ސްރީލަންކާއަށް ވަރަށް އަވަހަށް އާ ބޮޑުވަޒީރެއް އައްޔަން ކުރައްވަން ރައީސް މައިތުރިޕާލަ ސިރިސޭނާ ނިންމަވައިފި ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ސްރީލަންކާގެ ތަމަޅަ ސިޔާސީ ޕާޓީތައް ހިމެނޭ ޓެމިލް ނޭޝަނަލް އެލަޔަންސުން ބުނެފައިވަނީ، ބޮޑުވަޒީރެއް އައްޔަން ކުރެއްވުމުގެ މައްސަލަ ޕާލަމެންޓަށް ހުށަހަޅަން ރައީސް ސިރިސޭނާ އަންގަވާފައިވާ ކަމަށެވެ. އެއީ، އެ އެލަޔަންސާއި، ރައީސާ ދެމެދު ބޭއްވި ބައްދަލުވުމުގައެވެ.

ޓެމިލް ނޭޝަނަލް އެލަޔަންސުގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރ އާރް ސަމްޕަންތަން ވިދާޅުވީ، ބޮޑުވަޒީރުކަމަށް އައްޔަން ކުރައްވާ ބޭފުޅެއްގެ ނަން ރައީސް ސިރިސޭނާ ވަރަށް އަވަހަށް އިޢްލާން ކުރައްވާނޭ ކަމަށެވެ.

ޓެމިލް ނޭޝަނަލް އެލަޔަންސުގެ ޕާލަމެންޓް މެމްބަރެއް ކަމަށްވާ ޗާރލްސް ނިރްމަލަނަތަން ވިދާޅުވީ، މިހާރު އޮތް ހާލަތުގައި ސްރީލަންކާއަށް ކުރިއަށް ނުދެވޭނޭ ކަމަށާއި، މައްސަލަ ހައްލުކުރުމަށް ފިޔަވަޅު އެޅުއްވުމަށް ބައްދަލުވުމުގައި ރައީސަށް ދެންނެވި ކަމަށެވެ. އެގޮތުން، ކުރިއަށްއޮތް 4 ނުވަތަ 5 ވަރަކަށް ދުވަހުގެ ތެރޭގައި މައްސަލަ ހައްލުކުރައްވާނޭ ކަމަށް ރައީސް ވައުދުވެވަޑައި ގެންނެވި ކަމަށްވެސް ޗާރލްސް ވިދާޅުވިއެވެ.

ސްރީލަންކާ މިހާރު ވެއްޓިފައިވާ ސިޔާސީ މައްސަލަތަކުގެ ވަޅުގަނޑުން އަރައިގަތުމަށް، އެގައުމުގެ ސިޔާސީ އެކިއެކި ޕާޓީތަކުން ގެންދަނީ ރައީސް ސިރިސޭނާއާ ބައްދަލު ކުރައްވަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން، މައްސަލަ ހައްލު ކުރެވޭނެ މަގެއް ފެނޭތޯ މަހިންދަ ރާޖަޕަކްސައާއި، މަގާމުން ދުރުކޮށްފައިވާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަވެސް އިއްޔެވަނީ ޕާލަމެންޓް އިމާރާތުގައި ބައްދަލު ކުރައްވާފައެވެ.

ރަނިލް ވިކްރަމަސިންހަ މަގާމުން ވަކިކުރެއްވުމަށްފަހު ރައީސް ސިރިސޭނާ ބޮޑުވަޒީރު ކަމަށް އައްޔަން ކުރެއްވި މަހިންދަ ރާޖަޕަކްސަގެ އިތުބާރު ނެތްކަމަށް ޕާލަމެންޓުން ދެފަހަރަށް ފާސްކޮށްފައިވާއިރު، މަހިންދަގެ އޮފީހާއި، އޭނާގެ ސަރުކާރަށް އެއްވެސް ޚަރަދެއް ނުކުރެވޭގޮތަށް ޕާލަމެންޓުން އިހަށްދުވަހުވަނީ ގަރާރެއްވެސް ފާސްކޮށްފައެވެ.

މިކަންކަމުގެ ސަބަބުން މަހިންދަ ރާޖަޕަކްސައަށް ކުރިއަށް ވަޑައިގެންނެވޭނެ މަގުތައް ވަނީ ބަންދުވެފައެވެ.

ރައީސް ސިރިސޭނާ ފަހުން ވިދާޅުވަމުން ގެންދަވާފައިވަނީ، ބޮޑުވަޒީރުކަމަށް އަލުން ރަނިލް ވިކްރަމަސިންހަ އައްޔަން ކުރައްވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. ނަމަވެސް، ރަނިލް ނޫން ބޭފުޅަކު އައްޔަން ކުރައްވާނެ ކަމުގެ އިޝާރާތްވަނީ ކުރައްވާފައެވެ.

ޕާލަމެންޓްގައި އަޣުލަބިއްޔަތުއޮތީ ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީއަށްކަމުން ބޮޑުވަޒީރު ކަމަށް ވަޑައިގަތުން އެކަށީގެންވަނީ އެޕާޓީގެ ބޭފުޅެކެވެ.

ބޮޑުވަޒީރުކަމަށް ރަނިލް އައްޔަން ނުކުރައްވާނޭ ކަމަށް ރައީސް ވިދާޅުވަމުން ގެންދަވާއިރު، ޔޫއެންޕީގެ ޑެޕިއުޓީ ލީޑަރ ސާޖިތު ޕްރެމަދާސާ މިއަދު ވިދާޅުވީ، މިހާރުމިއޮތް ހާލަތުގައި ބޮޑުވަޒީރުކަން އޭނާ ގަބޫލު ނުކުރައްވާނޭ ކަމަށެވެ.

އޭނާ ވިދާޅުވީ، އޮކްޓޫބަރުމަހުގެ 26 ވަނަދުވަހު ރައީސް ސިރިސޭނާ ނިންމެވި ނިންމެވުން އަނބުރާ ގެންދަވާފާނެ ހާލަތެއްގައި ބޮޑުވަޒީރުކަމަށް ދެންވެސް ވަޑައިގަންނަވާނީ ރަނިލް ވިކްރަމަސިންހަ ކަމަށެވެ.