ޕާކިސްތާނުގެ ރަށްފުށުގެ ރައްޔިތުން ފަގީރުހާލުން އަރައިގަތުމަށް ބޮޑުވަޒީރު އިމްރާން ޚާން އިޢްލާން ކުރެއްވި ކުކުޅު ގެންގުޅުމުގެ މަޝްރޫއަށް ޕާކިސްތާނު ރައްޔިތުންގެ މަލާމާތާއި ހިތްހަމަނުޖެހުން ރައްދުވަމުން އެބަދެއެވެ.

އާ ސަރުކާރަށް 100 ދުވަސް ފުރުމާގުޅިގެން ވެރިރަށް އިސްލާމްއާބާދުގައި ހުންނަވައި ގައުމާ މުޚާތަބު ކުރައްވާ މިދިޔަ ބުރާސްފަތިދުވަހު ވާހަކަފުޅު ދައްކަވަމުން އިމްރާން ޚާން ވިދާޅުވެފައިވަނީ، ކުކުޅުގެ ވިޔަފާރިއަށް މަގުފަހި ކުރުމުގެގޮތުން ރަށްފުށުގެ އަންހެނުންނަށް ކުކުޅާއި ބިސްދިނުމުގެ މަޝްރޫއެއް ފެށްޓެވުމަށް ނިންމަވާފައިވާ ކަމަށެވެ.

މިމަޝްރޫއު ވެގެންދާނީ ވަރަށް ރަނގަޅު މަޝްރޫއަކަށް ކަމަށާއި، މިކަމުގެ ސަބަބުން ފަގީރުހާލުން އަރައިގަތުމަށް އެހީވެދޭނޭ ކަމަށްވެސް ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެފައި ވެއެވެ.

"އެފަދަ މަޝްރޫއެއް އަޅުގަނޑު މި ހުށަހަޅަނީ. އެއީ އެތައް ބިލިއަން ޑޮލަރު ބޭނުންވާ މަޝްރޫއެއްނޫން. މިމަޝްރޫއުވަނީ އަޖުމަ ބެލިފައި. އެމީހުންނަށް (ރަށްފުށުގެ އަންހެންވެރިންނަށް) އިންޖެކްޝަނާއެކު ކުކުޅާއި ބިސް ފޯރުކޮށްދީފިނަމަ އެމީހުންނަށް ކުކުޅު އާލާކުރެވޭނެ އަދި ވިއްކުމަށްޓަކައި ކުކުޅާއި ބިސް އުފެއްދޭނެ. މިއީ ފަގީރު ހާލުން އަރައިގަނެވޭނެގޮތެއް" އިމްރާން ޚާން ވިދާޅުވެފައި ވެއެވެ.

ވޯރލްޑް ބޭންކްއިން އެންމެފަހުން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ޕާކިސްތާނުގެ މުޅި އާބާދީގެ %24.3 މީހުން ދިރިއުޅެމުންގެންދަނީ ގައުމީގޮތުން ކަނޑައަޅާފައިވާ މިންގަނޑަށްވުރެ ފަގީރު ހާލަތުގައެވެ.

ބޮޑުވަޒީރު އިމްރާން ޚާން ކުކުޅު ގެންގުޅުމުގެ މަޝްރޫއު އިޢްލާން ކުރެއްވިއިރު އެތަނުގައި ތިއްބެވި ބައެއް ފަރާތްތަކުން އެކަމަށް ތައުރީފް ކުރައްވައި އަތްތިލަބަޑި ޖެހިނަމަވެސް، ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުންނާއި، ޕާކިސްތާނުގެ އިދިކޮޅު ފަރާތްތަކުން ގެންދަނީ ބޮޑުވަޒީރު އިމްރާން ޚާންއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ބޮޑުވަޒީރުގެ މަޝްރޫއަށް މަލާމާތްވެސް ކުރަމުންނެވެ.

ބޮޑުވަޒީރުގެ މި މަޝްރޫއަށް ބައެއް ފަރާތްތަކުން މަލާމާތުގެގޮތުން ކިޔަމުންދަނީ މިއީ ބޮޑުވަޒީރުގެ "އެގޮނޮމިކްސް" ސިޔާސަތު ކަމަށެވެ.

"ގައުމީ އަދި ބައިނަލްއަގްވާމީ ޕްލެޓްފޯމްތަކުގައި ވާހަކަ ދެއްކެވުމުގެ ކުރިން 100 ފަހަރު ވިސްނެވުމަށް އިމްރާން ޚާންއަށް ދަންނަވަން. ވެރިކަމަށް 100 ދުވަސް ފުރުން ފާހަގަކޮށް އެކަމުގެ ވާހަކަ ދައްކަވަމުން ކުކުޅުބިހާއި ކުކުޅު ގެންގުޅުމުގެ މަޝްރޫއެއްގެ ވާހަކަ ދެއްކެވުމަކީ ހެއްވާކަމެއް" އުސްމާން ޚާން ނަމަކަށްކިޔާ މީހަކު ކުރި ޓްވީޓެއްގައި ބުނެފައި ވެއެވެ.

ކުރީގެ ދާޚިލީ ވަޒީރު އަހްސަން އިގްބާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ބޮޑުވަޒީރުގެ އޮފީހުގައި މަޝްވަރާ ކުރަނީ ކޮން ޒާތެއްގެ ކަންކަމާ މެދުގައިކަން މިކަމުން ހާމަވެގެން ހިނގައްޖެ ކަމަށެވެ.

ބައެއް މީހުން ބުނަނީ، މިފަދަ ޒަމާނެއްގައި ފަގީރުހާލުން އަރައިގަތުމަށް މިޒާތުގެ މަޝްރޫއެއް ހިންގަން ވިސްނުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫން ކަމަށެވެ.

ބޮޑުވަޒީރު އިޢްލާން ކުރެއްވި މަޝްރޫއުގެ ސަބަބުން ބައެއް މީހުން ހައިރާންވެ އަދި ގައުމާމެދު ކަންބޮޑުވާކަން ހާމަކުރަމުން ގެންދާއިރު، މިއީ ވަރަށް ސީރިއަސް ކޮމެޑީއެއް ކަމަށް ބައެއް މީހުން ބުނަމުން ގެންދެއެވެ. ސޯޝަލް މީޑިއާގައި ބޮޑުވަޒީރަށް މަލާމާތްކުރުމުގެ އޮއިވަރެއް ފެށިގެން ކުރިއަށް އެބަދެއެވެ.

މި މަލާމާތަށް ބޮޑުވަޒީރު އިމްރާން ޚާންވަނީ ޓްވިޓަރ މެދުވެރިކޮށް ރައްދުވެސް ދެއްވާފައެވެ. އެގޮތުން، ކުކުޅަކީ ފަގީރު ހާލުން އަރައިގަތުމަށް އެންމެ މުހިންމު ހައްލުކަމަށް ދުނިޔޭގެ އެންމެބޮޑު މަހުޖަނު ބިލް ގޭޓްސް ވިދާޅުވެފައިވާ ވާހަކައިގެ އާޓިކަލް ޓްވީޓް އިމްރާން ކުރައްވާފައެވެ. މި އާޓިކަލްއަކީ ބިޒްނަސް އިންސައިޑަރގައި 2016 ވަނަ އަހަރު ޝާއިއުކޮށްފައިވާ ލިއުމެކެވެ.

އެ ލިއުމަކީ، ދެމެހެއްޓެނެވި ދަނޑުވެރިކަމާއި، އަންހެނުން ބާރުވެރިކުރުވުމުގެ މަސައްކަތުގައި ހިލޭސާބަހަށް މަސައްކަތްކުރާ ހައިފަރ އިންޓަރނޭޝަނަލްއަށް ބިލް ގޭޓްސް އެއްލައްކަ ކުކުޅު ހަދިޔާކުރުމާ ގުޅޭ ލިއުމެކެވެ.

މިލިއުމާއެކު، އިމްރާން ޚާން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ޕާކިސްތާނު ރައްޔިތުން ފަގީރު ހާލުން އަރައިގަތުމަށް ކުކުޅު ގެންގުޅޭ ވާހަކަ ދެއްކުމުން ޕާކިސްތާނުގެ ބައެއް މީހުން މަލާމާތް ކުރަމުންދާ ކަމަށާއި، އެކަމަކު ފަގީރު ހާލުން އަރައިގަތުމަށް ކުކުޅު ގެންގުޅޭ ވާހަކަ ބޭރުމީހުން ދައްކައިފިނަމަ އެއީ ވަރަށް މޮޅު ޚިޔާލެއްކަމަށް ވެދާ ކަމަށެވެ.