ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ، ބޮޑުވަޒީރުގެ ހައިސިއްޔަތުން އެއްވެސް މަސްއޫލިއްޔަތެއް އަދާކުރެއްވުން، އެގައުމުގެ ކޯޓް އޮފް އެޕީލްއިން ހުއްޓުވައިފިއެވެ.

މަހިންދަ ރާޖަޕްސަގެ އިތުރުން، އޭނާ އެކުލަވާލައްވާފައިވާ ސަރުކާރުގެ ކެބިނެޓްގެ އެއްވެސް ވަޒީރަކުވެސް ރަސްމީ އެއްވެސް ޒިންމާއެއް އަދާކުރެއްވުން ކޯޓުން މަނާކޮށްފައި ވެއެވެ.

ކޯޓް އޮފް އެޕީލްއިން މަހިންދަ ރާޖަޕަކްސަގެ މައްޗަށާއި، އޭނާގެ ކެބިނެޓްގެ މައްޗަށް މިއަމުރު ނެރުނީ ވަގުތީގޮތުންނެވެ. އެއީ، ޕާލަމެންޓުން މަހިންދަ ރާޖަޕަކްސައާ ދެކޮޅަށް އިތުބާރުނެތްކަމުގެ ދެވޯޓު ފާސްކޮށްފައި ވާއިރުވެސް މަގާމުން ދުރަށް ޖެހިވަޑައިގަތުމަށް ދެކޮޅު ހައްދަވަމުން ގެންދަވާ މައްސަލާގައި ސްރީލަންކާ ޕާލަމެންޓްގެ 122 މެމްބަރުން ސޮއިކުރައްވައި ކޯޓް އޮފް އެޕީލްއަށް ހުށަހެޅުއްވި މައްސަލަ އެކޯޓުން ބަލަމުންދާތީއެވެ.

ކޯޓް އޮފް އެޕީލްގެ ފަނޑިޔާރު ޕްރީތިޕަދާން ސުރަސޭނާ މިއަދު ނެރުއްވި އަމުރުގައި ވިދާޅުވެފައިވަނީ، މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުގެ ހައިސިއްޔަތުން މަގާމުގެ ޒިންމާތައް އަދާކުރެއްވުމާއި، އޭނާގެ ކެބިނެޓް މަސައްކަތާއިގެން ކުރިއަށްދިއުމަކީ އިއާދަ ނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށެވެ.

122 މެމްބަރުން ހުށަހަޅާފައިވާ މައްސަލަ ކޯޓް އޮފް އެޕީލްއިން ބަލަން ފަށާފައިވަނީ ނޮވެމްބަރުމަހުގެ 30 ވަނަ ދުވަހުއެވެ. އަދި މަހިންދަ ރާޖަޕަކްސައާއި ކެބިނެޓް ރަސްމީ ޒިންމާތައް އަދާކުރުން ވަގުތީގޮތުން ހުއްޓުވަން މިއަދު އަމުރު ނެރުނުއިރު، މިމައްސަލައިގެ އަޑުއެހުމެއް ބާއްވަން ދެން ތާވަލް ކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އެދުވަހު އޮންނާނީ ހުކުމް އިއްވުން ކަމަށްވެސް ފަނޑިޔާރު ޕްރޭތިޕަދާން ވިދާޅުވެފައި ވެއެވެ.

ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ، އެގައުމުގެ ބޮޑުވަޒީރު ކަމަށް އައްޔަން ކުރެއްވި މަހިންދަ ރާޖަޕަކްސަގެ އިތުބާރުނެތް ކަމަށް ޕާލަމެންޓުން ނޮވެމްބަރ 14 އަދި 18 ވަނަ ދުވަހު ވޯޓް ނަގައި ފާސްކޮށްފައި ވެއެވެ. އެއިން ކޮންމެ ފަހަރަކު މަހިންދަގެ އިތުބާރުނެތްކަމަށް 122 މެމްބަރުން ވޯޓް ދެއްވާފައި ވެއެވެ.

މި މެމްބަރުންގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ، ބޮޑުވަޒީރުކަމުގައި ދެމިހުންނަވަނީ ކޮން ހައިސިއްޔަތަކުންތޯ ސާފުކޮށްދިނުމަށް މަހިންދަ ރާޖަޕަކްސަގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ. އަދި މަހިންދަ ރާޖަޕަކްސައާއި އޭނާ އެކުލަވާލައްވާފައިވާ ސަރުކާރުގެ ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތްކަމަށް ވިދާޅުވެ، މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެންފައި ވެއެވެ.

މަހިންދަ ރާޖަޕަކްސައާއި، އޭނާގެ ކެބިނެޓްގެ މަސައްކަތް ކޯޓް އޮފް އެޕީލްއިން ހުއްޓުވި މައްސަލާގައި މަހިންދަގެ ފަރާތުން އަދި އެއްވެސް އެއްޗެއް ހާމައެއް ނުކުރެއެވެ.

ނަމަވެސް ކޯޓުގެ ނިންމުމަށް މަގާމުން ދުރުކޮށްފައިވާ ރަނިލް ވިކްރަމަސިންހައާއި، އޭނާގެ ޕާޓީން ގެންދަނީ ތައުރީފްކުރަމުންނެވެ.

މަހިންދަ ރާޖަޕަކްސައާއި، އޭނާގެ ކެބިނެޓް ކޯޓް އޮފް އެޕީލްއިން ހުއްޓުވިއިރު، މަހިންދައަށް އަދި އޭނާގެ ސަރުކާރަށްވެސް ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކުރެއްވޭގޮތަށް، ސްރީލަންކާގެ ޕާލަމެންޓުން ނޮވެމްބަރު 30 ގައި ވަނީ ގަރާރެއް ފާސްކޮށްފައެވެ.