަރުގެ ޔޫރޯގެ އިތުރުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައެވެ.