ސްރީލަންކާގެ ޕާލަމެންޓްގެ އަޣުލަބިއްޔަތު އޮންނަ ޔުނައިޓެޑް ނޭޝަނަލް ޕާޓީން، ބޮޑުވަޒީރުކަމަށް ރަނިލް ވިކްރަމަސިންހަގެ ނަންފުޅު ހުށަހަޅައިފިއެވެ.

ރަނިލް ވިކްރަމަސިންހައަކީ ޔުނައިޑެޓް ނޭޝަނަލް ޕާޓީ، ޔޫއެންޕީގެ ލީޑަރުވެސް މެއެވެ.

ސްރީލަންކާ ސިޔާސީ ހަލަނބޮލިކަމުގެ ތެރެއަށް ވެއްޓުނީ، ރައީސް މައިތުރިޕާލަ ސިރިސޭނާ، އޮކްޓޫބަރުމަހުގެ 26 ވަނަ ދުވަހު ކުއްލިގޮތަށް ރަނިލް ބޮޑުވަޒީރުކަމުން ވަކިކުރައްވައި، އޭނާގެ ސަރުކާރުވެސް ރޫޅާލައްވައި، އާ ބޮޑުވަޒީރަކަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ޗެއަރމަން، ސްރީލަންކާގެ ރައީސް ސިރިސޭނާއާއި، ޕާލަމެންޓްގައި ހިމެނޭ ޓެމިލް ނޭޝަނަލް އެލަޔަންސްގެ ލީޑަރ އާރް ސަމްޕަންތަމްއަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، އެޕާޓީން ބޮޑުވަޒީރު ކަމަށް ހުށަހަޅާ ނަންފުޅަކީ ރަނިލް ވިކްރަމަސިންހަގެ ނަންފުޅު ކަމަށެވެ.

ހަމަ އެއާއެކު، ސްރީލަންކާ މިހާރުއޮތް ހަލަނބޮލިކަމުގެ ތެރޭގައި ޓެމިލް ނޭޝަނަލް އެލަޔަންސުން ޔޫއެންޕީއަށް ތާއީދުދެމުން ގެންދާތީ، ޔޫއެންޕީ ޗެއަމަންގެ ސިޓީގައި ޝުކުރުއަދާ ކޮށްފައިވެސް ވެއެވެ.

ސްރީލަންކާއިން އިއްޔެ ލިބެމުންދިޔަ ރިޕޯޓްތައް ބުނާގޮތުން، ސްރީލަންކާގެ ރައީސް ސިރިސޭނާ ކުރިއަށްއޮތް ހަތަރު ފަސްދުވަހެއްގެ ތެރޭގައި އާ ބޮޑުވަޒީރެއް އައްޔަން ކުރައްވާނެއެވެ.

ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތައް ހައްލުކުރުމަށް ފިޔަވަޅުތައް އަޅުއްވައި، ވަރަށް އަވަހަށް އާ ބޮޑުވަޒީރެއް އައްޔަން ކުރައްވާނެ ކަމަށް ރައީސް ސިރިސޭނާ ވައުދުވެވަޑައި ގެންފައިވާ ކަމަށް ޓެމިލް ނޭޝަނަލް އެލަޔަންސުން އިއްޔެ ބުނެފައި ވެއެވެ.

އެހެން ނަމަވެސް، ސްރީލަންކާ ރައީސް ސިރިސޭނާ މިދިޔަ ނޮވެމްބަރުމަހުގެ 25 ވަނަދުވަހުވަނީ، ބޮޑުވަޒީރުކަމުގެ މަގާމަށް ރަނިލް ވިކްރަމަސިންހަ އަލުން އިސް ނުކުރައްވާނެ ކަމަށް ވައުދުވެވަޑައި ގެންފައެވެ.

ކޮޅުނބުގައި ތިބޭ ބޭރު މީޑިއާތަކުގެ ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސިރިސޭނާ ވިދާޅުވެފައިވަނީ، ރަނިލް ވިކްރަމަސިންހައަކީ ވަރަށް ބޮޑަށް ކޮރަޕްޓްވެފައިވާ ބޭފުޅެއް ކަމަށެވެ.

"ޔޫއެންޕީއަށް ޕާލަމެންޓްގެ އަޣުލަބިއްޔަތު އޮތްނަމަވެސް، އެ ޕާޓީއަށް އަޅުގަނޑު ވާނީ ދަންނަވާފައި ބޮޑުވަޒީރުކަމަށް އައްޔަންކުރަން ރަނިލްގެ ނަންފުޅު އަޅުގަނޑާ ހަމައަށް ނުގެނައުމަށް. އަޅުގަނޑު އޭނާ ބޮޑުވަޒީރުކަމަށް އިސް ނުކުރާނަން. އަޅުގަނޑުގެ ހަޔާތުގައި އެކަމެއް ނުކުރާނަން" ސްރީލަންކާގެ ރައީސް ވިދާޅުވިއެވެ.

ސްރީލަންކާގެ ގާނޫނުއަސާސީގައިވާގޮތުން ބޮޑުވަޒީރުކަމަށް ބޭފުޅަކު އައްޔަން ކުރެއްވުމުގެ ބާރު އޮންނަނީ ރައީސަށެވެ.

ރަނިލް ވިކްރަމަސިންހަ ފިޔަވައި، އެޕާޓީން އެހެން ބޭފުޅެއްގެ ނަން ބޮޑުވަޒީރުކަމަށް ހުށަހަޅުއްވައިފިނަމަ އެކަން ގަބޫލު ކުރައްވާނެ ކަމަށް ސިރިސޭނާ ވިދާޅުވެފައި ވީނަމަވެސް، ޔޫއެންޕީގެ ޑެޕިއުޓީ ލީޑަރ ސާޖިތު ޕްރެމަދާސާ އިއްޔެ ވިދާޅުވީ، މިހާރުމިއޮތް ހާލަތުގައި ބޮޑުވަޒީރުކަން އޭނާ ގަބޫލު ނުކުރައްވާނޭ ކަމަށެވެ.

އޭނާ ވިދާޅުވީ، އޮކްޓޫބަރުމަހުގެ 26 ވަނަދުވަހު ރައީސް ސިރިސޭނާ ނިންމެވި ނިންމެވުން އަނބުރާ ގެންދަވާފާނެ ހާލަތެއްގައި ބޮޑުވަޒީރުކަމަށް ދެންވެސް ވަޑައިގަންނަވާނީ ރަނިލް ވިކްރަމަސިންހަ ކަމަށެވެ.