ދިރާސާތަކުން ދައްކާގޮތުން ބޮޑު މީހަކަށް ރޭގަނޑު 6 ގަޑިއިރާއި 8 ގަޑިއިރާ ދެމެދުގެ ނިދި ބޭނުންވެ އެވެ. ރޭގަނޑު މާމަދުން ނިދާނަމަ މުޅި ހަށިގަނޑަށް އޭގެ ނޭދެވޭ އަސަރުތައް ކުރާއިރު މީހާގެ ހަންގނަޑަށް ހާއްސަކޮށް މޫނުގެ ހަންގަޑަށް އޭގެއިން ކުރާ ނުބައި އަސަރުތައް ވަރަށް ގިނަ އެވެ.

ރޭގަނޑުގެ ނިންޖަކީ ސިކުނޑިއާއި މުޅި ހަށިގަނޑަށް އަރާމު ލިއްބައިދިނުމުގެ އިތުރުން ދުވާލުގެ ބުރަ މަސައްކަތައްފަހު ހަށިގަނޑަށް ލިބިފައި ހުންނަ ކުދި ގެއްލުންތައް ރަނގަޅުކޮށްލަދޭ ކާނާ އެކެވެ. މީހާ ނިދާ ވަގުތަކީ ކޮންމެ ދުވަހަކުވެސް ހަށިގަނޑުން މަރުވާ ސެލްތައް ހަށިގަނޑުން ނައްތާލާ، އާ ސެލްތައް އުފައްދާ ވަގުތެވެ.

ކޯނެލް ޔުނިވަސިޓީގައި ކޮށްފައިވާ ދިރާސާއަކުން ވަނީ ރޭގަނޑު ހަމަ ނިދި ލިބޭ މީހުންގެ ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުވާ މިންވަރު، ހަމަ ނިދި ނުލިބޭ މީހުންނަށްވުރެ 60 އިންސައްތަ މަތިކަން ފާހަގަކުރެވިފަ އެވެ. އަދި މީގެ ސަބަބަުން މީހާ ހޭލާއިރު ހަންގަނޑު އުޖާލާވެފައި ރީތިވާ ކަންވެސް މި ދިރާސާއިން ވަނީ ފާހަގަކުރެވިފަ އެވެ.